ނ. އަތޮޅު މާފަރު އިންޓަރނޭޝަނަލް އެއާޕޯޓުގެ ތަރައްޤީގެ މާސްޓަރ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ފަށާފައިވާކަމަށް އައިލެންޑް އެވިއޭޝަން ސަރވިސަސް (އައި.އޭ.އެސް) އިން ހާމަކޮށްފިއެވެ. އެ ކުންފުނިން މި މަސައްކަތް ކުރިއަށް ގެންދަނީ ޖަރުމަނުގެ ކުންފުންޏަކާ ގުޅިގެންނެވެ. މާފަރު އެއާޕޯޓަކީ ރާއްޖޭގައި ދެވަނައަށް އެންމެ ގިނަ އިންޓަރނޭޝަނަލް އެއަރލައިންތަކަށް ޚިދުމަތް ދެމުން އަންނަ އެއާޕޯޓެވެ.
މާފަރު އިންޓަރނޭޝަނަލް އެއާޕޯޓަކީ ޕްރައިވެޓް ޖެޓުތައް ގިނައިން ޖައްސާ އެއާޕޯޓެއްކަމަށްވާއިރު، އެއާކްރާފްޓްތަކުގެ ޕާކިންގއަށް މިހާރުވަނީ އޭޕްރަން ބޮޑުކޮށް ހުޅުވާފައެވެ. މާފަރު އެއާޕޯޓު ވަށައިގެންވާ ސަރަޙައްދުގައި ފަތުރުވެރިކަމަށް ބޮޑު ކުރިއެރުމެއް އަންނަނީ ލިބެމުންނެވެ. ނ.އަތޮޅާއި، ރ.އަތޮޅު އަދި ބ.އަތޮޅުގައި 10,000 އަށްވުރެ ގިނަ އެނދު މިހާރުވަނީ ފަތުރުވެރިކަމަށް ނެރެފައެވެ. މިއީ އެއާޕޯޓު ތަރައްޤީކުރުމަށް ލިބިގެންދާ ބާރެކެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި އައިލެންޑް އޭވިއޭޝަން ސަރވިސަސްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢަލީ ސަލީމް ވިދާޅުވީ، މާފަރު އެއާޕޯޓުގެ ޖިއޮގްރަފީގެ ސަބަބުން ކުރިމަގުގައި އެއީ އުޖާލާ އެއާޕޯޓަކަށް ވެގެންދާނެކަމަށެވެ. އޭނާ ވިދާޅުވިއެވެ. "އެއާޕޯޓު ވަށައިގެން 10000އަށްވުރެ ގިނަ ބެޑްސް އެބަހުރި. އެހެންވީމަ މުސްތަޤުބަލުގައި އެ ރިސޯޓުތަކަށްދާ ފަތުރުވެރިން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް ނުގޮސް ސީދާ މިކޮޅަށް ގެނެވޭނެ ގޮތަކަށް މިމަސައްކަތް ކުރަމުންދަނީ."
ސަލީމް އިތުރަށް ވިދާޅުވީ، މާފަރު އިންޓަރނޭޝަނަލް އެއާޕޯޓަށް އެންމެ ބޮޑު ފައިދާއެއްކުރާނެ ގޮތަކަށް މަސައްކަތްތައް ކުރިއަށްގެންދިޔުމަށްޓަކައި މާސްޓަރ ޕްލޭން އެކުލަވާލެވުމުން، އެއާޕޯޓާއެކު މުޅި އަތޮޅަށާއި ރާއްޖެއަށް އަންނާނެ ކުރިއެރުންތައް އަންދާޒާކުރެވޭނެކަމަށެވެ. މި ޕްލޭން އެކުލަވާލުމުގެ މަސައްކަތް ޖަރުމަނުގެ ކުންފުންޏަކާ ގުޅިގެން ކުރިއަށްދާކަން އޭނާ ފާހަގަކުރެއްވިއެވެ.
އެއާޕޯޓުގެ ތަރައްޤީގެ މަސައްކަތްތައް މިހާރުވެސް ދަނީ ތާވަލާ އެއްގޮތަށް ކުރިއަށެވެ. މިގޮތުން ބިންގާ އަޅާފައިވާ ދެ ފަންގިފިލާގެ އައު ޓަރމިނަލް ޢިމާރާތުގެ މަސައްކަތް 10 މަސް ތެރޭ ނިންމާ އަންނަ އަހަރު ބޭނުންކުރުމަށް ވަނީ ކަނޑައަޅާފައެވެ. މީގެއިތުރުން، މާފަރަށް އަންނަ ފަތުރުވެރިންނާއި މުވައްޒަފުންނަށް ޚާއްސަ އެއާޕޯޓު ހޮޓަލެއް ތަރައްޤީކުރުމަށް ހަމަޖެހިފައިވާއިރު، އިންޓަރނޭޝަނަލް އެއަރލައިންތަކާ މަޝްވަރާކޮށް ސީދާ މާފަރަށް ފްލައިޓުތައް ޖެއްސޭނެ އިންތިޒާމު ހަމަޖެއްސުމަށްވެސް ދަނީ މަސައްކަތް ކުރަމުންނެވެ.
އައު ޕެސެންޖަރ ޓަރމިނަލަކާއެކު ސީޕްލޭންގެ ޚިދުމަތް ފުޅާކުރުމާއި، އެއާޕޯޓުގައި ދާއިމީ ފިއުލް ފެސިލިޓީއެއް ޤާއިމުކުރުމަށްވެސް ވަނީ ޕްލޭންކޮށްފައެވެ. މި މަސައްކަތްތަކުގެ ސަބަބުން މާފަރު އިންޓަރނޭޝަނަލް އެއާޕޯޓަކީ ރާއްޖޭގެ އުތުރުގެ ސަރަހައްދަށް ޚިދުމަތްދޭ މައި މަރުކަޒަކަށް ވެގެންދާނެކަމަށް އައިލެންޑް އެވިއޭޝަން ސަރވިސަސްއިން ބެލެއެވެ.

