މައްސަރުކަންތައް ޖެހުމުން ގިނަ އަންހެނުންނަށް ބަނޑުގައި ވަރަށް ބޮޑަށް ރިއްސައެވެ. ބައެއްމީހުންނަށް ދެ ތިން ދުވަހަށް އެނދުން ނުތެދުވެވޭ ވަރަށް ވެސް ރިއްސަފާނެއެވެ. މިފަދަ ހާލަތްތަކުގައި ގިނަ ބަޔަކު އަވަސް ލުޔެއް ހޯދުމަށްޓަކައި ތަދުކަނޑުވާ ބޭސް ބޭނުންކުރެއެވެ. ނަމަވެސް، ޑޮކްޓަރުން ލަފާދެއްވާ ގޮތުގައި ތަދުކަނޑުވާ ބޭސް ކާންވީ ހަމައެކަނި ކެތްނުކުރެވޭ ވަރަށް ރިއްސައިފިނަމަ އެވެ. ދިގު މުއްދަތަކަށް މިފަދަ ބޭސް ބޭނުންކުރުމުގެ ބަދަލުގައި، ރިހުން ކުޑަކުރުމަށްޓަކައި ގުދުރަތީ އަދި ފައިދާހުރި އެހެން ގޮތްތައް ހިޔާރުކުރުމަކީ މުހިންމު ކަމެކެވެ.
ޕީރިއަޑްގެ ވޭނުން ދުރުވުމަށް ޒަމާނުއްސުރެ ބޭނުންކުރަމުން އަންނަ އެންމެ ފަސޭހަ އަދި އަސަރުކުރާ އެއް ގޮތަކީ ހޫނުކުރުމުގެ ފަރުވާއެވެ. ހޫނުފެން އަޅާފައިވާ ހަމަކުން ނުވަތަ ހީޓް ޕެޑަކުން ބަނޑަށް ހޫނުކޮށްލުމަކީ ރިހުން ކުޑަކުރަން އެހީތެރިވެދޭ ކަމެކެވެ. ހޫނުކަން ލިބުމުން ބަނޑުގެ މަސްތައް ދޫވެ، ލޭ ހިނގުން ރަނގަޅުވެ، ރިހުން ކުޑަވެއެވެ. މީގެ އިތުރުން، ބަނޑުގައި ރިއްސާ ހިސާބު މަޑުމަޑުން މަސާޖު ކުރުމަކީ ވެސް ލޭ ހިނގުން ރަނގަޅުކޮށް، ރިހުން ކުޑަކޮށް، ބަނޑަށް އަރާމު ލިބޭނެ ގޮތެކެވެ. ޚާއްސަކޮށް ލެވްނޑަރ ނުވަތަ ޕެޕަރމިންޓް ފަދަ އެސެންޝަލް އޮއިލްތައް ބޭނުންކޮށްގެން މަސާޖު ކުރުމުން އިތުރު ހިތްހަމަޖެހުމެއް ލިބިދާނެއެވެ.
ޕީރިއަޑްގެ ރިހުން ކުޑަކުރުމަށް ގޭގައި ތައްޔާރުކުރެވޭ ބައެއް ބުއިންތައް ވަރަށް ފައިދާކުރެއެވެ.
މިގޮތުން އިނގުރު ސައި ހޫނުކޮށް ބުއިމަކީ ބަނޑަށް އަވަހަށް ލުއިކަމެއް ލިބޭނެ ފަރުވާއެކެވެ. އިނގުރުގައި ހިމެނޭ ތަކެތީގެ ސަބަބުން ދުޅަހެޔޮކަން ކުޑަކޮށް، ރިހުން މަޑުކޮށްދެއެވެ.
އަދި، ޕީރިއަޑް ދުވަސްވަރު އޮށޯވެ ނޯވެ، ވީހާވެސް ގިނައިން ހަރަކާތްތެރިވެ އުޅުމާއި ކަސްރަތު ކުރުމަކީ މުހިންމު ކަމެކެވެ.
ލުއި ކަސްރަތުތައް ކުރުމުން އެންޑޯފިންސް ދޫވެ، ރިހުމުގެ އިހުސާސް ކުޑަވެއެވެ. ޔޯގާ ނުވަތަ ހިނގާލުން ފަދަ ކަސްރަތުތަކަކީ މި ދުވަސްވަރަށް އެކަށީގެންވާ ކަސްރަތުތަކެވެ.
އިތުރު ފައިދާކުރަނިވި ގޮތްތައް؛
ރިހުން ކުޑަކުރުމަށް ބައެއް ކާނާގެ ބައިތައް (ސަޕްލިމެންޓްސް) ބޭނުންކުރުމަކީ ވެސް ފައިދާހުރި ކަމެކެވެ. މެގްނީޒިއަމް، އޯމެގާ-3 ފެޓީ އެސިޑްސް، އަދި ވިޓަމިން B1، B6، އަދި E ފަދަ ވިޓަމިންތަކަކީ މައްސަރުކަންތަކުގެ ރިހުން ކުޑަކުރުމުގައި އެހީތެރިވާކަން ދިރާސާތަކުން ދައްކާފައިވާ ތަކެއްޗެވެ. ނަމަވެސް، އެއްވެސް ސަޕްލިމެންޓެއް ބޭނުންކުރުމުގެ ކުރިން ޑޮކްޓަރެއްގެ ލަފާ ހޯދުން މުހިންމެވެ. މީގެ އިތުރުން، ސްޓްރެސް މެނޭޖްމަންޓް ކުރުމަކީ ވެސް ރިހުން ކުޑަކުރުމަށް އެހީތެރިވާ ކަމެކެވެ. ނޭވާލާ ކަސްރަތުތައް، މެޑިޓޭޝަން، ނުވަތަ ލުއި ސްޓްރެޗިންގ ފަދަ ރިލެކްސޭޝަން ޓެކްނިކްތައް ބޭނުންކުރުމުން ސްޓްރެސް ކުޑަވެ، އޭގެ ސަބަބުން ރިހުން ގަދަވުމުން ދުރުހެދެއެވެ.
ޕީރިއަޑްގެ ރިހުމަކީ އާންމު ކަމެއް ނަމަވެސް، ތަދުކަނޑުވާ ބޭހަށް ބަރޯސާވުމުގެ ބަދަލުގައި، ގުދުރަތީ އަދި ދިރިއުޅުމުގެ އާދަތަކަށް ބަދަލުތައް ގެނެސްގެން ލުޔެއް ހޯދިދާނެއެވެ. ހޫނުކަމުގެ ފަރުވާ، މަސާޖު، އިނގުރު ސައި، އަދި ކަސްރަތަކީ ރިހުން ކުޑަކުރުމަށް އެހީތެރިވާނެ ފަސޭހަ އަދި ފައިދާހުރި ގޮތްތަކެވެ. މިފަދަ ގޮތްތައް ހިޔާރުކުރުމަކީ ހަށިގަނޑަށް ލިބޭ ގެއްލުން ކުޑަކޮށް، ރިހުމަށް ދާއިމީ ހައްލެއް ހޯދުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

