ރާއްޖެއަށް އެތެރެކުރުމާއި ވިއްކުން މަނާކޮށްފައިވާ ވޭޕް ކާޓްރިޖްތަކެއް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މި ތަކެތި ހޯދާފައިވަނީ މި ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން މާލޭގެ ދެ ގެއެއް ބަލައިފާސްކުރުމުގެ ތެރެއިންނެވެ.
ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި، މި އޮޕަރޭޝަންގައި ބަލައިފާސްކުރި ދެ ގެއިން 442 ވޭޕް ކާޓްރިޖާއި، 2 ސިނގިރޭޓް ކާޓޫނުގެ އިތުރުން ޝީޝާ ޕަފްއާއި ވޭޕްއާ ގުޅުންހުރި އެހެނިހެން ތަކެތި ވަނީ ފެނިފައެވެ. މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވި ނަމަވެސް، ދެ މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ޤާނޫނީ ފިޔަވަޅުތަކާއި ޖޫރިމަނާ
ރާއްޖޭގައި ވޭޕް ބޭނުންކުރުމާއި، ވިއްކުމާއި، އަދި ހިލޭ ބެހުން މަނާކޮށް ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނަށް ގެނައި އިސްލާޙަށް ޢަމަލުކުރަން ފަށާފައިވަނީ މި މަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ. މި ޤާނޫނުގެ ދަށުން ރާއްޖެއަށް ވޭޕްގެ ބާވަތްތަކާއި އެއާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައި ހުންނަ ބާވަތްތައް އެތެރެކޮށްފިނަމަ 50,000 ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ.
މީގެ އިތުރުން، އެތެރެކުރާ ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕަކަށް 10,000 ރުފިޔާގެ މަގުން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ވޭޕް ކުރުމަށް ބޭނުންކުރާ އެއްވެސް އާލާތެއް ކުޑަކުއްޖަކަށް ވިއްކައިފިނަމަ ނުވަތަ ހިލޭ ދީފިނަމަ، އާލާތްތައް ވިއްކުމާއި ބެހުމުގެ ސަބަބުން ކުރާ ޖޫރިމަނާގެ އިތުރަށް 50,000 ރުފިޔާގެ ޖޫރިމަނާއެއް ކުރެވޭނެ ކަމަށްވެސް ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ. މިއީ ވޭޕް މަނާކުރުމުގެ ޤާނޫނަށް އަމަލުކުރަން ފެށިފަހުން މިފަދަ ބޮޑު އަދަދެއްގެ ތަކެތި އަތުލައިގަތް ފުރަތަމަ ފަހަރެވެ.

