ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ (ވީއައިއޭ) ޓާމިނަލް 1 ގެ ސީ ޕްލޭން ފަސިންޖާ ބަސް ހުއްޓިތަކަށް އެހެން އުޅަނދުތައް ނުވަނުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އިލްތިމާސްކޮށްފިއެވެ. މި ސަރަހައްދަކީ ސީޕްލޭންގެ ދަތުރުވެރިންނަށް ހާއްސަކޮށް، އެމްއޭސީއެލްގެ މުވައްޒަފުންގެ ބަސްތައް ހުއްޓުމަށް ކަނޑައަޅާފައިވާ ސަރަހައްދެކެވެ.
އެމްއޭސީއެލްއިން ކުރި ޕޯސްޓެއްގައި ފާހަގަކުރައްވާފައިވާ ގޮތުގައި ޓާމިނަލް 1 ގެ އެރައިވަލް ގޭޓް 4 ގެ ދެކުނުގައި އުޅަނދު ފަހަރު މަޑުކުރުމަށް ފާހަގަ ކޮށްފައިވާ ސަރަހައްދަކީ ސީޕްލޭން އޮޕަރޭޓް ކުރާ ފަރާތްތަކަށް ހާއްސަކޮށް، ދަތުރުވެރިން އެރުވުމަށް ކަނޑައަޅާފައިވާ ތަނެކެވެ. މީގެ އިތުރުން އެމްއޭސީއެލްގެ މުވައްޒަފުން ދަތުރުކުރާ ބަސްތައް ހުއްޓުމަށް ވެސް މި ސަރަހައްދު ބޭނުން ކުރެއެވެ.
ނަމަވެސް، މި ހާއްސަ ސަރަހައްދަށް އެހެން އުޅަނދުތައް ވަންނަމުންދާކަން އެމްއޭސީއެލްއިން ވަނީ ފާހަގަކުރައްވާފައެވެ. މިކަމުގެ ސަބަބުން ސީޕްލޭންގެ ދަތުރުތަކަށް ބުރޫ އަރައި، ބަސްތައް ހުއްޓުމަށް ދަތިތަކާ ކުރިމަތިވާތީ، އެމްއޭސީއެލްއިން ވަނީ މިފަދަ އަމަލުތައް ހުއްޓާލުމަށް އިލްތިމާސްކޮށްފައެވެ.
އެމްއޭސީއެލްއިން ވިދާޅުވީ، “އެހެންކަމުން މި ނޫން އުޅަނދުތައް މި ސަރަހައްދުގެ ތެރޭގައި އަދި މި ސަރަހައްދަށް ވަދެ ނުކުތުމަށް އުދަނގޫވާ ގޮތަށް ޕާކު ކުރުމާއި މަޑުކުރުމަކީ މަނާކަމެއް ކަމުގައި ދަންނަވަން.” އެވެ. އަދި އެކަން އެގޮތަށް ނުކުރެއްވުމަށް އެ އިދާރާއިން ވަނީ ހުރިހާ ފަރާތްތަކަށް އިލްތިމާސްކޮށްފައެވެ.
އެމްއޭސީއެލްއިން އިތުރަށް ވަނީ އެއާޕޯޓުގެ ތެރޭގައި އުޅުއްވާއިރު، އެންމެންގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި އެމްއޭސީއެލްގެ ސެކިއުރިޓީ އޮފިސަރުން ދެއްވާ އިރުޝާދާއި އެއްގޮތަށް އަމަލު ކުރުމަށް ވެސް ހުރިހާ ފަރާތްތަކަށް އިލްތިމާސްކޮށްފައެވެ. މިކަމުގެ ސަބަބުން އެއާޕޯޓުގެ އޮޕަރޭޝަންތައް ހަރުދަނާކޮށް، ދަތުރުވެރިންނަށް ފަސޭހަ މާހައުލެއް ގާއިމު ކުރުމަށް އެހީތެރިވެގެންދާނެއެވެ.

