ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެ ސަރަހައްދުގައި މިއަދު ވައި ނުސާފުކަމަށް އެއަރ ކޮލިޓީ އިންޑެކްސް މޮނިޓާތަކުން ދައްކައިފިއެވެ. ގައުމީ ޔުނިވާސިޓީގެ ސެންޓަ ފޯ މެރިޓައިމް ސްޓަޑީސްގެ ކެމްޕަސް އިމާރާތުގައި ބަހައްޓާފައިވާ އެއާ ކޮލިޓީ މޮނީޓަރިން ސިސްޓަމުން ދައްކާ ގޮތުން، މާލެ ސަރަހައްދުގެ ވައިގެ ކޮލިޓީ މި ވަގުތު ހުރީ 170 ގައެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އިންޑެކްސް ބުނާގޮތުން އެއާ ކޮލިޓީ އިންޑެކްސް 151 އާއި 200 އާ ދެމެދުގައި ހުންނަ ނަމަ ނެރެނީ ރެޑް އެލާޓެވެ. މީގެ މާނައަކީ ވައިގެ ނުސާފުކަން ހުރީ އެންމެންނަށްވެސް ސިއްހީ ގޮތުން ނުރައްކާވާ މިންވަރެއްގައެވެ. މި ހާލަތުގައި ނާޒުކު ހާލަތްތަކުގައިވާ ފަރާތްތަކުގެ އިތުރުން އާންމު އެހެން މީހުންނަށްވެސް ނޭވާލާ ނިޒާމުގެ މައްސަލަތައް ޖެހުމުގެ ފުރުޞަތު ބޮޑުކަމަށް އެޗްޕީއޭއިން ފާހަގަކުރެއެވެ
ވައި ނުސާފުވުމުގެ ސަބަބުން ނާޒުކު ހާލަތްތަކުގައިވާ މީހުންގެ ތެރޭގައި ތުއްތު ކުދިންނާއި، އުމުރުން ދުވަސްވީ މީހުން، މާބަނޑު މީހުން، ނޭވާލާ ނިޒާމާއި ހިތުގެ ބައްޔަށް ފަރުވާ ކުރާ މީހުންގެ އިތުރުން އެލާރޖީ މައްސަލަ ހުންނަ މީހުން ހިމެނެއެވެ. އެހެންކަމުން، މިފަދަ ފަރާތްތަކުން ބޭރުގައި ކުޅިވަރު ކުޅުމާއި ކަސްރަތުކުރުން ފަދަ ކަންތައްތައް މަޑުޖައްސާލުމަށާއި، ބޭރަށް ނުކުންނަން ޖެހޭ ހާލަތްތަކުގައި އެން95 މާސްކު އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.
މީގެ އިތުރުން، ބޭރުގެ ނުސާފު ވައި ގޭތެރެއަށް ނުވަންނާނެހެން ދޮރުތައް ލައްޕާފައި ބެހެއްޓުމާއި، ގޭތެރޭގައި އެއަރ ޕިއުރިފައިއަރ ބޭނުންކުރުމަކީ މުހިންމު ކަމެއް ކަމުގައި އެ އެޖެންސީން ވިދާޅުވިއެވެ. މާލެ ސަރަޙައްދު ރަތް ސަމާލުގައި އޮތްއިރު، ރާއްޖޭގެ މެދުތެރޭގެ ބައެއް ސަރަޙައްދުތައް އޮތީ އޮރެންޖް ސަމާލުގައެވެ. އަދި ބައެއް އެހެން ސަރަޙައްދުތައް ރީނދޫ ސަމާލުގައި އޮތްކަންވެސް ފާހަގަކުރެވެއެވެ.
ރާއްޖޭގެ ސަރަޙައްދުގެ ވައި މިދުވަސްވަރު ނުސާފުވެފައިވަނީ، އިރުވައި މޫސުމުގެ އަސަރާއެކު ރާއްޖޭގެ އުތުރުން އިންޑިއާ އަދި ހިމާލިޔާ ސަރަޙައްދުން ވައި ޖެހުމާއެކު އަންނަ ދުމުގެ ސަބަބުންނެވެ. ވައި ސާފު މިންވަރު ބެލުމަށް އެންވަޔަރަމެންޓް މިނިސްޓްރީގެ ވެބްސައިޓް ނުވަތަ އައިކިއު އެއަރ އެޕް މެދުވެރިކޮށް މައުލޫމާތު ހޯދައި، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން އެދިލައްވައެވެ.

