ހއ. ދިއްދޫ ބަނދަރު ތަރައްގީ ކުރުމާއި ޖެޓީ ހެދުމުގެ މަޝްރޫއުގެ 94 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އެ މަސައްކަތް ކުރިއަށް ގެންދާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ. މި މަޝްރޫއަކީ ދިއްދޫގެ ރައްޔިތުންނަށް ދަތުރުފަތުރުގެ ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށް ސަރުކާރުން އިސްކަންދީގެން ކުރިއަށް ގެންދާ މުހިންމު މަޝްރޫއެކެވެ.
އެމްޓީސީސީން ބުނި ގޮތުގައި، ދިއްދޫ ބަނދަރު ތަރައްގީ ކުރުމާއި ޖެޓީ ހެދުމުގެ މަސައްކަތުގެ ދަށުން މިހާރު ކުރިއަށްދަނީ ޖެޓީގެ ސްޓަރިން އަދި ބާ ބެންޑިންގެ މަސައްކަތެވެ. މުޅި މަޝްރޫއުގެ 94 އިންސައްތަ މަސައްކަތް މިހާރު ފުރިހަމަކުރެވިފައިވާ ކަމަށް ވެސް އެ ކުންފުނިން ވަނީ ހާމަކޮށްފަ އެވެ.
މި މަޝްރޫއުގެ ދަށުން ކުރިއަށް ގެންދާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި 78,000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 378 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 58 މީޓަރުގެ ގްރޮއިން ޖެހުން ހިމެނެ އެވެ.
މީގެ އިތުރުން 478 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 630 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 6،858 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމުގެ މަސައްކަތް ވެސް ހިމެނެ އެވެ. އަދި މި މަޝްރޫއުގެ ދަށުން ޖެޓީއެއް ހެދުމާއި، ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް އެމްޓީސީސީން ބުނެފައިވެ އެވެ.
ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރި މި ބޮޑު މަޝްރޫއަކީ 75.5 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫއު ނިމުމުން ހއ. ދިއްދޫގެ ދަތުރުފަތުރާއި އިޤްތިޞާދީ ހަރަކާތްތަކަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ބެލެވެ އެވެ.

