ރަތް ހަނދުވަރު ރޭ – ފަހު ބައި
ދެފަޔަށް ބާރުލާފައި ހަނި ގޯޅިން ދުވެފައި ދަމުން އާރިފު ފަހަތައް އެނބުރި ބަލާލެވުނެވެ. ފެންނަން ހުރި ޗެރީބްލްސަމް ބަގީޗާ މިހާރު އެ ސިފަވަނީ ކަށިކުނބުރު ޖަންގައްޔެއްހެނެވެ.
ތެޅެމުން ފޮޅެމުން އޭނާ ދުވަމުން ފައި އެއްޗެއްގައި އަޅައިގެން ވެއްޓުނު ގޮތަށް މޭކަށިގަނޑު ބިންމަތީގައި ޖެހުނުބާރަށް ހެޔަށް ގޮތްވެ އޭނާއަށް ހަމަ ނޭވާލާން ދަތިވެ މެއަށް ތަދުވިއެވެ. ހާސްކަމުގައި ތެޅިގެން އިސްއުފުލާލިއެވެ.
އޭނާ ފައި އަޅަގެންފައި މި ވެއްޓުނީ އެއްޗަކީ ފަޒްލީނުގެ ފުރާނަ ނެތް މަސްގަނޑެެވެ. އޭނާ އޮތީ އަނގައިން ލޭފައިބާ މަރާލާފައި އޭނާގެ މޫނުގައި އެއްވެސް ގުނަވަނެއް ނެތެވެ. ލެއާތަތްވެފައެވެ. ފަޒްލީނުއާ ޖެހިގެން އޮތް ކެމެރާ ނަގައި ބިރުން އާރިފު ދުވަމުން ކުރިއަށް މިސްރާބު ޖެހިއެވެ. ދެވޭނުދެވޭ ތަނެއް ނުއެނގުނެވެ. ހަމަ ޔަޤީނުން ވެސް ތޫބާއެއް ފަޒުލީނެއް ނެތެވެ. ގަޑިންވީއިރެއް އެނގެނީ ކާކުއަށް ހެއްޔެވެ. ހާސްކަމުގައި އޭނާ ދުވަމުން ފެންނަން ހުރި ފާލަން މައްޗަށް އަރައި އެދިމާއިން ގިރާކޮށް ހުރަސްކޮށްލެވުނީ ހަމަ ކިރިއާއެެވެ.
ވެފައި ހުރި ވަރުބަލިން މާނޭވާލަމުން ދަލާއި ތަތްތެޅެމުން އަނެއްފަރާތައް މޫނު އަނބުރާލިއެވެ. ފާލަން ދޮށުގައި ދުރަށް ފެންނަން ހުރީ ލެއިން ތަތްތެޅިފައި އިސްތަށިގަނޑު ހޭވިފައި ހުރި ޒުވާން އަންހެން ކުއްޖެއްގެ ސިފަޖެހިގެން ގުނަވަންތައް ނެތި މޫނުގައި ފާޅުވެފައި ހުރި ބޮޑު ލޮލެކެވެ. އޭނާއަށް ވީ ކިހިނެއްކަމެއް ނޭނގި ލޯމެރުނެވެ.
