ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ޓާމިނަލް، ޓާމިނަލް އެކަކުން މިހާތަނަށް 500,000 އަށްވުރެ ގިނަ ފަސިންޖަރުންނަށް ޚިދުމަތް ދީފި އެވެ. މިއީ ރާއްޖޭގެ މައި އެއާޕޯޓުގެ ޚިދުމަތްތައް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ހޯދުނު ބޮޑު ކުރިއެރުމެކެވެ.
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޑެޓް (އެމްއޭސީއެލް) އިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ޓާމިނަލް އެކަކުން ޖުމްލަ 508,008 ފަސިންޖަރުންނަށް ވަނީ ޚިދުމަތް ދީފަ އެވެ. މީގެ ތެރޭގައި ހިމެނެނީ ރާއްޖެއަށް އައި 255,668 ފަސިންޖަރުންނާއި ރާއްޖެއިން ފުރި 252,340 ފަސިންޖަރުންނެވެ.
އެންމެ ގިނަ ފަސިންޖަރުންނަށް ޚިދުމަތް ދިން ދުވަސް
އެމްއޭސީއެލް އިން ފާހަގަކުރި ގޮތުގައި، ޓާމިނަލް އެކަކުން އެންމެ ގިނަ ފަސިންޖަރުންނަށް ޚިދުމަތް ދީފައިވަނީ މި ހިނގާ ޑިސެންބަރު މަހުގެ 21 ވަނަ ދުވަހު އެވެ. އެ ދުވަހު އެކަނިވެސް ޖުމްލަ 19,551 ފަސިންޖަރުންނަށް ޚިދުމަތް ދީފައިވާއިރު، އޭގެ ތެރޭގައި ރާއްޖެ އައި 10,870 ފަސިންޖަރުންނާއި ފުރި 8,681 ފަސިންޖަރުން ހިމެނެ އެވެ.
މި އަހަރުގެ މިނިވަން ދުވަހާ ގުޅުވައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުޅުއްވައިދެއްވި މި ޓާމިނަލުން މިހާތަނަށް 37 އެއާލައިނަކަށް ދަނީ ޚިދުމަތް ދެމުންނެވެ. އާ ޓާމިނަލާއެކު އެއާޕޯޓުގެ ޖާގަ އިތުރުވެ، ފަސިންޖަރުންނަށް ދޭ ޚިދުމަތުގެ ފެންވަރު ވަނީ ބޮޑުތަނުން ރަނގަޅުވެފަ އެވެ.
ވީއައިއޭ ތަރައްޤީކުރުމުގެ ބިޔަ މަޝްރޫޢުގެ ދަށުން ކުރިއަށްދާ މި މަސައްކަތްތަކަކީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށާއި، އިޤްތިޞާދު ވަރުގަދަކުރުމަށް ސަރުކާރުން އިސްކަންދޭ މުހިންމު މަޝްރޫޢެކެވެ.

