މާޅޮސްމަޑުލު އުތުރުބުރީ ފައިނު ކައުންސިލުން އަލަށް ތައާރަފުކުރި “ފައިނު އެވޯޑު 2025” ގެ ފަހުރުވެރިކަމުގެ އެވޯޑު، މިނިސްޓާ އޮފް ސިޓީސް، ލޯކަލް ގަވަރުމަންޓް އެންޑް ޕަބްލިކް ވާކްސް އާދަމް ޝަރީފު އުމަރަށް އަރުވައިފިއެވެ. މި އެވޯޑަކީ އާދަމް ޝަރީފު އުމަރު ފައިނަށާއި ދިވެހި ގައުމަށް ކޮށްދެއްވާފައިވާ އަގުހުރި ހިދުމަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން އެރުވި އެވޯޑެކެވެ.
ފައިނު ކައުންސިލުން އިންތިޒާމުކޮށްގެން ދޭން ފެށި މި އެވޯޑަކީ އެ ރަށުގެ ހިދުމަތްތެރީންނާއި، މަސައްކަތްތެރީންގެ އިތުރުން ރަށަށް ރީތި ނަން ހޯދައިދޭ ފަރާތްތަކަށް ހާއްސަކޮށްގެން ދޭ އެވޯޑެކެވެ. މިއީ މި އެވޯޑު އެ ކައުންސިލުން ދިން ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.
ފައިނު ކައުންސިލުން ވިދާޅުވީ، މިނިސްޓަރު އާދަމް ޝަރީފު އުމަރަށް މި ޝަރަފުވެރި އެވޯޑު އެރުވީ ދައުލަތަށް ކޮށްދެއްވާފައިވާ ގިނަގުނަ ހިދުމަތްތަކުގެ އިތުރުން، ފައިނު ހިމެނޭ ރ. މަޑުއްވަރީ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން އެ ދާއިރާގެ ތަރައްގީއަށް ކޮށްދެއްވި މަސައްކަތްތައް ފާހަގަކުރުމަށެވެ.
އާދަމް ޝަރީފު އުމަރަކީ ތައުލީމީ ދާއިރާގައި 35 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ. އެ ދާއިރާއިން ކުރެއްވި މަސައްކަތްތަކުގެ އަގުވަޒަންކޮށް، ތައުލީމީ ދާއިރާއަށް 35 އަހަރު ހިދުމަތް ކުރުމުގެ އިނާމުވެސް މީގެ ކުރިން އެމަނިކުފާނަށް ވަނީ ލިބިވަޑައިގެންފައެވެ.
މިހާރުގެ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާ ބެހޭ ވަޒީރު އާދަމް ޝަރީފު ވަނީ މީގެ ކުރިން ދައުލަތުގެ މުހިންމު މަގާމުތަކެއް ފުރުއްވާފައެވެ. އޭގެ ތެރޭގައި ދިވެހިރާއްޖޭގެ ދިފާއީ ވަޒީރުކަމާއި، އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ހިމެނެއެވެ. އަދި އެންމެ ފަހުން އެމަނިކުފާނު ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރުކަމުގެ މަގާމުގައެވެ.

