ހުޅުމާލެ ދެވަނަ ފިޔަވަހީގައި ފަހިދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ތަރައްގީކޮށްފައިވާ 4000 ހައުސިންގ ޔުނިޓުތައް ހަވާލުކުރުމުގެ މަސައްކަތް ކުރިން ރާވާފައިވާ ތާރީޚަށްވުރެ އަވަސްކޮށްފިކަމަށް އެ ކޯޕަރޭޝަނުން ބުނެފިއެވެ. މި މަސައްކަތް އަވަސްކޮށްފައި މިވަނީ "އަމާން އުދަރެސް" އަދި "އަމާން ދޯދީ"ގެ ނަމުގައި ހިންގި މި ހައުސިންގ ޔުނިޓުތަކުގެ މަސައްކަތް މިހާރު މުޅިން ނިމިފައިވާތީއެވެ.
އެފްޑީސީގެ މެނޭޖިން ޑިރެކްޓަރ ހަމްދާން ޝަކީލް ވިދާޅުވީ، އަމާން އުދަރެސް އަދި އަމާން ދޯދީގެ ހުރިހާ ފްލެޓެއްގެ މަސައްކަތްވެސް މިހާރު ނިމިފައިވާ ކަމަށެވެ. މިހާރު ނުނިމި ހުރީ އެމްޑަބްލިއުއެސްސީން މަގުތަކުގައި ކުރަންޖެހޭ މަސައްކަތެއް ކަމަށާއި، އެހެންކަމުން ފްލެޓުތައް ހަވާލުކުރުމުގެ މަސައްކަތް ކުރިން ރާވާފައިވާ ތާރީޚަށްވުރެ ކުރިން ފެށުމަށް ތައްޔާރުވެފައިވާ ކަމަށް ހަމްދާން ވިދާޅުވިއެވެ.
ހަމްދާން ވިދާޅުވީ ފްލެޓުތަކުގެ ތަޅުދަނޑިތައް ހަވާލުކުރާނެ އައު ތާރީޚުތައް ފަހި ފޯޓަލް މެދުވެރިކޮށް މިރެއިން ފެށިގެން އަންގަމުންދާނެ ކަމަށެވެ. އެފްޑީސީން މިހާރު ލަފާ ކުރާ ގޮތުގައި އަންނަ ޖެނުއަރީ މަހުގެ ކުރީކޮޅު ހުރިހާ ފްލެޓެއްގެ ތަޅުދަނޑި ހަވާލުކޮށް ނިމޭނެއެވެ. ފްލެޓް ލިބިފައިވާ ފަރާތްތަކުން ތަޅުދަނޑި ހަވާލުކުރަނީ ޑައުންޕޭމަންޓް ދައްކައި ނިމުމުން ކަމަށް އެފްޑީސީން ވަނީ ހާމަކޮށްފައެވެ.
މި ފްލެޓުތައް ލިބުނު ފަރާތްތަކުން ދައްކަންޖެހޭ ކުއްޔާއި ޑައުންޕޭމަންޓް ކުޑަކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އަގުތަކަށް ބަދަލުގެނެސްދެއްވާފައެވެ. އެގޮތުން، 3 ކޮޓަރީގެ އެޕާޓްމަންޓުތަކަށް ޑައުންޕޭމަންޓްގެ ގޮތުގައި 8،500 ރުފިޔާ އަދި މަހު ކުލީގެ ގޮތުގައި 10،000 ރުފިޔާ ދައްކަންޖެހޭ ގޮތަށް ވަނީ ބަދަލު ގެނެސްފައެވެ. އަދި ދެ ކޮޓަރީގެ އެޕާޓްމަންޓުތަކުގެ ޑައުންޕޭމަންޓަށް 6،000 ރުފިޔާ އަދި މަހު ކުލީގެ ގޮތުގައި 7،000 ރުފިޔާ ދައްކަންޖެހޭ ގޮތަށް ވަނީ އަގުތައް ކުޑަކޮށްދެއްވާފައެވެ.
މީގެ އިތުރުން، ކުރީގެ އަގުތަކާ އެއްގޮތަށް ޑައުންޕޭމަންޓް ދައްކާފައިވާ ފަރާތްތަކަށް، އާ އަގަށްވުރެ އިތުރަށް ދައްކާފައިވާ ފައިސާ މަހު ކުލިން އުނިކުރުމަށް ވަނީ ނިންމާފައެވެ. ސަރުކާރުން ނިންމާފައިވާ ގޮތުގައި ތަޅުދަނޑި ހަވާލުކުރާ ތާރީޚުން ފެށިގެން ތިން މަސް ދުވަސް ވަންދެން ފްލެޓްތަކަށް ކުލި ދައްކާކަށް ނުޖެހޭނެއެވެ. ނަމަވެސް އެ މުއްދަތުގައި ފްލެޓުގެ މެއިންޓެނަންސް ފީ ދައްކަން ޖެހެއެވެ.

