ދުނިޔޭގެ އެއިޑްސް ދުވަސް ފާހަގަ ކުރުމުގެ ހަރަކާތްތަކުގެ ތެރެއިން، އެޗްޕީއޭ (ހެލްތު ޕްރޮޓެކްޝަން އެޖެންސީ)، ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް، ސޮސައިޓީ ފޯ ހެލްތު އެޑިއުކޭޝަން (ޝީ)، ޔުނިސެފް އަދި އައިޕީޕީއެފް ސައުތު އޭޝިއާ ރީޖަން ގުޅިގެން ހިންގި "ރެޑް ރިބަން ޗެލެންޖް" ގދ. އަތޮޅުގެ 6 ފަޅުރަށެއްގައި ކާމިޔާބު ކަމާއެކު ކުރިއަށް ގެންގޮސްފިއެވެ.
މި ވާދަވެރި ރޭސް ބޭއްވުމުގެ މައިގަނޑު މަޤްޞަދަކީ އެޗްއައިވީ / އެއިޑްސްއާ ބެހޭ ގޮތުން މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރު ކުރުމެވެ.
މިއަދު ހެނދުނުން ފެށިގެން ހަވީރަށް ކުރިއަށް ގެންދިޔަ މި ރޭހުގައި ގދ. ތިނަދޫ ސިޓީގެ 6 ޓީމާއި ނަޑެއްލާގެ 2 ޓީމު ހިމެނޭ ގޮތަށް ޖުމްލަ 8 ޓީމު ބައިވެރިވިއެވެ. ކޮންމެ ޓީމެއްގައި 5 މެމްބަރުން ހިމެނުނު މި ރޭހުގައި، އެއް ފަޅެއްގައި ހުރި ފަޅު ރަށާއި ފަޅުތެރޭގައި ތަފާތު އެތައް ކަމެއް ކުރިއަށް ގެންގޮސްފައިވެއެވެ. މި ހަރަކާތްތަކަކީ ޞިއްޙީ މައުލޫމާތު ފޯރުކޮށްދިނުމާއި އެއިޑްސްއާ ގުޅޭ ހޭލުންތެރިކަން އިތުރުކުރުމަށް އަމާޒުކޮށްފައިވާ ހަރަކާތްތަކެކެވެ.
އެތައް ގަޑިއިރެއްގެ ވާދަވެރިކަމަށްފަހު، ރޭސް ނިންމާފައިވަނީ ގދ. ނަޑެއްލާއަށެވެ. މި ރޭހުގެ 1 ވަނަ ހޯދައި، 10,000 ރުފިޔާގެ ބޮޑު އިނާމު ހާސިލުކުރީ ލައިޓް ގްރީން ޓީމް ވެމްކޯ އެވެ. ރޭސް ނިންމުމުގެ ރަސްމިއްޔާތު މިއަދު ހަވީރު ބާއްވާފައިވަނީ ވެސް ގދ. ނަޑެއްލާގައެވެ.
މި ޗެލެންޖަކީ އެޗްއައިވީ/އެއިޑްސްއަށް ހޭލުންތެރިކަން އިތުރުކުރުމަށް ބައިވެރިވި ފަރާތްތަކަށް މުނިފޫހިފިލުވުމުގެ ތެރެއިން މުހިއްމު މެސެޖްތައް ފޯރުކޮށްދިނުމަށް އެކުލަވާލެވުނު ކާމިޔާބު ހަރަކާތެކެވެ.