ޖެހިގެން އައި ދުވަހު އާރިފަށް ހޭވެރިކަން ވީ ހިނދުގައި އޮތީ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށްފައެވެ. އަޖައިބީ އޭނާ އެއްއަތް ވަނީ އޮތް ދަގަނޑު އެނދާއެކު ބިޑި އަޅުވައި ހައްޔަރުކޮށްފައެވެ. އޭނާ ކުށްވެރިއަކަށް ވީ ކޮންއިރަކު ހެއްޔެވެ؟ ހިތް ބިރުގެންފިއެވެ. ވަރުބަލިގޮތަކަށް ތެދުވަން މަސައްކަތް ކޮށް ހަޅޭއްލެވިއެވެ. ވަށައިގެން ތިބީ ދިވެހިންނެއް ނޫނެވެ. އޭނާއަކީ މިތާނގައި އޮތް ބީރައްޓެހި އެކަނިވެރިއެކެވެ. އޭނާ ދަންނަ އެއްވެސް މީހަކު ނެތެވެ. ތޫބާ. ފަޒުލީނު. ދެމިތުރުން ކޮބާހެއްޔެވެ؟
ރޭގައި އޭނާއަށް ފެނުނީ ހުވަފެނެއް ބާ؟ މިބަޔަކު ދައްކާ ބަހުރުވަ އޭނާއަކަށް އޮޅުން ފިލާގޮތްނުވިއެވެ. އޭނާއަކަށް ޖަޕާނު ބަހުން ވާހަކަ ދައްކަން ނޭނގުނެވެ. އެތަނަށް ވައިން ނަރުސް ވާހަކަ ދެއްކީ އިނގިރޭސިބަހުންނެވެ. މާގިނަ ވާހަކަތަކެއް ނުދެއްކިއަސް އެތަނަށް ސިފައިން ހާޒިރުވީ އޭނާއާ ބެހޭ ތަޙުލީލެއް ކުރާށެވެ. ކަންތައް މިވާ ގޮތުން އޭނާ ހާސްކަން އިތުރުވިއެވެ. އެތަނަށް ވައިން ސިފައިންގެ މީހާ އޭނާއާއި ސުވާލުކުރަން ފެށިއެވެ. އެނގުނު ގޮތުގައި އޭނާއާއި އެކުގައި ދެ މީހަކު ޗެރީ ބްލޮސަމް ގާޑަނަށް ޒިޔާރަތް ކުރި ބިދޭސީ ފަތުރުވެރިންކަން އެނގުނެވެ. ނަމަވެސް އޭނާ ފިޔަވައި ދެން ތިބި ދެމީހެއްގެ މަރުވެފައިވާ ހަށިގަނޑުތައް ފެނުނީ ދިޔުން މަނާ ސަރައްދުގައިވާ ކަށިކުނބުރާ ފަޅުގެއިންނެވެ. ސިފައިންގެ އިންވެސްޓިގޭޝަން ކުރިއަށް ގެންދިޔައެވެ. މެއިން އޮފީސް ފާރުގައި ޒަޚަމްތަކާއި އެކު ފުރާނަނެތް ދެ ހަށިގަނޑުގެ ފޮޓޯތައް ހަރުކޮށްފައިހުއްޓެވެ. އާރިފު ދިން ބަޔާނާ ކަންހިނގި ގޮތާމުޅިން ޚިލާފެވެ. ހޮސްޕިޓަލުގައި ތިން ދުވަހު އެނދުމަތިކޮށްފައި އޭނާ ގެންދިޔައީ ސިފައިންގެ ބެލުމުގެ ދަށުން ބޮޑު ތަޙުލީލެއް ކުރުމަށް ޚާއްސަ އިދާރާއަކަށެވެ. އޭނާ އަތުން ފެނުނު ކެމެރާއިން ވީޑިއޯ ބެލުމަށް އޭނާ ހާޒިރުކުރެވުނީ ދެއަތުގައި ބިޑިއަޅުވައި ކުށްވެރިއެއްގެ ގޮތުގައެވެ. މާޔޫސްކަމުގައި ހިތްބިރުން އިން އާރިފަށް ބަލާލެވުނީ ފެނަމުން ދިޔަ މަންޒަރަށެވެ. އެއިން ދައްކަމުން ދިޔައީ އޭނާ ގެންގުޅުނު ކެމެރާއިން ނަގާފައި ހުރި ވީޑިއޯއެވެ. ފާރުގައި ހުރި ބޮޑު ސްކްރީނުން ފެނުނީ ޤަބޫލުކުރަން ދަތިމަންޒަރެވެ. އެކަމެއް އެހެންވުން އެއީ ކިހިނެއްވާނެ ކަމެއްހެއްޔެވެ؟
(އެދުވަހު ކަންތައް ވީގޮތް އެހެނަސް އާރިފަށް މަންޒަރުސިފަވީ މުޅިން ތަފާތު ރޫޙާނީ ބިރުވެރި ގޮތަކަށެވެ.)
