ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތަކާ މާލޭ ސިޓީ ކައުންސިލުން ހަވާލުވުމާ ގުޅޭގޮތުން ކައުންސިލްގެ ތަޅުމުގައި އެއްވެސް ވޯޓެއް މޭޔަރު އާދަމް އާޒިމް ނަންގަވާފައި ނުވާ ކަމަށް ޑެޕިއުޓީ މޭޔަރު މުހައްމަދު އަރީޝް ވިދާޅުވެއްޖެއެވެ. އަރީޝް މިހެން ވިދާޅުވީ ހުޅުމާލޭގެ ހިދުމަތްތައް ކައުންސިލާ ހަވާލުކުރުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅުތަކަށް މޭޔަރު ރައްދު ދެއްވުމާ ގުޅިގެންނެވެ.
ރޭ ހުޅުމާލޭގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ، ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރުމަކީ އެމަނިކުފާނުގެ ވައުދެއް ކަމަށާއި، ނަމަވެސް ސިޓީ ކައުންސިލުން އެކަމާ ހަވާލުވާން އެއްބަސްނުވީ ކަމަށެވެ. މިކަމާ ގުޅިގެން މޭޔަރު އާޒިމް ވިދާޅުވީ އެކަން ނުވެގެން އުޅެނީ ރައީސް އެކަން ކުރައްވަން ބޭނުންފުޅު ނުވާތީ ކަމަށާއި، ފިނޭންސް މިނިސްޓްރީން ވެސް އެކަން ކުރަން ބޭނުންވެފައި އޮތް ކަމަށެވެ.
މޭޔަރުގެ ވާހަކަތަކަށް ރައްދު ދެއްވަމުން ޑެޕިއުޓީ މޭޔަރު އަރީޝް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މޭޔަރު އެކަން ވަރަށް ބޮޑަށް އޮޅުވާލައްވާތީ ހިތާމަކުރައްވާ ކަމަށެވެ. “އިޚްލާޞްތެރި ނިޔަތެއް މޭޔަރުގެ އޮތް ނަމަ ކައުންސިލުގެ ވޯޓަކާއެކު މިކަމަށް ޢަމަލީ ފިޔަވަޅު އަޅުއްވަންވީ ނޫންތޯ؟ އެޗްޑީސީއިން ހުޅުމާލޭގައި ދެމުންގެންދާ މުނިސިޕަލް ޚިދުމަތްތަކާ ސިޓީ ކައުންސިލުން ހަވާލުވާން އަމަލީގޮތުން އެއްވެސް ކަމެއް ނުކުރައްވާ، ސިޔާސީ މަޤްސަދެއް ހާސިލްކުރައްވަން މީޑިއާތަކަށް މި ދައްކަވަނީ ދަޅައެއް،” އަރީޝް ވިދާޅުވިއެވެ.
އަރީޝް އިތުރަށް ވިދާޅުވީ، ރައީސް މުއިއްޒު އެވަނީ ހަގީގަތް ވަރަށް ސާފުކޮށް ވިދާޅުވެދެއްވާފައި ކަމަށާއި، މޭޔަރު އެކަމަށް އިޖާބަ ނުދެއްވިކަމަށް ކައުންސިލުގައި ތިއްބެވި ހަގީގަތް ދަންނަ ހުރިހާ ބޭފުޅުން ހެކިވާނެ ކަމަށެވެ. މީގެ އިތުރުން މިއީ ރޯމާދުވާލު ރައްޔިތުންނަށް ފާޅުގައި ދޮގު ހެއްދެވުން ކަމަށްވެސް އޭނާ ސިފަކުރެއްވިއެވެ.
މި މައްސަލައިގައި ވިލިމާލޭ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީ ވެސް ވަނީ މޭޔަރަށް ފާޑުވިދާޅުވެފައެވެ. ނަހުލާ ވިދާޅުވީ ހުޅުމާލޭގެ މުނިސިޕަލް ހިދުމަތް ކައުންސިލަށް ބަދަލުކުރުމަށް ކައުންސިލުގެ ތަޅުމަށް ގެނެސް ވޯޓެއް ވެސް އައްސަވާފައި ނުވާ ކަމަށެވެ. އަދި މޭޔަރު ހައްދަވަނީ ދޮގު ކަމަށް ވިދާޅުވެ، “ފިލްމު ކުޅުއްވާ ދޮގު ހެދުން މެކުހަށް” ޖަހާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މާލޭ ސިޓީ ކައުންސިލާއި ސަރުކާރާ ދެމެދު މި މައްސަލައިގައި ބަހުގެ ހަމަލާތަކެއް ބަދަލުކުރެވެމުންދާއިރު، ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް ކައުންސިލަށް ބަދަލުކުރުމަކީ އާންމު ރައްޔިތުންގެ ބޮޑު ކަންބޮޑުވުމެއް އޮތް ކަމެކެވެ.

