ތަފާތު އެކިއެކި ދާއިރާތަކުން ހުނަރުވެރި ޒުވާނުން ބިނާކުރުމަށް އަމާޒުކޮށްގެން “ލިޓް ފެސްޓް” ގެ ނަމުގައި ޚާއްސަ ފެސްޓިވަލެއް ބޭއްވުމަށް ޒުވާނުން ބާރުވެރިކުރުވުމާއި، މައުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ނިންމައިފިއެވެ. މި ހަރަކާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މިމަހުގެ 25، 26 އަދި 27 ވަނަ ދުވަހުއެވެ.
އުމުރުން 14 އަހަރާއި 20 އަހަރާ ދެމެދުގެ ޒުވާނުންނަށް އަމާޒުކޮށްގެން ބާއްވާ މި ފެސްޓިވަލްގައި ގިނަ ދާއިރާތަކަކުން ހުނަރުތައް ދައްކާލުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އޭގެ ތެރޭގައި އާޓްސް، ކުކަރީ، ހޭންޑީ ކްރާފްޓް އަދި މުނިފޫހިފިލުވުމުގެ ދާއިރާ ހިމެނެއެވެ. ވަކިން ހާއްސަކޮށް އަތްތެރި މަސައްކަތް، ލައިވް އާޓް، ކްލޭ އާޓްސް، ހެނާ އާޓްސް، ކެލިގްރަފީ، ޕޭސްޓްރީ، އެމްބްރޮއިޑެރީ އަދި އެސެސަރީޒް ވޯކް ފަދަ ކަންކަން މި ފެސްޓިވަލްގައި ހިމެނެއެވެ.
މީގެ އިތުރުން ޒަމާނީ ފަންނުވެރިކަމުގެ ތެރެއިން ޑިޖިޓަލް އާޓްސް އާއި 3ޑީ އެނިމޭޝަންގެ އިތުރުން، ލަވަކިޔުމާއި، ނެށުމާއި، ބޮޑުބެރު، ޑްރާމާ، ފްރީސްޓައިލް، އިންސްޓްރޫމެންޓް ކުޅުން، ކޮންޓެންޓް ކްރިއޭޝަން، އޯޕަން މައިކް، ސްޓޭންޑްއަޕް ކޮމެޑީ އަދި ސްޓޯރީ ޓެލިންގ ފަދަ ތަފާތު ހުނަރުތަކަށްވެސް ފުރުސަތު ހުޅުވާލެވިފައިވެއެވެ.
ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި ފެސްޓިވަލްގައި ބައިވެރިވާ ޒުވާނުންނަށް ބޭނުންވާނެ އިންތިޒާމުތަކާއި، ހަރަކާތްތަކަށް ހިނގާނެ ޚަރަދުތައް އެ ވުޒާރާއިން ހަމަޖައްސައިދޭނެ ކަމަށެވެ. އަދި މަސައްކަތްތަކަށް ބޭނުންވާ އިދާރީ ތަކެތިވެސް ވުޒާރާގެ ފަރާތުން ފޯރުކޮށްދިނުމަށް ވަނީ ނިންމާފައެވެ.
ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ފެސްޓިވަލަކީ އާންމުންނަށް ޒިޔާރަތް ކުރެވޭ ގޮތަށް ހުޅުވާލައިގެން ބާއްވާ ހަރަކާތެކެވެ. މި ފެސްޓިވަލްގެ ތެރެއިން ބައިވެރިން ތައްޔާރުކުރާ ތަކެތި އާންމުންނަށް ވިއްކުމުގެ ފުރުސަތުވެސް ބައިވެރިންނަށް ލިބިގެންދާނެއެވެ.
ބައިވެރިވުމުގެ ފުރުސަތު
މި ފެސްޓިވަލްގައި ބައިވެރިވުމަށް ޝައުގުވެރިވާ ޒުވާނުންނަށް މިހާރު ވަނީ އެ ފުރުސަތު ހުޅުވާލާފައެވެ. ވުޒާރާއިން ވިދާޅުވި ގޮތުގައި، ކޮންމެ ކުއްޖަކުވެސް މި ހަރަކާތުގައި ބައިވެރިވާން ޖެހޭނީ ބެލެނިވެރިޔަކާ އެކުގައެވެ. ބައިވެރިވުމަށް އެދޭ ފޯމު ނުވަތަ ކިއުއާރް ކޯޑް ވުޒާރާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ލިބެން ހުންނާނެއެވެ. ބައިވެރިވާ ޒުވާނުންގެ އަދަދު އިތުރުވެއްޖެނަމަ، ފުރުސަތު ދިނުމުގައި އިސްކަންދޭނީ ފޯމު ހުށަހަޅާ ތަރުތީބުން ކަމަށްވެސް އެ ވުޒާރާއިން މައުލޫމާތު ދެއްވައެވެ.