ހުދުހެދުމުގައި ހުރި އަންހެން ކުއްޖާއަކީ ޖަޕާނު އަންހެން ކުއްޖެކެވެ. އެއީ ތޫބާއެއް ނޫނެވެ. ވީޑިއޯގެ ރިކޯޑިންގްގައި ފެންނަ މަންޒަރުގައި، ފަޅުވެފައިވާ އިމާރާތަށް ވައިން ތިން މީހުންގެ ތެރެއިން ފާރާދިމާއަށް ބަލަހައްޓައިގެން ހުރި އަންހެން ކުއްޖާ އިސްދަށަށް ޖަހައިގެން މައްޗަށް އަރަން ހުރި ސިޑިއާ ދިމާއަށް ދިޔައެވެ. އިރުކޮޅެއްފަހުން މަތީގައި ހުރި ކޮޓަރިން ނިކުމެގެން ފައިބާގެން އައީ ތޫބާއެއް ނޫނެވެ. އެއީ އެހެން އަންހެން ކުއްޖެކެވެ. އޭނާ ލައިގެން ހުރި ހެދުމުގައި ލެއިން ތަތްތެޅިފައި މޫނު ނޫފައިގެންފައެވެ. އެހެނަސް ވީޑިއޯއިން ފެންނަގޮތުގައި އެތާނގައި ތިބި ދެ ފިރިހެނުންނަށް އެކަމެއް ފާހަގަ ކުރެވުނު އިޙްސާސެއް ނުވެއެވެ. އިރުއޮށްސި ރަތްވިލާ ދަޅަގަނޑުން އުޑުމަތި ރަތްފަނޑު އަލިކަމުން އުދަރެސް ދިއްލާލީ ނުހަނު ރީކަމުންނެވެ. ފެންނަން ހުރި ކަށި ކުނބުރު ޖަންގަލީ ކޮޅަށް އެހުރީ ހަނި ގޯޅިއެކެވެ. އެއަންހެނާ ފަހަތުން އޭނާއަށް ދިޔައީ ލޮލުގައި އެޅިފައި ހުރި ކަނު އަނދުނުގެ ސަބަބުންނެވެ. ފެންނަނީ ޗެރީ ބްލޮސަމް ސަކުރާ ގަސްތަކެއް ނޫނެވެ. އެކަމެއް އާރިފު ނުދަނެހުއްޓެވެ. ދެން އެވީ ކިހިނެއްބާ؟
އޭނާ ފަހަތުން އައި ކެމެރާމޭން ފަޒްލީނުއާ ދިމާއަށް އާރިފު އައިސް ޖީބުން އެ ނެގި އެއްޗަކުން ހަމަލާއެއް ދީފައި ފަޒްލީނުއާ އެކު ކެމެރާ ވެއްޓުނީއެވެ. އޭނާ ޖީބުން އެ ނެގި އެއްޗަކުން ބިންމަތީގައި ފުރާނެ ނެތް އޮތް ފަޒްލީނު މޫނު ހަންގަނޑު ނައްޓައިވީދައި ނޮޅަނީއެވެ. އޭނާ އަތުގައި އެ އޮތީ ކޮން ކަހަލަ ތޫނު އެއްޗެއްބާ! ބިންމަތީގައި އޮންވެފައި އޮތް ކެމެރާއަށް ނުހުއްޓި ރިކޯޑުވަމުން ދިޔަ މަންޒަރުގައި އެކޮޅުކޮޅަށް ފެންނަން ހުރީ އާރިފު އެ ކުރާކަމެއް ކޮށްނިންމައި ތެދުވެގެން ހިނގާފައި ދިޔަތަނެވެ.
