ބޮޑާކަމާއި ކިބުރުވެރިކަން ދޫކޮށް، ރައްޔިތުންނާ ހަމައަށް ފައިބައިވަޑައިގެން ޝަކުވާތަކަށް ހައްލު ހޯއްދަވައިދެއްވި ވެރިއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަމަށް މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވެއްޖެއެވެ.
ނަރީޝް މިއަދު ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންގެ އަރިހަށް ވެރިކަމުގެ ފުރަތަމަ ދެ އަހަރު ދުވަހުގެ ތެރޭގައި ޒިޔާރަތްކޮށް، ރައްޔިތުންގެ އަޑުއަހައި، އިޖާބީ ގޮތެއްގައި ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވުމުގެ މަސައްކަތް ރައީސް މުއިއްޒު ފަށްޓަވާފައިވާ ކަމަށެވެ.
މާލެ ސިޓީގެ މަސައްކަތްތަކާ ގުޅޭގޮތުން ނަރީޝް ވިދާޅުވީ، “މާލޭ ސިޓީ ހުރިހާ އަވަށަކަށް ޒިޔާރަތްކޮށް ސީދާ ރައްޔިތުމީހާއާ ބައްދަލުކޮށް ކަންބޮޑުވުންތައް އަހައި އޮޅުންފިލުވައި ވަގުތުން ހައްލުކޮށް ދެއްވެންހުރި ކަންކަން ވަގުތުން ހައްލުކޮށްދެއްވާ، ދެންހުރި ކަންބޮޑުވުންތަކާއި ޝަކުވާތަކަށް އިޖާބީ ޖަވާބު ދެއްވައިފި” ކަމަށެވެ.
މީގެ އިތުރުން، ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާ ބައްދަލުކުރައްވައި، އެ ފަރާތްތަކުގެ ކަންބޮޑުވުންތައް އޮޅުންފިލުއްވައި، ވަގުތުން ހައްލުކޮށްދެވެން ހުރި ކަންކަން ރައީސް ހައްލުކޮށްދެއްވާފައިވާ ކަމަށް ނަރީޝް ފާހަގަކުރެއްވިއެވެ. އަދި އެހެނިހެން ޝަކުވާތަކަށް ވެސް އެދެވޭ ޖަވާބުތަކެއް ދެއްވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ނަރީޝް އިތުރަށް ވިދާޅުވީ، މިހާ ރައްޔިތުންނާ ގާތުން ރާއްޖޭގެ ރައީސަކު މަސައްކަތް ކުރައްވާފައި ނުވާ ކަމަށެވެ. ބޮޑާކަމާއި ކިބުރުވެރިކަން ދޫކޮށް ރައްޔިތުންނާ ހަމައަށް ފައިބައިވަޑައިގެން އަޑުއައްސަވާ ހައްލު ހޯއްދަވައިދެއްވި ވެރިއަކު ރައީސް މުއިއްޒު ނޫނީ ދެކިވަޑައިގެންފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ނަރީޝްގެ ވާހަކަ ނިންމަވާލައްވަމުން ވިދާޅުވީ، ހަގީގީ މާނައިގައި ރައްޔިތުންގެ ވެރިކަމެއް ކުރާ ކަމުގެ އިހުސާސް ރައްޔިތުންނަށް ކުރެވެން ފަށާފައިވާ ކަމަށާއި، އެ ވާހަކަ ރައްޔިތުންގެ މެދުގައި ދެކެވެމުންދާ ކަމަށެވެ.

