ކ. މާފުށީގެ ބްރޭންޑް، “ހާޓް އޮފް މޯލްޑިވްސް” ނަމުގައި ރަސްމީކޮށް ތައާރަފްކޮށްފިއެވެ. މިއީ ރާއްޖޭގެ ގެސްޓްހައުސް ވިޔަފާރީގެ މައި މަރުކަޒުގެ ގޮތުގައި ފާހަގަކުރެވޭ މާފުށީގެ ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
މި ބްރޭންޑް ލޯންޗްކޮށްފައިވަނީ މާފުށީގައި ބޭއްވި ކުލަގަދަ ހަފްލާއެއްގައެވެ. މި ހަފްލާ ޝަރަފްވެރިކޮށްދެއްވައި ބްރޭންޑް ރަސްމީކޮށް ލޯންޗްކޮށްދެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.
މި ހަފްލާގައި ވާހަކަ ދައްކަވަމުން މާފުށި ކައުންސިލްގެ ރައީސް ހަސަން ސޮލާހު ވިދާޅުވީ މާފުއްޓަކީ މިހާރު ދެކޮޅު ޖެހޭ ހަލުވި އިގްތިސޯދެއް އޮތް ރަށެއް ކަމަށެވެ. އަދި މާފުށީގައި ކުރަމުންދާ ވިޔަފާރިތަކުގެ ފައިދާ މުޅިރާއްޖެއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ކުރަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.
ސޮލާހު އިތުރަށް ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާއަށް މާފުށިން ތައާރަފުކުރި ބައިވަރު ކަންކަން މިހާރު މުޅި ރާއްޖޭގައި ކުރަމުންދާ ކަމަށެވެ. ޓޫރިޒަމަށް 50 އަހަރު ފުރިގެންދާއިރު، މާފުށިން ތައާރަފުކުރި ކަންތައްތައް މަދެއް ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. “އެކްސްކާޝަންގެ ނަމުގައި ޝާކްބޭގެ ނަމުގައި އަތޮޅުތަކުގައި ޕޮއިންޓްތައް ހަދައިގެން މިކުރަނީ މާފުށީ ރައްޔިތުން ފެށި ކަންތައްތައް. މާފުށީގައި މިކަން ފެށީ ދެތިން މީހަކު. ޓޫރިޒަމްގެ ވިޔަފާރި ދަންނަ ދެތިން މީހެއް. އެކަމަކު މިހާރު ތަޖުރިބާހުރި އެތައް ބަޔަކު އެބަތިބި،” ސޮލާހު ވިދާޅުވިއެވެ.
މާފުށި ބްރޭންޑް ކުރުމަކީ ކައުންސިލް އިންތިހާބުގައި ވެފައިވާ ވައުދެއް ކަމަށް ސޮލާހު ވިދާޅުވިއެވެ. އަދި މިއަދު އެ ވައުދު މާފުށީ ރައްޔިތުންގެ ބުރަ މަސައްކަތުން ހާސިލްވެފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މި ބްރޭންޑުން މާފުށީގެ ޙަޤީޤީ ސިފަ ދައްކުވައިދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ރޭ ބޭއްވި މި ހަފްލާގައި އެ ރަށުގެ ގިނަ ރައްޔިތުންނާއި ގެސްޓްހައުސްގެ އިސް ފަރާތްތަކުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. މާފުށީގެ އާ ބްރޭންޑް ތައާރަފްކުރުމުގެ ކުލަގަދަ ހަފްލާ ނިންމާލާފައިވަނީ ހިތްގައިމު ހަވާ އެރުވުމުގެ ހަރަކާތަކުންނެވެ.