މަންޒަރުން ބަލަން އިން އާރިފު ބިރުން ތުރުތުރު އަޅައި އޭނާ ބޯ ހޫރަން ފެށީ އެއީ އޭނާ ކުރިކަމެއް ނޫން ބުނަމުން ރޮމުންނެވެ. އޭނާ ފާސްކޮށް ބެލިބެލުމުން އާރިފު ޖީބަށް ލީ ތޫނު ހަތިޔާރު ޕެކެޓަކަށް ލާފައި އޮތެވެ. އޭގައި ވެސް ލެއިން ތަތްވެފައެވެ. އެކަން އެހެންވާނީ ކިހިނެއް؟ އޭނާ ޖީބަށް ލައިގެން ތޫބާއަށް ދޭން އައީ ލޮއިން ހަދާފައި އޮތް ފިނިފެންމަލެކެވެ. އޭނާ ހަނދާނުގައި އެ ފިނިފެންމާ ތޫބާއަށް ދިނެވެ. އެކަމަކު އޭނާ ޖީބުން ފެނުނީ ތޫނު އެއްޗެކެވެ. އޭނާއަށް ވާނުވާ އޮޅޭގޮތްވިއެވެ. ރަތްފަނޑު އަލީގައި އުނދޯލީގައި އިނީ ތޫބާކަމަށް ނުވަންޏާއި އެވަގުތު އޭނާ ކޮބައިބާ؟ އޮޅުން ބޮޅުންވާން ފެށިއެވެ.
ސިފައިންނަށް އަނިޔާވެރި ގޮތަކަށް ޒަޚަމްތަކާއި އެކު މަރާލާފައި އޮތް ތޫބާގެ ހަށިގަނޑު ފެނުނީ އެމީހުން ވައިން ގެއިންނެވެ. ޤަބޫލު ކުރަން ދަތިވިއެވެ. އާރިފު ތޫބާއަށް ހަމަލާދީ އޭނާ ހަށިގަނޑުން ފުރާނަ ވަކިކޮށްލި މަންޒަރު ހުރީ ރިކޯޑުވެފައެވެ. އެހެނަސް ފަޒްލީނު ހުރީ މަންޒަރު ރިކޯޑު ކުރަންވިއަސް އޭނާއަކަށް އެކަން އެނގޭ ދެނަހުރިކަމެއް ހިޔެއްނުއެވެ. މިކަމެއް ކުރި ވަގުތު ތޫބާގެ ފުރާނެ ނެތް ހަށިގަނޑު ކައިރީ ހުއްޓި ހުރި އަންހެނަކު އެއީ ކާކުކަން ނޭނގޭ އަންހެންކުއްޖަކު އެތަނުން ނިކުމެގެން ފަހަތުން ދިޔަތަން ރެކޯޑިންގް ފެންނަން ހުއްޓެވެ. ފަޒްލީނަށް ހަމަލާގެ އެތިފަހަރަކުން ފަހުނޭވާ ދޫކޮށްލީ އެއީ އާރިފު ގަސްތުގައި ކުރި ކަމެއް ނޫން ކަމެއް ސިކުނޑިއަށް ނުވިސްނުނެވެ. ވެއްޓިފައި އޮތް ކެމެރާއިން ރިކޯޑިންގް ފެންނަގޮތުގައި އާރިފު ކޮންމެވެސް ތޫނު އެއްޗެއް ހިފައިގެން އުޑުފައިން އިނދެ ފުރާނަނެތް ފަޒްލީނު މޫނުގައި ކޮށައި ނޮޅައި ކަމެއްކުރިއެވެ. އޭނާ އެ ހަތިޔާރެއް ޖީބަށް ލައި ގައިގާ އަތްކާއްތަމުން ތޫބާ އިން ދިމާއަށް ހަނި ގޯޅިން ހިނގާފަދިޔަތަން ފުސްބުރާފައި ރިކޯޑިންގް ފެންނަން ހުއްޓެވެ.
އެކަން އެގޮތައް ހިނގިހާދިސާގެ އެއްވެސް ހަނދާނެއް އާރިފަކަށް ނުވޭއެވެ. ކަންތައް އެވީ ކިހިނެއްބާ؟ އޭނާ އަމަލުގައި ނުކުރާ ކަންތައްތަކެއް ކުރެވިފައި އެހުރީ ކިހިނެއްބާ؟ މީގެ ޖަވާބު އޭނާ އަމިއްލަ ނަފްސަށް ހޯދާނެ ގޮތެއް ނޭނގުނެވެ.
