ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ ހިޔާ ފްލެޓްތަކުގެ ކުލި ދެއްކުން ލަސްވުމުގެ ސަބަބުން އެންމެ ފަހުން އަރާފައިވާ ޖޫރިމަނާތައް ސަރުކާރުން މަޢާފްކޮށްދީފިއެވެ. މި ނިންމުން ނިންމާފައިވަނީ ކުއްޔާއި ޖޫރިމަނާ ދެއްކުމުގައި ދަތިތައް ދިމާވެފައިވާ ފަރާތްތަކަށް ލުޔެއް ހޯދައިދިނުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) އިން ވިދާޅުވެއެވެ.
އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އަލީ ޒުހައިރު ވިދާޅުވީ، އެއްބަސްވުމުގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ކުލި ނުދެއްކުމުން އަރާފައިވާ ޖޫރިމަނާގެ ގޮތުގައި ޖުމްލަ 1.9 މިލިޔަނެއްހާ ރުފިޔާ މަޢާފްކޮށްދީފައިވާ ކަމަށެވެ. މަޢާފްކޮށްދީފައިވަނީ މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މިދިޔަ މަހުގެ ނިޔަލަށް އަރާފައިވާ ޖޫރިމަނާތަކެވެ. މީގެ ތެރޭގައި 2023 ވަނަ އަހަރު އަރާފައިވާ ހުރިހާ ޖޫރިމަނާއެއް ވެސް ހިމެނެއެވެ.
ހިޔާ ޓަވަރުތަކުގެ 2 ކޮޓަރީގެ އެޕާޓްމަންޓެއްގެ މަހު ކުއްޔަކީ 3984 ރުފިޔާއެވެ. މީގެ އިތުރުން މެއިންޓަނެންސް ފީގެ ގޮތުގައި 1،000 ރުފިޔާ ނެގުމާއެކު ކޮންމެ މަހަކު އެޗްޑީސީއަށް ދައްކަން ޖެހެނީ ޖުމްލަ 4984 ރުފިޔާއެވެ. ނަމަވެސް، ހުޅުމާލޭގައި ތަރައްގީކޮށްފައިވާ 8،000 އެއްހާ ސޯޝަލް ހައުސިން ޔުނިޓުގެ ތެރެއިން ގަވާއިދުން ކުލި ދައްކަނީ އެންމެ 3،000 އެއްހާ ޔުނިޓުގެ ވެރިންނެވެ. ކުލީގެ ގޮތުގައި ނުލިބިވާ ފައިސާގެ އަދަދު 700 މިލިޔަން ރުފިޔާއަށް ވުރެ އިތުރު ކަމަށް އެޗްޑީސީން މީގެ ކުރިން ވަނީ ހާމަކޮށްފައެވެ.
ޖޫރިމަނާތައް މަޢާފްކޮށްދިނުމަށް މި ނިންމުން ނިންމާފައިވާއިރު، މިދިޔަ ހުކުރު ދުވަހުގެރޭ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވަނީ ހިޔާ ފްލެޓުތަކުގެ ފިނިޝިންގ މަސައްކަތްތަކަށް ދިޔަ ޚަރަދުން 2 ލައްކަ ރުފިޔާ މާފުކުރުމަށް ވެވަޑައިގެންނެވި ވައުދު ފުއްދަވާނެކަމަށް ވިދާޅުވެފައެވެ. ރައީސް ވަނީ ފައިސާ ނުދެއްކި ބެކްލޮގް އަރާފައިވާ ފަރާތްތަކަށްވެސް ލުއިގޮތްތަކެއް ހޯއްދަވާދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.
މީގެ އިތުރުން، ހުޅުމާލެ 2 ގައި ފަހި ދިރިއުޅުން ކޯޕަރޭޝަނުން (އެފް.ޑީ.ސީ) އިމާރާތްކޮށްފައިވާ 4،000 ފްލެޓުގެ ކުއްޔާއި ސެކިއުރިޓީ ޑިޕޮޒިޓް ވެސް މިދިޔަ ހަފުތާއިން ފެށިގެން ވަނީ ކުޑަކޮށްފައެވެ. 3 ކޮޓަރީގެ އެޕާޓްމަންޓުތަކަށް މަހު ކުލީގެ ގޮތުގައި 8،500 ރުފިޔާ އާއި މެއިންޓަނަންސް ފީގެ ގޮތުގައި 1،500 ރުފިޔާ ހިމެނޭހެން ޖުމްލަ 10،000 ރުފިޔާ ދައްކަން ޖެހޭގޮތަށް ވަނީ ބަދަލުކޮށްފައެވެ. އަދި 2 ކޮޓަރީގެ އެޕާޓްމަންޓުތަކަށް ޖުމްލަ 7،000 ރުފިޔާ (ކުލި 6000ރ، މެއިންޓަނަންސް 1000ރ) ދައްކަން ޖެހޭއިރު، ދެ ވައްތަރުގެ ފްލެޓްގެ ސެކިއުރިޓީ ޑިޕޮޒިޓް ވެސް ބޮޑުތަނުން ކުޑަކޮށްފައިވެއެވެ.

