ކުށުގެ މާހައުލަށް ހުށައެޅޭ ކުދިން ރީހެބިލިޓޭޓްކުރުމަށް ހަދާ “ހޯޕް އައިލެންޑް” ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް އަންނަ ޖަނަވަރީ މަހު އުތުރު ތިލަފަޅުގައި ފަށާނެކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ. މި މަޝްރޫޢަކީ ކުޑަކުދިންގެ ޢަދުލުގެ ނިޒާމްގެ ތެރޭގައި ޤާއިމްކުރަން ޖެހޭ އެންމެ ފަހު މަރުކަޒު، ނުވަތަ ޤާނޫނުގައި ބުނާ ލޯންގް ޓާމް ކެއަރ ފެސިލިޓީގެ ގޮތުގައި ތަރައްޤީކުރާ ތަނެކެވެ.
މި މަޝްރޫޢު ކުރިން ދ. ވާނީގައި ތަރައްޤީކުރުމަށް ނިންމާފައި އޮތްނަމަވެސް، މިހާރު ވަނީ އެތަން އުތުރު ތިލަފަޅަށް ބަދަލުކޮށްފައެވެ. ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ، ކްރޮސް ސަބްސިޑީ މޮޑެލްގެ ދަށުން ހޯޕް އައިލެންޑަށް އިންވެސްޓްކުރާނެ ފަރާތެއް ހަމަޖެހިފައިވާ ކަމަށާއި، މިހާރު ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އެ ފަރާތާއެކު ބައްދަލުވުންތައް ކުރިއަށް ގެންދާ ކަމަށެވެ. ވަޒީރު ވިދާޅުވީ، “ހޯޕް އައިލެންޑް ވެގެންދާނީ ޤާނޫނުގައި ބުނާ ލޯންގް ޓާމް ކެއަރ ފެސިލިޓީއަށް. ކުޑަކުދިންގެ ޢަދުލުގެ ނިޒާމްގެ ތެރޭގައި ޤާއިމްކުރަން ޖެހޭ އެންމެ ފަހު މަރުކަޒެއްގެ ގޮތުގައި ތަރައްޤީކުރަން ޖެހޭތަން ޖަނަވަރީ މަހުގެ ތެރޭގައި ފެށިގެން ދާނެ.”
އުތުރު ތިލަފަޅުގައި ހޯޕް އައިލެންޑް ތަރައްޤީކުރަނީ 700 މީހުންގެ ޖާގައަށް ޚާއްސަކޮށްގެންނެވެ. މި މަޝްރޫޢުގެ ދަށުން 15 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވެއެވެ. އެތަނަށް ގެންދާ ކުދިންނާއި މުވައްޒަފުން ތިބުމަށް ޚާއްސަ ޔުނިޓުތަކާއި، ތަޢުލީމް ދިނުމާއި އެކި ތަމްރީންތައް ކުރިއަށްގެންދާނެ ސަރަޙައްދުތައް ހިމެނެއެވެ. މީގެ އިތުރުން، އެކި ކަހަލަ ކުޅިވަރު ކުޅެވޭނެ ސަރަޙައްދަކާއި ޞިއްޙީ ޚިދުމަތް ފޯރުކޮށްދޭނެ ތަނެއްވެސް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ.
ހޯޕް އައިލެންޑްގައި ތިބޭ ކުޑަކުދިންނަށް އަސާސީ ތަޢުލީމާއި ދީނީ ތަރުބިއްޔަތު ދިނުމުގެ އިތުރުން، ސައިކޯ ސޯޝަލް އިންޓަވެންޝަން ޕްރޮގުރާމު ނުވަތަ ތެރަޕީ ދިނުމުގެ ޕްރޮގުރާމުތަކާއި، ކޮންޓެކްޓް ސްޕޯޓްސް ޕްރޮގުރާމުތައްވެސް ކުދިންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވެއެވެ. އަދި 700 މީހުންނަށް ނަމާދުކުރެވޭނެ މިސްކިތަކާއި، އެކި ކަހަލަ ހަފްލާތައް ބޭއްވުމަށް ޚާއްސަ ސަރަޙައްދަކާއި، އެތަނަށް ގެންދާ ކުދިންނާއި ބެލެނިވެރިން ބައްދަލުކުރުމަށް ޚާއްސަ ސަރަޙައްދެއްވެސް ތަރައްޤީކުރާނެއެވެ. މި ހުރިހާ ޚިދުމަތްތައް ހިމެނޭހެން އަސާސީ ހުރިހާ ޚިދުމަތްތަކާއެކު މި މަޝްރޫޢު ކުރިއަށް ގެންދާނެއެވެ.
މިތަނަށް ގެންދާ ކުދިން ޢުމުރުން 18 އަހަރު ވަންދެން ހޯޕް އައިލެންޑްގައި ބައިތިއްބާނެކަމަށް މީގެ ކުރިން ސަރުކާރުންވަނީ ވިދާޅުވެފައެވެ. އެއަށްފަހު، ދިވެހި ފުލުހުން ނުވަތަ ދިވެހި ސިފައިންގެ ޚިދުމަތުންކުރެ ތަނެއްގައި ވަކި މުއްދަތެއް ވަންދެން އެކުދިން ޚިދުމަތް ކުރަންޖެހޭގޮތަށް ހެދުމަށްވެސް ވަނީ ނިންމާފައެވެ. ކުށަށް އަރައިގަތުމުގެ ނުރައްކަލުގައިވާ ކުދިންނަށް ޚާއްސަ މިފަދަ ތަނެއް ތަރައްޤީކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނައިރު، ކުށްކުރާ މާހައުލުތަކުން ކުޑަކުދިން ފެންނަ ނިސްބަތް އިތުރުވަމުންދާކަން ފުލުހުން ވަނީ ހާމަކުރައްވާފައެވެ.