އޭނާކުރި ކުށުގެ ހައްޤު އަދަބު ދޭން ހައްޔަރުކުރެވުނެވެ. ސޯޝަލް މީޑީއާގައި މަޝްހޫރުކަން ހޯދި އާރިފު އިނީ މެންޓަލް އެސައިލަމެއްގައި ހައްޔަރުކޮށް އެތަނުން ނުނިކުމެވޭހެން ބައިންދާފައެވެ. އޭނާއަށް ވިސްނެނީއެވެ. ހާސްވަނީއެވެ. ސިކުނޑި ޤަރާރުވަނީއެވެ. އެއްގޮތަކަށް ވެސް ސިކުނޑިއަށް ވެގެން ދިޔަ ކަންތައް ނުވިސްނުނެވެ. މިހެން ޚިޔާލެއްގައި އިނދެ ހަނދާނަށް އައީ އެއްކަލަ ރޭ އޭނާ ކޮފީއަށް އަަރައި އިންޓަރނެޓް އިން ފެނުނު، “ރެޑް މޫން ނައިޓް އާބަން ލެޖަން” ވާހަކައިގެ ހަނދާނެކެވެ. އޭނާ ވިސްނާ ފިކުރު ކުރަން އިން އިރުގައި ސިކުނޑީގައި ވަހުތާނެއްފަދައިން ގަޑުބަޑު ކަންތައް ބްލެކް އެންޑް ވައިޓްކޮށް މަންޒަރުތައް ސިފަވަނީއެވެ. އިހުޒަމާނުގެ އެފަދަ ވާހަކަތައް އެއީ ބޯދާ ފުލޯކުކަމަށް އާރިފު ޤަބޫލުކުރިއެވެ.
އެރޭ އޭނާ ކޮފީގައި އިނދެ ކިޔަމުން ދިޔަ އާރޓިކަލް ވާހަކައަކީ މަޝްހޫރު ވާހަކައެކެވެ.
(އާރިފަށް ފެނުނު އާޓިކަލުގައި، ވާހަކައިގައި މުއްސަނދި ސައުދާޤަރެއްގެ ހުރި ރީތި އަނބިމިހާގެ ބިރުވެރި މަރުގެ ވާހަކައެވެ. އެ ދުވަސްވަރަކީ ޗެރީ ބޮލްސަމް ފޮޅޭ ދުވަސްވަރެވެ. ރެއަކީ ހަނދުގައި ރަތް އަލިކަމެއް ފާޅުވެ ކޭތަ ހިފާފައި ހުރި ރެއެކެވެ. މުއްސަނދިކަން ލިބިފައި ހުރި އެހެނަސް އުފަލެއް ލިބިފައިނެތް ސައުދާޤަރު މުސްކުޅިވެފައި ހުއްޓައި އެމީހާއަށް ކައިވެނި ކުރެވުނީ ޒުވާން އަންހެނަކާއެވެ. ބޭރުފުށުން ފެންނަނީ ވަރަށް ރީތި މަޑުމައިތިރި ހިތްހެޔޮ ތެދުވެރި އަންހެނެކެވެ. އެ އަންހެންމީހާ ގެންގުޅުނު ލޮއިން ހަދާފައި އޮތް ފިނިމަލެއް މިއީ އޭނާ އަބަދުވެސް ރައްކާކޮށްގެން ގެންގުޅޭ އެއްޗެކެވެ. ރެއަކީ ހަނދުވަރު ފަނޑު އަލިކަމެއް ވެރިވެފައިވާ ރެއެކެވެ. ސައުދާޤަރަށް ނިދިން ހޭލެވުނީ ބިރުވެރި ހުވަފެނެއް ފެނިގެން ހާސްކަމުގައެވެ. އެކަނި ތައްމަތީގައި އޮތުމުން ތެދުވެ އަނބިމީހާ ވީތަނެއް ހޯދަން އޭނާ ޗެރީ ބޮލްސަމް ބަގީޗާއަށް ނިކުތެވެ. އެމީހާއަށް ދުރުން އަންހެނަކު ހުނުމުގެ އަޑާއި ފިރިހެނަކު ވާހަކަ ދައްކާ އަޑު އިވުނެވެ.
