މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީސް ކޮމްޕެނީ (މިފްކޯ) އިން ފުވައްމުލައް ސިޓީގައި ގާއިމްކުރި ފިޝް ޕްރޮސެސިންގ ފެސިލިޓީ ރަސްމީކޮށް ހުޅުވައިފިއެވެ. މި ފެސިލިޓީ ހުޅުވުމަށް ފުވައްމުލަކުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، ފެސިލިޓީ ހުޅުވައިދެއްވީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު މުއްތަލިބުއެވެ. މި ފެސިލިޓީއަކީ ފުވައްމުލަކުގެ މަސްވެރިންނަށް އިތުބާރު ހިފޭ ގޮތެއްގައި މަސް ބަންދުކޮށް، މަސްވެރިކަމުގެ ނަފާ އިތުރުކުރުމަށް މަގުފަހިކޮށްދޭނެ މުހިންމު މަސައްކަތެކެވެ.
މި ރަސްމިއްޔާތުގައި މިފްކޯގެ އިސްވެރިންނާއި، ސަރުކާރުގެ ބޭފުޅުންނާއި، ފުވައްމުލަކުގެ ކައުންސިލްގެ އިސްވެރިންނާއި، މަސްވެރިން ބައިވެރިވިއެވެ. އެގޮތުން މިފްކޯގެ ސީއީއޯ ބްރިގޭޑިއާ ޖެނެރަލް (ރޓޑ) ފަރުހަތު ޝަހީރާއި، ސްޓްރެޓެޖިކް ކޮންސަލްޓެންޓް އާތިފް ޝަކޫރާއި، ފުވައްމުލަކު ދެކުނު ދާއިރާގެ މަޖިލީސް މެންބަރު އިބްރާހީމް ހުސައިނާއި، ފުވައްމުލައް ސިޓީގެ މޭޔަރު އިސްމާއީލް ރަފީގު ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މި ފެސިލިޓީ ވަނީ ސިއްހީގޮތުން އެންމެ ރައްކާތެރި މިންގަނޑުގައި ހިދުމަތްދެވޭނެ ގޮތަށް ގާއިމުކުރެވިފައެވެ. އަދި މިކަން ކަށަވަރުކުރުމަށްފަހު، އެމްއެފްޑީއޭ (މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ) އިން މިހާރު ވަނީ މި ފެސިލިޓީއަށް ހުއްދަވެސް ދީފައެވެ. މިފްކޯއިން ވިދާޅުވެފައިވާ ގޮތުގައި، މި ފެސިލިޓީގެ ސަބަބުން ފުވައްމުލަކުގެ ރައްޔިތުންނަށް ރައްކާތެރިކަމާއެކު މަސް ބަންދުކޮށް، އިތުބާރު ހިފޭ އުފެއްދުންތަކެއްގެ ގޮތުގައި ލިބި، މަސްވެރިކަމުން އެދެވޭ ނަފާއެއް ހޯދުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.
މިފްކޯއިން ވަނީ މިދިޔަ އޮގަސްޓު މަހުން ފެށިގެން ފުވައްމުލައް ސިޓީ އިން މަސް ގަންނަން ފަށާފައެވެ. މިފްކޯއިން މިހާރު ފުވައްމުލަކުން މަސް ގަންނަމުންދާއިރު، ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ސީދާ އައްޑޫއަތޮޅުން މަސް އެކްސްޕޯޓް ކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާކަމަށް ވެސް މިފްކޯއިން ވަނީ ހާމަކޮށްފައެވެ. މިއީ ދެކުނުގެ މަސްވެރިކަމުގެ ސިނާއަތަށް ލިބުނު އިތުރު ކުރިއެރުމެކެވެ.
މިފްކޯގެ ޖުމްލަ އުފެއްދުންތެރިކަން އިތުރުކުރުމަށްޓަކައި، މަސް ގަތުމާއި ރައްކާކުރުމުގެ ޤާބިލުކަން އިތުރުކުރުމަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ވަނީ ކުރެވިފައެވެ. ސަރުކާރުގެ އެހީތެރިކަމާއެކު، މަލްޓި ލެޓެރަލް ޑިވޮލޮޕްމަންޓް ފައިނޭންސްގެ އެހީގައި މިފްކޯއިން އަންނަނީ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތްތައް ކުރަމުންނެވެ. ފުވައްމުލަކުގައި މި ފެސިލިޓީ ހުޅުވުމަކީ މިފްކޯގެ އުފެއްދުންތެރިކަން އިތުރުކުރުމަށް ކުރާ މަސައްކަތުގެ މުހިންމު ބައެކެވެ.

