ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގެ އާ ފަސިންޖަރު ޓާމިނަލް، ޓާމިނަލް 1 އިން ޔޫއޭއީގެ ގައުމީ އެއް އެއަރލައިން ކަމަށްވާ އެމިރޭޓްސް އަށް ހިދުމަތް ދޭން މިއަދު ފަށައިފިއެވެ. މިކަން ފާހަގަކުރުމަށްޓަކައި އެ ޓާމިނަލުގައި މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް އެވެ. މި ރަސްމިއްޔާތުގައި އެމިރޭޓްސް އިން ރާއްޖެއާއި ސްރީ ލަންކާއަށް ކަނޑައަޅާފައި ހުންނަ ކަންޓްރީ މެނޭޖަރު ޖަބޭރު މުހައްމަދާއި، އެމިރޭޓްސްގެ އިސް އޮފިޝަލުންގެ އިތުރުން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ޓާމިނަލް 1 އިން އެމިރޭޓްސްގެ ހިދުމަތްތައް ރަސްމީކޮށް ފެށުމުގެ ގޮތުން އެ އެއާލައިންގެ ކައުންޓަރުތައް ވަނީ ހުޅުވައިދީފައެވެ. މިގޮތުން އެ އެއަރލައިނުން ފުރި 310 ފަސިންޖަރުންނަށް ވަނީ ހާއްސަ ހަދިޔާތަކެއް ދީފައެވެ. މީގެ އިތުރުން، ޓާމިނަލް 1 އަށް ކައިރި ކުރި އެމިރޭޓްސްގެ ފުރަތަމަ ފްލައިޓުން ރާއްޖެ އައި 298 ފަސިންޖަރުންނަށް ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ވަނީ ކިޔައިފައެވެ.
މެދުއިރުމަތީގެ އެންމެ ބޮޑު އެއާލައިން ކަމަށްވާ އެމިރޭޓްސް އަކީ ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށި ޔޫއޭއީގެ 4 ވަނަ އެއަރލައިނެވެ. އެމިރޭޓްސް އިން ރާއްޖެއަށް ދަތުރުތައް ފަށާފައިވަނީ 27 މެއި 1987 ގައެވެ. އެމިރޭޓްސް އާއެކު ވީއައިއޭގެ ޓާމިނަލް 1 އިން މިހާރު ޖުމްލަ 37 އެއާލައިނަކަށް ދަނީ ހިދުމަތް ފޯރުކޮށްދެމުންނެވެ.