އޭނާ ސިއްރުން ދެވެން އޮތް ހަނިގޯޅިން ކުރިއަށް ގޮސް ސިރުން ބަލާލިއެވެ. ބޮލްސަމް މާތަކުން ޒީނަތްތެރިކޮށްފައި ހުރި އުނދޯލީގައި އޭނާގެ އަނބިމީހާ އުނގުގައި ޒުވާން ފިރިހެނަކު ބޯއަޅައިގެން އޮތް މަންޒަރު ދުށް އޭނާ ގާތައް އެރި ނަފްރަތާއި ގަދަ ރުޅީގައި ލޯބިވި އަނބިމީހާއަށް ހިތްކަޅުވެ ހިލަވިއެވެ. އޭނާ މުސްކުޅި އުމުރުގައި އުއްމީދުތަކެއް ކޮށްގެން ކައިވެނި ކުރި އަނބިމީހާއަކީ އޭނާދެކެ ލޯބިވާ އަންހެނެއްނޫންކަން އެނގުނެވެ. އޭނާ އެރި ނުބައިރުޅި އިސްނުކޮށް ބޭވަފާތެރިއާއަށް ހަޔާތުން ނުފިލާނެ ފަދަ އަދަބެއް ދޭން ނުބައި ރޭވުމެއް ރޭވިއެވެ. އެއްރެއްގެ ކާންތިބި މޭޒުމަތީގައި ސުފުރާގައި އޭނާގެ އަންހެނުންނަށް އިސްސާފު ކުރެވުނު ކާނާ ތައްޔާރުކޮށްފައިވާ ތަށީގެ މަތިނެގުމުން އޮތީ ލެއާތަތްތެޅިފައިވާ އޭނާގެ ލޯބިވެރިއާގެ ބުރިކޮށްލާފައި އޮތް ބޮލެވެ. އޭނާގެ އަނބިމީހާގެ ސިއްރުވެރި ލޯބިވެރިޔާ މަރާލިއެވެ. އަދި މިރެއަކު އަންހެން މީހާގެ ދެލޯކޮނެލައި އޭނާއަށް ދުވަހަކުވެސް އެހެން އެއްވެސް އެއްޗެއް ނުފެންނާނެ ގޮތް ހެދިއެވެ. ނަމަވެސް ކަންތައް ވީ އޭނާ ހީކުރި ގޮތަކަށް ނޫނެވެ. ރަތް ހަނދުވަރުރޭ އޭނާގެ އަނބިމީހާ އެ އުނދޯލީގައި އަމިއްލައަށް ޒަހަރުބޮއެގެން މަރުވެފައި އޮތް ހަށިގަނޑު ފެނުނެވެ. އޭނާގެ ވަގު ލޯބިވެރިޔާ ދީފައި އޮތް ލޯބީގެ ނިޝާން ލޮއި ފިނިފެންމާ އޭނާ އަތުގައި އޮތެވެ. އެރެއިން ފެށިގެން އެ ވެރިވި ނާމާން ކަމާއި ބިރުވެރިކަމެކެވެ. ކޮންމެ އަހަރަކު އެއްފަހަރަކު ޗެރީ ބޮލްސަމް މާތައް ފޮޅޭއް މޫސުމުގައި ވެރިވެފައިވާ ރަތް ހަނދުވަރުރޭ ބަގީޗާގައި ހުންނަ އުނދޯލި އޭގެ ޒާތުގައި ހެއްލެން ފަށައެވެ. އަޅި ފުސް ދުންގަނޑު ތެރެއިން އަންހެނަކު އުނދޯލީގައި ފަރި ރާގެއް އަޅުވާލައިގެން ލަވަކިޔަން އިނދެއެވެ. އޭނާގެ މޫނު ސާފުކޮށް އެނގެން ނުހުރެއެވެ. އޭނާ ލަވަކިޔާ އަޑަށް ބައެއް މީހުން އެދިމާއަށް މިސްރާބުޖަހައެވެ. އެހެނަސް އެދިމާއަށް ދާ އެއްވެސް މީހަކު ދިރިހުއްޓައި ފެނިފައެއް ނެތެވެ. ކޮންމެވެސް ހާދިސާއެއްގައި ގެއްލިގެން ނުވަތަ މަރުވެދަނީއެވެ.)
