މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމް.އެން.އެސް.ޑީ.އޭ) އާއި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޯލޮޖީ (އެމް.އައި.ޓީ) ކޮލެޖާ ދެމެދު، ދިވެހީންގެ ނެތެމުންދާ ސަޤާފީ މަސައްކަތްތަކުގެ 8 ދާއިރާއިން ފަންނީ މަސައްކަތްތެރީން ތަމްރީނުކުރުމަށް ބޭނުންވާ ސްޓޭންޑަރޑްތަކާއި ޓްރެއިނިންގ މެޓީރިއަލްތައް ތައްޔާރުކުރުމުގެ އެއްބަސްވުންތަކުގައި މިއަދު ސޮއިކޮށްފިއެވެ. މި އެއްބަސްވުންތަކުގެ މައިގަނޑު މަޤްޞަދަކީ ދިވެހި ޤައުމީ ސަޤާފަތާއި ތަރިކަ ދިރުވައި އާލާކުރުމަށް ބޭނުންވާ ހުނަރުވެރި އިންސާނީ ވަޞީލަތްތައް ބިނާކުރުމެވެ.
މި އެއްބަސްވުންތަކުގެ ދަށުން، ތަމްރީނު ދެވޭނެ 8 ދާއިރާތަކުގެ ތެރޭގައި ފަނާއި ރުކުފަތި އަދި ސަޓާއިން ތަކެތި ވިޔު މާ، ތުނޑުކުނާ ވިޔުން، މާވަޑިކަން، ތިލޭރުކަން، ލިޔެލާޖެހުން، ސާންތިވިޔުން، ފޭލިވިޔުމުގެ އިތުރުން ކަސަބުގެތުން ހިމެނެއެވެ. މި ދާއިރާތަކުން މީހުން ތަމްރީނުކުރުމަށް ބޭނުންވާ ނޭޝަނަލް އޮކިޔުޕޭޝަނަލް ކޮމްޕީޓަންސީ ސްޓޭންޑަރޑްތައް (އެން.އޯ.ސީ.އެސް) ތައްޔާރުކުރުމާއި، ކިޔަވައިދިނުމަށް ބޭނުންވާ ޓްރެއިނިން ޕެކޭޖް (ކަރިކިޔުލަމް، ލޮގް ފޮތް، އެސެސްމެންޓް ރިސޯސް ފޮތް، އަދި ލާނިންގ މެޓީރިއަލް) އެމް.އައި.ޓީ ކޮލެޖުން ތައްޔާރުކުރާނެއެވެ.
މި އެއްބަސްވުންތަކުގައި އެމް.އެން.އެސް.ޑީ.އޭގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލާ ޝަކީބާ ޢަލީއެވެ. އަދި އެމް.އައި.ޓީ ކޮލެޖުގެ ފަރާތުން ސޮއިކުރެއްވީ އެ ކޮލެޖުގެ ޑިރެކްޓްރ އޮފް ޕްރޮގްރާމްސް އަލްފާޟިލް އާދަމް ޙަލީމެވެ. މި ރަސްމިއްޔާތުގައި އެމް.އެން.އެސް.ޑީ.އޭގެ ސީ.އީ.އޯ ޑރ. ޒަހުރާ މުޙައްމަދާއި އިސްވެރިންގެ އިތުރުން އެމް.އައި.ޓީ ކޮލެޖުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅުތަކުގެ ތެރެއިން މުހިންމު ވަޢުދުފުޅުތަކެއް ފުރިހަމަކުރުމަށް މަގުފަހިކޮށްދޭނެ ކަމެކެވެ. މީގެ އިތުރުން، މިއީ ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނު (ޤާނޫނު ނަންބަރު: 7/2021) ގެ ދަށުން އެމް.އެން.އެސް.ޑީ.އޭގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ނެތެމުންދާ ސަގާފަތާއި ފަންނުތައް ދިރުވައި އާލާކުރުމަށް ބޭނުންވާ މިންވަރާއި ފެންވަރު ކަނޑައެޅިގެންދާނެ މަސައްކަތެކެވެ.
މި އެއްބަސްވުންތަކުގެ ސަބަބުން، ނޭޝަނަލް ޓްރޭޑް ޓެސްޓިންގ އެންޑް ސެޓިފިކޭޝަން (އެން.ޓީ.ޓީ.ސީ) ގެ ފުރުޞަތު ފަހިވެ، ވަކިވަކި މަސައްކަތްތަކަށް ޚާއްޞަ ހުނަރުތައް ހުރި ފަރާތްތަކަށް ރަސްމީ ތަޢުލީމީ ނިޒާމަށް ވަދެވި ސަނަދު ޙާސިލްކުރެވޭނެ މަގު ތަނަވަސްވާނެއެވެ. ދިވެހީންގެ ޤަދީމީ ސަޤާފީ ހުނަރުތައް ދިރުވައި އާލާކުރުމުގެ އިތުރުން، މި ދާއިރާތަކުން އުފެދޭ ޒުވާން މަސައްކަތްތެރީންނަށް ވަޒީފާގެ ފުރުސަތުތައް ފަހިވެ، ޤައުމީ އިޤްތިޞާދަށް ފައިދާ ކުރާނެއެވެ. މިއީ ދިވެހިރާއްޖޭގެ މުއްސަނދި ތަރިކަ ރައްކާތެރިކޮށް، ހުނަރުވެރި ދިވެހި ޖީލެއް ބިނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

