ހުޅުމާލެ ފޭސް އެކަކުން ދިރިއުޅެން ދޫކޮށްފައިވާ ބަންޑާރަ ގޯތިތަކަށް ދައްކަން ޖެހޭ ފައިސާގެ ތެރެއިން ބައެއް އުނިކޮށް ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ ހުޅުމާލެ ފޭސް އެކަކުން ދިރިއުޅެން ދޫކޮށްފައިވާ ބަންޑާރަ ގޯތިތަކަށް ދައްކަން ޖެހޭ ފައިސާގެ ތެރެއިން ބައެއް އުނިކޮށް ދެއްވާނެ ކަމަށެވެ. މިގޮތުން، ގޯތީގެ އެގްރީމަންޓްގައި ހިމެނޭ އަގުން 10 އިންސައްތައިގެ ޑިސްކައުންޓެއް ދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. މިއީ ހުޅުމާލެ ފޭސް 1 ގެ ގޯތި ލިބިފައިވާ ރައްޔިތުންނަށް ލިބިގެންދާނެ މުހިންމު މާލީ ލުޔެކެވެ.
ހުޅުމާލެ ފޭސް އެކަކުން ދޫކޮށްފައިވާ ބައެއް ގޯތިތަކަކީ ސޯޝަލް ކެޓެގަރީގެ ދަށުން ގުރުއަތުލައިގެން ނުވަތަ ޕޮއިންޓް އުސޫލުން ދޫކޮށްފައިވާ ގޯތިތަކެކެވެ. މި ގޯތިތައް ދޫކުރެވިފައިވަނީ ދިރިއުޅުމަށް އާންމު އަގުތަކަށް ވުރެ ކުޑަ އަގެއްގައި ފައިސާ ދައްކައިގެން އަމިއްލަ ކުރާ ގޮތަށެވެ. ނަމަވެސް މިފަދަ ގޯތިތަކަށް މާލީ ގޮތުން ލުޔެއް މިދިޔަ ސަރުކާރުތަކުން ހޯދާދީފައި ނުވާކަމަށް ރައީސް ވިދާޅުވިއެވެ.
ފޭސް އެކެއްގެ ރައްޔިތުުންނާއި ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވަނީ މިފަދަ ގޯތިތަކަށް ލުޔެއް ދިނުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އެގޮތުން، މި ސަރުކާރުން ވަނީ ގޯތީގެ އެގްރީމަންޓުގައި އޮންނަ އަގުގެ 10 އިންސައްތައިގެ ޑިސްކައުންޓެއް ދިނުމަށް ނިންމާފައެވެ. ރައީސް ވިދާޅުވީ “އެގްރީމަންޓްގައި ހިމެނޭ އަގުން ބައެއް އުނިކޮށް ދެއްވާނެ. އެގޮތުން 10 އިންސައްތައިގެ ޑިސްކައުންޓެއް ދެއްވާނެ،” ކަމަށެވެ.
މި ޑިސްކައުންޓް ލިބިގެންދާނީ ގޯތިތަކަށް ދައްކަން ބާކީ އޮތް އަދަދުން ކެނޑިގެންނެވެ. ރައީސް ވިދާޅުވި ގޮތުގައި ބައެއް ގޯތިތަކުން ދައްކަން ޖެހޭ ފައިސާގެ ތެރެއިން ބޮޑު އަދަދެއް މިހާރު ދައްކާފައިވީ ނަމަވެސް، މި ޑިސްކައުންޓް ބާކީ ބައިން އެޖެސްޓް ކުރެވޭނެއެވެ. މިއާއެކު ބާކީ ދައްކަން އޮންނަ އަދަދުން އެބައި ކެނޑިގެން ދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