ކުއްލިއަކަށް އޭނާ ތެޅިގަތެވެ. އެ އާރޓިކަލް ހަނދާން ވުމުން ފުރަތަމަ ފަހަަރަށް ޖެހިލުން ކުޑަ އާރިފު ބިރުގެންފިއެވެ. ދުރުންނާ ގާތުން ހަނދާންތަކެއް ވިއެވެ. އޭނާ ތޫބާއަށް ކޮންމެވެސް ގޮތަކުން ހަމަލާއެއް ދެވުނުހެން ފުސްވެފައިވާ ހަނދާނަކުން ހީކުރެވެން ފެށިއެވެ. އޭނާ ފަޒްލީނަށް ވެސް ހަމަ މިހެން ނުރައްކާތެރި ހަމަލާއެއް ދިނެވެ. އާރިފަކީ ޕަރަނޯމަލް ހަންޓާރސް ނަމުގައި ބައިވަރު ވީޑިއޯތައް އާންމުންނާއި ހަަމައަށް ހުށަހަޅާދީފައިވާ ވަރަށް ގިނަބައެއްގެ ސަޕޯޓާއި މަޤްބޫލުކަންލިބިފައިވާ މަޝްހޫރު ފަރާތެކެވެ. މިއަހަރު އޭނާގެ ހިތްވަރުގަދަ ޓީމާއެކީ ޖަޕާނަށް އައީ ބެލުންތެރިންނަށް އާދަޔާ ޚިލާފު ވީޑިއޯއެއް ތައްޔާރުކޮށްލައި ދައްކާލަން ހިތަށް އަރުވައިގެނެވެ. ރަނގަޅެވެ. އާރިފު ބޭނުންވި ގޮތައް އެވަނީ ހަޤީޤީ ބިރުވެރި ހާދިސާއެއްގެ ވީޑިއޯއެއް މުޅި ދުނިޔެއަށް މަޝްހޫރު ކޮށްލާފައެވެ. ނަމަވެސް އަދު މީޑިއާގައި އޭނާއާ ބެެހޭގޮތުން އެކި ވާހަކަތައް ދައްކައި ކުށްވެރިކުރޭއެވެ. އެއިން އެއްވެސް ކަމަކަށް އޭނާ ރައްދެއް ދޭކަށް ބޭނުން ނުވެ މަންމަން ކަނު ބީރުމީހެއް ގޮތައް އަނގަ ބަންދުކޮށްގެން އިނީއެވެ.
އޭނާއަށް ފެނުނު މަންޒަރުތަކީ ދުށް ހަޤީޤަތައް ވިއަސް އޭނާ އަމަލުގައި ކަންކުރިގޮތް އެވަނީ އެއްވެސް ހުރަހަކާ ނުލައި ރިކޯޑުކުރެވިފައެވެ. އެހެން ބަޔަކަށް އެ ޖަރީމާއަކީ އޭނާއަށް ހަމަބުއްދި ފިލާގޮސް ހުރެ ކުރެވުނުކަމަކަށް ހެކިކޮށްދޭނެ އެއްވެސް ގޮތެއް އޭނާއަށް ބުނެދެވޭނެ ގޮތެއް ނެތެވެ. ކެމެރާއިން ރެކޯޑްވެފައިވާ ކަމެއް އެއީ އަމިއްލަ އިޚްތިޔާރުގައި ކުރިކަމެއް ނޫންމެ، އެދުވަހު ކަންތައްވީ ގޮތް އާރިފަށް ވެސް ނުއެނގެއެވެ. އެންމެ ގާތް ދެރަހްމަތްތެރިން އޭނާއާ އަބަދަށް ވަކިވީ އޭނާގެ އިހުމާލުން ކަމަށް ހިތައި އަމިއްލަ ނަފްސުކުށްވެރި ކުރެވެނީއެވެ. ތޫބާ އަދި ފަޒްލީނު ވެސް އަބަދަށް ގެއްލުނީއެވެ. ގޮތްނޭނގޭ ކަންތައް ކުރަން އުޅެން ހަދައިގެން އޭނާއަށް މި ކުރިމަތީލާން ޖެހުނީ ކިހާ ބިރުވެރި ކަމަކާހެއްޔެވެ؟ ބައެއް ކަހަލަ ފަޅުވެފައިވާ ތަންތަނަށް ގޮސްއުޅުން ރަނގަޅުނުވާނީ މިފަދަ ހާދިސާތަކާއި ކުރިމަތިލާން ޖެހޭތީއެވެ.
