މާލޭގެ ބޮޑުތަކުރުފާނު މަގުގެ މަސް މާރުކޭޓް ސަރަހައްދު މިރޭގެ 00:00 އިން ފެށިގެން އާންމު ޓްރެފިކަށް ބަންދުކުރުމަށް ނިންމާފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
މިގޮތަށް ނިންމާފައިވަނީ މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގުގައި ތާރު އެޅުމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާތީއެވެ. މި މަސައްކަތް ކުރިއަށްދާ ސަރަހައްދު ވަކި ޗާޓެއްގައި ފާހަގަކޮށް، އެ ސަރަހައްދު ބަންދުކުރެވޭނެ ކަމަށް ފުލުހުން ބުނެއެވެ.
މި މަޝްރޫއަކީ މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ފުޅާކޮށް، ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، ރައްޔިތުންނަށް ފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށް ކުރިއަށް ގެންދާ މުހިންމު މަޝްރޫއެކެވެ. މަގު ތަރައްޤީކުރުމުގެ މި މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ތިން ސެގްމަންޓަކަށް ބަހާލައިގެންނެވެ.
މަސައްކަތުގެ ފުރަތަމަ ސެގްމަންޓްގެ މަސައްކަތް ފެށުމަށްޓަކައި، ލޯކަލް މާރުކެޓްގެ ހުޅަނގަށް 100 މީޓަރު ސަރަހައްދުގައި ހިމެނޭ އެންމެހާ ކަނޑު އުޅަނދުތައް މިމަހުގެ 19 ޑިސެންބަރު 2025 ވަނަ ދުވަހުގެ 0:00 ގެ ނިޔަލަށް ނެގުމަށް އެމްޕީއެލް (މޯލްޑިވްސް ޕޯޓްސް ލިމިޓެޑް) އިން ވަނީ އިއުލާނުކޮށްފައެވެ. އެމްޕީއެލްއިން ވިދާޅުވީ، އެ ސަރަހައްދު ބޭނުންކުރާ އޮޑިދޯނިފަހަރަށް ވަގުތީ ގޮތުން އެހެން ސަރަހައްދުތަކެއް ހަމަޖެއްސުމަށް ކަމާ ބެހޭ ވުޒާރާތަކާއި ގުޅިގެން މަސައްކަތް ކުރިއަށް ގެންދާ ކަމަށެވެ.
އެމްޕީއެލްއިން ވަނީ މަސައްކަތް ކުރިއަށް ގެންދާ މުއްދަތުގެ ތެރޭގައި ވެސް އޮޑިދޯނިފަހަރަށް ދަތިނުނުވާނެ ގޮތަށް، ހިދުމަތްތައް ފޯރުކޮށްދިނުމަށް އިންތިޒާމްތައް ހަމަޖައްސާނެކަމުގެ ޔަގީންކަން ދީފައެވެ. މާލެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ފުޅާކޮށް ތަރައްގީކުރުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ޓަކައި، މަސައްކަތް ކުރާ ސަރަހައްދު ހުސްކުރުމަށް އެ ސަރަހައްދު ބޭނުންކުރާ ފަރާތްތަކުން އެއްބާރުލުން ދެއްވުމަށް އެމްޕީއެލް އިން ވަނީ އެދިފައެވެ.

