ދިރާސީ އައު އަހަރަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ސްކޫލްތަކަށް ފޮނުވުމުގެ މަސައްކަތް އަންނަ މަހުގެ 10 ވަނަ ދުވަހުގެ ކުރިން ނިންމާލެވޭނެ ކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ. މި މަސައްކަތަކީ އައު ދިރާސީ އަހަރުގެ ކިޔެވުން ފެށުމުގެ ކުރިން ހުރިހާ ދަރިވަރުންނަށް ފޮތްތައް ހަމަކޮށްދިނުމަށް ކުރިއަށްގެންދާ މަސައްކަތެކެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ވަޒީރު ވިދާޅުވީ، މި މަހުގެ 6 ވަނަ ދުވަހު ފެށި މި މަސައްކަތުގެ ދަށުން މިހާތަނަށް 40 އަށްވުރެ ގިނަ ސްކޫލަށް ފޮތްތައް ފޮނުވާފައިވާ ކަމަށެވެ. އަދި ޓެކްސްޓް ފޮތްތަކުގެ އިތުރުން، ދަރިވަރުންނަށް ބޭނުންވާ ސްޓޭޝަނަރީ ވައުޗަރުތައް ހަވާލުކުރުމުގެ މަސައްކަތްވެސް މިހާރު ކުރިއަށްދާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. ސަރުކާރުގެ އަމާޒަކީ މި ހިނގާ ދިރާސީ އަހަރުގެ ރިޕޯޓް ފޯމު ދަރިވަރުންނާ ހަވާލުކުރާއިރު، އައު އަހަރަށް ބޭނުންވާ މި ތަކެތި ހަވާލުކޮށް ނިންމުމެވެ.
ދިރާސީ އައު އަހަރަށް ތައްޔާރުވުމުގެ ގޮތުން ސްކޫލްތަކުގެ އާބާތުރަ ފިލުވުމަށް 40 މިލިއަން ރުފިޔާ ޚަރަދުކުރުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން، އައު އަހަރުގެ ކިޔެވުން ފެށޭއިރު ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ކްލާސްރޫމްތައް އޭސީކޮށް ނިންމުމަކީވެސް ސަރުކާރުގެ މުހިންމު އަމާޒެކެވެ. އަދި ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަލަށް ބިނާކުރި “ޝަހީދު އަލީ” ސްކޫލުގައިވެސް އައު އަހަރާއެކު ކިޔެވުން ފެށިގެންދާނެއެވެ.
އެކަޑަމިކް ކަލަންޑަރުގައިވާ ގޮތުން، މިހާރު ހިނގަމުންދާ ދިރާސީ އަހަރުގެ ކިޔެވުން ނިމި ބޮޑު ޗުއްޓީ ފެށޭނީ އަންނަ ބުރާސްފަތި ދުވަހުއެވެ. އައު ދިރާސީ އަހަރުގެ ކިޔެވުން ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ 2025 ޖަނަވަރީ 27 ގައެވެ. ފުރަތަމަ ޓާމްގެ ކިޔެވުން ޖުލައި 17 އަށް ނިމޭއިރު، ދެވަނަ ޓާމްގެ ކިޔެވުން އޯގަސްޓް 2 ގައި ފެށި، ޑިސެމްބަރު 18 ގައި ބޮޑު ޗުއްޓީއަށް ބަންދުވާނެއެވެ.