ދެން އޮތް ސުވާލަކީ އޭނާއަށް މެންޓަލް އެސައިލަމުން ސަލާމަތް ވެވޭނެ ހެއްޔެވެ؟ އޭނާ ބުނި އެއްވެސް ވާހަކައެއް އަމަލާ ބަހުން ސާބިތުވާކަށް ނެތެވެ. އޭނާއަކީ މޮޔައެއްކަމަށް ޤަބޫލުކޮށް، އަދި ދެމީހެއްގެ މަރުގެ އިލްޒާމު ބޮލުގައި އެޅި ބާކީ އޮތް އުމުރު ހޭދަކުރަން މި ޖެހުނީ މިތަނެއްގައި މޮޔަމީހެއް ފަދައިންނެވެ. އެހެނަސް އެރޭ ކަންތައް އެވީ ކިހިނެއްބާ؟ ސަކުރާ ގަސްތަކުން ފުރިބަރާވެގެން ޗެރީ ބޮލްސަމްމާތައް ފަރިވެފޮޅިފައިވާ ރަތް ހަނދުވަރުރޭ އޭނާއާ އެކުގައި އުނދޯލީގައި ތޫބާގެ ސިފަޖެހިގެން އެއިނީ ކޮން އަންހެންކުއްޖެއްބާ؟ ޕަރަނޯމަލް ނުވަތަ ބައެއް ކަހަލަ ރޫހާނީ ހާދިސާގެ ކަންތައް ހިނގާފައި ހުންނަ ތަންތަނަށް ވަނުން ނުވަތަ ދިޔުން އެއީ ބުއްދިވެރި ކަމެއް ނޫންކަން އޭނާއަށް ވިސްނުނެވެ. އޭނާ ހައްޔަރުވެފައި އިން މެންޓަލް އެސައިލަމް ހޮސްޕިޓަލުން ސަލާމަތް ވާނީ ކިހިނެއްހެއްޔެވެ.
ދަންވަރު ވަގުތެކެވެ. އޭނާއަށް އަޑުއިވެނީ އަންހެނަކު ހުނުމުގެ އަޑެވެ. ބިރުން ސިހިގެން ލޯހުޅުވާލެވުނެވެ. އޭނާ ބަހައްޓާފައި ހުރި ކޮޓަރި ފާރުގައި ލެއިން ވަށް ބޮޑު ލޮލެއް ކުރަހާ ސިފަވެފައި ހުރިތަން ފެންނަން ހުއްޓެވެ. އާރިފު ބިރުން ހަޅޭއްލަވާ އަޑު ނުކެނޑެއެވެ. އޭނާ ތޫބާއާއި ފަޒްލީނަށް ގޮވައި ހަޅޭއްލަވަނީއެވެ. އޭނާއަކީ ބުއްދިހަމަ ނުޖެހޭމީހެއް ކަމަށް މުޅި ސޯޝަލް މީޑިއާއިން މީހުންގަނޑު ވާހަކަ އެކިގޮތް ތަކަށް ފަތުރަމުން ދިޔައެވެ.
= ނިމުނީ=

