ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުއިއްޒު، އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ބޮޑެތި އިނާމުތަކާއެކު ހުޅުވާލައްވާނެ ކަމަށް ރޭ އިޢުލާންކުރައްވައިފިއެވެ. މި މުބާރާތުގެ މަޤްޞަދަކީ ދިވެހިވަންތަ މަޢުލޫމާތާއި އަޚްލާޤީ ރިވެތި އުނގަންނައިދިނުމުގައި ޒަމާނީ ވަސީލަތްތައް ބޭނުންކުރުމަށް ބާރުއެޅުމެވެ.
ރައީސުލްޖުމްހޫރިއްޔާ މިކަން އިޢުލާންކުރެއްވީ ޤައުމީ އަދަބީ މުބާރާތްތަކުގެ ނަތީޖާ ފާޅުކުރުމަށް ރޭ ޞަލާހުއްދީން ސްކޫލްގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި އެމަނިކުފާނުގެ އަނބިކަނބަލުން ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި އަދަބިއްޔާތުގެ މުހިންމުކަން ފާހަގަކުރައްވައި ވިދާޅުވީ، “އަދަބިއްޔާތަކީ ޤައުމެއްގެ ތަރިކައިގެ ތެރޭގައި ހިމެނޭ ވަރަށް މުހިންމު ބަހާއެއް ކަމަށާއި ލިޔުންތެރިކަމާއި ވާހަކަދެއްކުންތެރިކަމަކީ ޤައުމެއް ކުރިއެރުވުމަށް ކޮންމެހެން ބޭނުންވާނެ އަސާސީ ދެ ހުނަރު” ކަމަށެވެ.
ދިވެހި ބަހާއި ސަގާފަތާއި އަދަބިއްޔާތު ކުރިއަރުވައި ތަރައްޤީކުރުމަށް ސަރުކާރުން ދެއްވާ ސަމާލުކަން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވަނީ މި ދާއިރާއަށް ބޮޑު ބަދަލެއް ގެނައުމަށް ބޭނުންފުޅުވާކަން ހާމަކުރައްވާފައެވެ. އެގޮތުން، ޢިލްމީ، އަދަބީ، އަޚްލާޤީ އަދި ސަގާފީ ގޮތުން ޤައުމަށް އިންޤިލާބީ ބަދަލެއް ގެނައުމަށް މަސައްކަތްކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި ދިވެހިބަހާއި ސަގާފަތާއި ތަރިކައާއި ތާރީޚު ކުދީންނަށް އުނގަންނައި ދިނުމުގައި ޒަމާނީ ގޮތްތައް ލިބިގަތުން މުހިންމެވެ. ދުނިޔޭގެ އެހެނިހެން ބަސްތައް ދަސްކޮށްދޭން ވެސް ޒަމާނީ ޓެކްނޯލޮޖީ މެދުވެރިކޮށް އާ ގޮތްތައް އުފައްދަމުންދާއިރު، ރާއްޖޭގައި ކުޑަކުދީން ބަލާނެ ޤައުމީ ކާޓޫނު ފިލްމުތަކާއި ޤައުމީ އެކި ހާދިސާތަކުގެ ފިލްމު ނެތުމުގެ ކަންބޮޑުވުން ބައެއް ބޭފުޅުން ފާހަގަކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި ކަންބޮޑުވުމަށް ޙައްލު ހޯއްދަވައިދެއްވުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާ އިޢުލާންކުރެއްވީ އަންނަ އަހަރު ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަ ކުދީންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ބޮޑެތި އިނާމުތަކާއެކު ހުޅުވާލައްވާނެ ކަމަށެވެ. މި މުބާރާތަކީ ދިވެހިވަންތަ ކޮންޓެންޓް އުފެއްދުމަށް ލިބިގެންދާނެ ބޮޑު ހިތްވަރެކެވެ.

