އަންނަ ދިރާސީ އަހަރުން ފެށިގެން، ކިޔަވައިދޭ ގަޑީގައި އެއްވެސް ދަރިވަރަކަށް ކްލާހުގައި ފޯނު ބޭނުން ނުކުރެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިކަން ހާމަކުރެއްވީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރެހެންދި ސްކޫލަގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. ދަރިވަރުން ސްކޫލަށް ފޯނު ގެންދިއުމުގެ މައްސަލަ ހައްލުކުރުމަށް ގިނަ އަދަދެއްގެ ބެލެނިވެރިން އެދެމުންދާކަމަށް ރައީސް ވިދާޅުވިއެވެ. މިކަމަށް ސަރުކާރުން އިސްކަންދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، މިހާރުވެސް ގްރޭޑް 10 އިން ދަށުގެ ދަރިވަރުން ސްކޫލަށް ފޯނު ގެންދިއުން މަނާކުރެވިފައިވީނަމަވެސް، އެކަން އެންމެ ރަނގަޅުގޮތުގައި ތަންފީޒުކުރެވެމުން ނުދާކަމަށެވެ. އެހެންކަމުން، އަންނަ ދިރާސީ އަހަރުން ފެށިގެން ގްރޭޑް 10 އިން ދަށުގެ ދަރިވަރުން ސްކޫލަށް ފޯނު ގެންދޭތޯ ވަރަށް ހަރުކަށިކޮށް ބަލަމުންދާނެ ކަމަށާއި، ސްކޫލް ގަޑީގައި އެގްރޭޑްތަކުގެ ދަރިވަރުންނަށް ސްކޫލްގައި ފޯނު ބޭނުން ނުކުރެވޭނެކަމަށް ވިދާޅުވިއެވެ.
އޭލެވެލް ކިޔަވާ ދަރިވަރުންނަށް ސްކޫލަށް ފޯނު ގެންދެވޭނެ އިންތިޒާމު ހަމަޖައްސަވާނެކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް އެދަރިވަރުންގެ ފޯނުތައް ހުންނަށްވާނީ އެކަމަށް ޚާއްސަކުރެވިގެން ސްކޫލްގައި ބަހައްޓާ ލޮކަރެއްގައިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
“ގްރޭޑް 11އާއި ގްރޭޑް 12ގެ ދަރިވަރުންނަށް ސްކޫލަށް ފޯނު ގެންދެވޭނެ. އެޑިއުކޭޝަން މިނިޓްރީން އެބަ ހޯއްދަވާ ލޮކަރ ސިސްޓަމް. ސްކޫލްގައި އެ ލޮކަރ ސިސްޓަމް ބެހެއްޓީމަ ފޯނު ބަހައްޓާނީ އެލޮކަރ ތަކުގައި. ކްލާސް ގަޑީގައި ކިޔަވައި ދެމުންދާއިރު، އެއްވެސް ކުއްޖަކަށް ފޯނު ބޭނުން ނުކުކުރެވޭނެ، ނަމަވެސް ކްލާސް ނިމުނީމަ އަަތަށް ފޯނު ލިބޭގޮތަށް ބަދަލުކުރާނެ،” ރައީސް
ކިޔަވައިދޭ ގަޑީގައި ކްލާސްރޫމްގައި ފޯނު ބޭނުން ނުކުރެވޭގޮތަށް ކަންކަން އިންތިޒާމުކުރައްވާނެކަމަށް ސަރުކާރުން ހާމަކުރައްވާފައި މިވަނީ، ދާދިފަހުން ރާއްޖޭގެ ސްކޫލެއްގައި ކްލާސް ގަޑީގައި ދަރިވަރުންތަކެއް ފޯނު ގެންގުޅުމާ ގުޅޭ މައްސަލަތަކެއް ފެންމަތިވުމާއެކު، ސްކޫލަށް ފޯނު ގެންދިއުމާ ދެކޮޅަށް ގިނަ ބަޔަކު އަޑުއުފުލާފައިވާ ދަނޑިވަޅެއްގައެވެ. މިކަމުގެ ސަބަބުން ދަރިވަރުންގެ ކިޔެވުމަށް ސީދާ އަސަރުކުރާކަމަށް ބެލެނިވެރިންނާއި މުދައްރިސުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

