މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ރިސްކް ޗެމްޕިއަނުންގެ ގޮތުގައި މަސައްކަތްކުރާނެ މުވައްޒަފުން އައްޔަންކޮށް، އެ މުވައްޒަފުންނަށް ހާއްސަ އެވެއާނެސް ސެޝަނެއް މިއަދު ބާއްވައިފިއެވެ. މީރުމާގައި މިއަދު މެންދުރު ކުރިއަށްގެންދިޔަ މި ރަސްމިއްޔާތުގައި، ރިސްކް ޗެމްޕިއަނުންނަށް މައުލޫމާތު ދެއްވީ އެސިސްޓަންޓް އޮޑިޓަރ ޖެނެރަލް އިބްރާހީމް ފަޒީލެވެ.
މި ސެޝަނަށް ފަހު، ރިސްކް ޗެމްޕިއަނުންގެ ގޮތުގައި އައްޔަންކުރި މުވައްޒަފުންނަށް ބެޖާއި ސެޓްފިކެޓް ވަނީ ހަވާލުކޮށްފައެވެ. މި ތަކެތި މުވައްޒަފުންނާ ހަވާލުކޮށްދެއްވީ ވެސް އެސިސްޓަންޓް އޮޑިޓަރ ޖެނެރަލް އިބްރާހީމް ފަޒީލެވެ. އެމްޕީއެލްގެ ކޮންމެ ޑިޕާޓްމަންޓަކުން ވެސް މި މަސައްކަތަށް ވަނީ ރިސްކް ޗެމްޕިއަނެއް އައްޔަންކޮށްފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޕީއެލްގެ ޗީފް ރިސްކް އޮފިސަރ (ސީ.އާރް.އޯ) އިބްރާހީމް ރަޝީދު ވިދާޅުވީ، ޕޯޓްތަކަކީ މަސައްކަތުގެ މާހައުލުގައި ނުރައްކާ ނުވަތަ “ހައި ރިސްކް” ބޮޑު ދާއިރާއެއް ކަމަށެވެ. ހާއްސަކޮށް މާލޭ ވިޔަފާރި ބަނދަރުގެ ޖާގައިގެ ދަތިކަމާއި މަސައްކަތުގެ މާހައުލު އޮތް ގޮތުން، ސަލާމަތާއި ރައްކާތެރިކަމަށް އިތުރު ސަމާލުކަމެއް ދޭންޖެހޭކަން އޭނާ ފާހަގަކުރެއްވިއެވެ.
“އެހެންވީމަ އެމްޕީއެލްއަށް އެބައޮތް (އެހެން ޕޯޓުތަކަށް ކުރިމަތިނުވާ) އިތުރު ރިސްކްތަކެއް. މި ކަމަށް ރިޔާޢަތްކޮށް، އަޅުގަނޑުމެން އެބަޖެހޭ މަސައްކަތްތައް ރޭވުމުގައި (ރިސްކްތަކަށް) ވަރަށް ބޮޑަށް ވިސްނަން،” ރަޝީދު ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ ރިސްކް ޗެމްޕިއަނުންނަކީ ހަމައެކަނި ލިޔެކިއުންތައް ބަލަހައްޓާ ބައެއްގެ ބަދަލުގައި، އަމަލީ ގޮތުން ރިސްކްގެ ހޭލުންތެރިކަން އިތުރުކުރާނެ “ރިސްކް އިންފްލުއެންސާސް” އަށް ވާންޖެހޭ ކަމަށެވެ.
ރިސްކް ޗެމްޕިއަނުންގެ މައިގަނޑު މަގްސަދަކީ ކުންފުނީގެ ރިސްކް މެނޭޖްމަންޓް ފްރޭމްވޯކް ވަރުގަދަކޮށް، ރިސްކްތަކަށް ސަމާލުކަންދޭ ހޭލުންތެރި މުވައްޒަފުންތަކެއް ބިނާކުރުމެވެ. މި މުވައްޒަފުން މަސައްކަތް ކުރާނީ ކުންފުނީގެ ރިސްކް އެންޑް ކޮމްޕްލައިއަންސް ޑިޕާޓްމަންޓާ ގުޅިގެންނެވެ.
މި އައު ނިޒާމުގެ ދަށުން، ކޮންމެ ޑިޕާޓްމަންޓަކުން ވެސް ކުރަމުންދާ މަސައްކަތްތަކުގައި ހުރި ރިސްކްތައް ދެނެގަނެ، އެ ކަންކަން ކުޑަކުރުމަށް ރިސްކް ޗެމްޕިއަނުން އިސްދައުރެއް އަދާކުރާނެއެވެ. މިއީ ކުންފުނީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި އެމްޕީއެލްއިން ދެކެއެވެ.

