ރާއްޖޭގެ މާލީ ދާއިރާ އިތުރަށް ހަރުދަނާކޮށް ތަރައްޤީކުރުމަށްޓަކައި ކުރިއަށްގެންދާ މުހިންމު ހަރަކާތްތަކެއް ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ. ބާސެލޯ ނަސަންދުރާގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ހަރަކާތްތައް އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒެވެ.
މި ރަސްމިއްޔާތުގައި މާލީ ދާއިރާ ތަރައްޤީކުރުމުގެ ތަފާތު ތިން ކަމެއް ވަނީ އިފްތިތާހުކޮށްފައެވެ. އޭގެ ތެރެއިން “ނޭޝަނަލް ފައިނޭންޝަލް އިންކުލޫޝަން ސްޓްރެޓެޖީ” އާއި “ނޭޝަނަލް ފައިނޭންސް ރޯޑްމެޕް” އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ވިދާޅުވި ގޮތުގައި، މިއީ ހުރިހާ ރައްޔިތުންނަށް މާލީ ޚިދުމަތްތައް ލިބޭނެކަމުގެ ޔަޤީންކަން ކަށަވަރުކޮށްދޭނެ ސްޓްރެޓެޖީއެކެވެ.
މާލީ ބައިވެރިވުމާއި ދެމެހެއްޓެނިވި ތަރައްޤީ
ނޭޝަނަލް ފައިނޭންޝަލް އިންކްލޫޝަން ސްޓްރެޓެޖީއަކީ މާލީ ހިދުމަތްތަކަށް ފަސޭހައިން ލިބޭނެ މަގު ތަނަވަސްކޮށް، އެ ހިދުމަތްތައް ބޭނުންކުރުން އިތުރުކުރުމުގެ މަޤްސަދުގައި އެކުލަވާލާފައިވާ ސްޓްރެޓެޖީއެކެވެ. މި ސްޓްރެޓެޖީގައި އަންހެނުންނާއި، ޒުވާނުންނާއި، ދޮށީ އުމުރުގެ މީހުންގެ އިތުރުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދިމާވާ ދަތިތަކަށް ހައްލު ހޯދުމަށާއި، މާލީ ހޭލުންތެރިކަން އިތުރުކުރުމަށް ޚާއްސަ އިސްކަމެއް ދީފައިވާނެ ކަމަށް އެމްއެމްއޭއިން ވިދާޅުވިއެވެ.
މީގެ އިތުރުން އިފްތިތާހުކުރި “ނެޝަނަލް ސަސްޓެއިނަބަލް ފައިނޭންސް ރޯޑްމެޕް” އަކީ މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމަށާއި ދެމެހެއްޓެނިވި ތަރައްޤީއަށް މާލީ ނިޒާމުގެ ދައުރު ފުޅާކުރުމަށް އެކުލަވާލާފައިވާ މަގުޗާޓެކެވެ. މީގެ ސަބަބުން އިއާދަކުރަނިވި ހަކަތައާއި ތިމާވެއްޓާ ރައްޓެހި މަޝްރޫޢުތަކަށް ބޭނުންވާ ފަންޑު މާލީ ނިޒާމުގެ ތެރެއިން ލިބޭނެ މަގު ތަނަވަސްވެގެންދާނެއެވެ.
ޕޭމަންޓް މޯލްޑިވްސް ލޯންޗްކުރުން
މި ރަސްމިއްޔާތުގެ ތެރެއިން “ޕޭމަންޓް މޯލްޑިވްސް” ވެސް ވަނީ ރަސްމީކޮށް ލޯންޗްކޮށްފައެވެ. މި ޚިދުމަތް ލޯންޗްކޮށްދެއްވީ އެމްއެމްއޭގެ ގަވަރުނަރު އަޙްމަދު މުނައްވަރެވެ. ޕޭމަންޓް މޯލްޑިވްސްގެ މައިގަނޑު ޒިންމާއަކީ “ފަވަރަ” އާއި އޮޓޯމޭޓެޑް ކްލިއަރިން ހައުސް (އޭސީއެޗް) ފަދަ ރީޓެއިލް ޕޭމަންޓް ސިސްޓަމްތަކުގެ އޮޕަރޭޝަންސް ހިންގުމާއި އެ ނިޒާމުތައް އިތުރަށް ތަރައްޤީކުރުމެވެ.
މި އައު ކުންފުނީގެ ސަބަބުން ރާއްޖޭގެ ޕޭމަންޓް އިންފްރާސްޓްރަކްޗަރ ތަރައްގީ ކުރުމަށާއި، އައު އީޖާދީ ހިދުމަތްތައް ތައާރަފް ކުރުމަށް ކުރާ މަސައްކަތްތައް އިތުރަށް ހަލުވިވެގެންދާނެއެވެ. ނަމަވެސް، ކަސްޓަމަރުންނަށް ޚިދުމަތް ދިނުމުގައި މިހާރެކޭވެސް އެއްގޮތަށް ބޭންކުތަކާއި ޕޭމަންޓް ޚިދުމަތްދޭ ފަރާތްތަކުން އިސް ދައުރެއް އަދާކުރާނެ ކަމަށް އެމްއެމްއޭއިން މައުލޫމާތު ދެއްވައެވެ.

