ހުޅުމާލެ ފޭސް ތިނެއް ހިއްކުމުގެ މަސައްކަތް ހަލުވިކޮށްފައިވާއިރު، ޖުމްލަ 63 ހެކްޓަރުގެ ތެރެއިން 40 ހެކްޓަރަށްވުރެ ބޮޑު ސަރަހައްދެއްގެ ބިން ހިއްކާ މިހާރު ނިމިފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ. މި މަސައްކަތް ހަލުވިކުރެވުނީ އިތުރު ޑްރެޖަރުތައް ގެނެސްގެންނެވެ.
އެމްއޭސީއެލްއިން ބުނި ގޮތުގައި، ހުޅުމާލެ ފޭސް ތިނެއް ހިއްކުމުގެ މަޝްރޫއުގެ 63.5 އިންސައްތަ މިހާރު ވަނީ ނިމިފައެވެ. މަސައްކަތް ހަލުވިކުރުމަށްޓަކައި 22،000 ސީބީއެމްގެ ކެޕޭސިޓީ ހުރި ޑްރެޖަރު ކަމަށްވާ ޕްރިންސް ޑާ ނެޑަލޭންޑެން އާއި އޮރަންޖޭ މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ. އެ އިތުރު ޑްރެޖަރުތައް ރާއްޖެ ގެނެސްފައިވަނީ މި މަހުގެ ކުރީކޮޅުގައެވެ.
މި މަޝްރޫއު ފަށާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ފުރަތަމަ ދުވަހުއެވެ. ނަމަވެސް، ހުޅުމާލޭގެ މާސްޓާ ޕްލޭން ރިވައިޒް ކުރުމުގެ މަސައްކަތް ކުރިއަށްދާތީ މަޝްރޫއަށް ވަނީ ވަގުތީ މަޑުޖެހުމެއް އައިސްފައެވެ. މަސައްކަތް މަޑުޖެހިފައި އޮތުމަށްފަހު، ތިންވަނަ ފިޔަވައްސަށް ބިން ހިއްކުމުގެ މަސައްކަތްތައް އަލުން ފަށާފައިވަނީ ނޮވެމްބަރު 10 ވަނަ ދުވަހުއެވެ.
ހުޅުމާލޭ ތިންވަނަ ފިޔަވައްސާއި ގިރާވަރު، ގުޅީފަޅު އަދި އުތުރުތިލަފަޅު ހިއްކުމުގެ މަޝްރޫއަކީ މާލޭ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ ބޮޑު މަޝްރޫއެކެވެ. ސަރުކާރުން ބުނެފައިވަނީ މި މަސައްކަތް އަވަހަށް ނިންމައި، ބޯހިޔާވަހިކަމުގެ ފުރުސަތު ވީހާވެސް ގިނަ ރައްޔިތުންނަށް ހޯދައިދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

