ގިނަ ދާއިރާތަކަކުން ޒުވާނުން ހިމަނައިގެން ބާއްވާ ޒުވާނުންގެ ޤައުމީ ކޮންފަރެންސް މިއަދު ރަސްމީކޮށް ފަށައިފިއެވެ. މި ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާއި ބެހޭ ވަޒީރު އިބްރާހިމް ވަހީދާއި، އެ ވުޒާރާގެ އިސްވެރިންގެ އިތުރުން ޔޫތު އެޑްވައިޒަރީ ބޯޑުގެ މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
“ނޭޝަނަލް ޔޫތު ކޮންފެރެންސް” ނުވަތަ ޒުވާނުންގެ ޤައުމީ ކޮންފަރެންސަކީ ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރީ ބޯޑާއި، ޒުވާނުން ބާރުވެރި ކުރުވުމާއި މަޢުލޫމާތާއި ފަންނާއި ބެހޭ ވުޒާރާ ގުޅިގެން ޒުވާނުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މުހިންމު ހަރަކާތެކެވެ. މާލޭގެ ޔޫތު ހަބްގައި ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ކޮންފަރެންސްގައި އެކި ދާއިރާތަކުން ޖުމްލަ 93 ޒުވާނުން ބައިވެރިވެއެވެ.
މިއަހަރުގެ ކޮންފަރެންސްގެ މައިގަނޑު އަމާޒަކީ ޒުވާނުންގެ ހުރި ކަންބޮޑުވުންތައް ދެނެގަނެ، އެކަންކަމަށް ވަށާޖެހޭ ޙައްލެއް ހޯދުމާއި، ޒުވާނުންގެ ޤައުމީ ސިޔާސަތެއް އެކުލަވާލުމެވެ. ޒުވާނުން ބާރުވެރިކުރުވުމާ ބެހޭ ވުޒާރާއިން ވިދާޅުވި ގޮތުގައި، ޒުވާނުންގެ ޚިޔާލާއި މަޝްވަރާ ހޯދައި، އެކުދިން ކުރިއެރުވުމަށް މަސައްކަތް ކުރުމަކީވެސް މި ބައްދަލުވުމުގެ މުހިންމު ބޭނުމެކެވެ.
މި ކޮންފަރެންސްގެ ތެރެއިން ޖުމްލަ 6 މަޢުޟޫއަކަށް ބަހާލައިގެން މަސައްކަތު ބައްދަލުވުންތައް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ. މި ބައްދަލުވުންތަކުން ނުކުންނަ ނަތީޖާތަކަކީ ޒުވާނުންގެ ކުރިމަގު ބައްޓަންކުރުމުގައި މުހިންމު ދައުރެއް އަދާކުރާނެ ކަންކަން ކަމަށް ބެލެވެއެވެ.
ޒުވާނުން ބާރުވެރިކޮށް، ކުރިއެރުވުމަށް މި ސަރުކާރުން އަންނަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ޒުވާނުންނަށް ބޭނުންވާ ތަފާތު ހުނަރުވެރި ޕްރޮގްރާމްތަކާއި، މުނިފޫހިފިލުވުމުގެ ހަރަކާތްތަކުގެ އިތުރުން، ދުޅަހެޔޮ މާޙައުލެއް ޤާއިމުކުރުމަށް “ޒުވާނުންގެ ވެހި” ގެ ނަމުގައި ޚާއްސަ މަރުކަޒެއް ވަނީ ހުޅުވާފައެވެ. މި މަރުކަޒުން ޔޫތު ކައުންސެލިންގ އާއި ވެލްބީންގ ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ލިބިގެންދާނެއެވެ.
މި ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމަށް ހަމަޖެހިފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

