2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޓިކެޓުގައި ވާދަކުރުމަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ލިސްޓު އެ ޕާޓީން މިއަދު އާންމުކޮށްފިއެވެ.
ޕީއެންސީން ކުރި އިއުލާނެއްގައި ބުނެފައިވަނީ، އިންތިހާބުގައި ވާދަކުރަން އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ އެޕްލިކޭޝަންތައް ބަލައި، ޕްރައިމަރީ ބާއްވަންޖެހޭ ދާއިރާތަކާއި އެ ދާއިރާތަކުން ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް މިހާރު އާންމުކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން، ޕްރައިމަރީއަކާ ނުލައި ޕާޓީގެ ޓިކެޓް ކަށަވަރުވެފައިވާ ފަރާތްތަކުގެ މައުލޫމާތު ޕާޓީގެ ޕޯޓަލް މެދުވެރިކޮށް ފެންނަން ހުންނާނެ ކަމަށްވެސް އެ ޕާޓީން ވިދާޅުވެއެވެ.
ޕްރައިމަރީ ބާއްވަންޖެހޭ ދާއިރާތަކުގެ ވޯޓާސް ލިސްޓު ނުވަތަ ޕާޓީގެ މެންބަރުންގެ ލިސްޓު، އެ ދާއިރާއަކަށް ވާދަކުރައްވާ ކެންޑިޑޭޓުންނަށް ޕާޓީގެ ޕޯޓަލް މެދުވެރިކޮށް ލިބޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައެވެ. މިއީ އިންތިހާބުގެ ކަންކަން ދެފުށް ފެންނަ ގޮތަކަށް ކުރިއަށް ގެންދިއުމަށް އެޅި ފިޔަވަޅެއް ކަމަށް ބެލެވެއެވެ.
ޕްރައިމަރީއާ ގުޅޭގޮތުން އެއްވެސް ޝަކުވާއެއް އޮތްނަމަ، އެ ޝަކުވާއެއް ހުށަހެޅުމުގެ ފުރުސަތުވެސް ޕީއެންސީން ވަނީ ހުޅުވާލާފައެވެ. ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން ޕާޓީގެ ހާއްސަ ނަންބަރު 9323686 އަށް ވައިބާ ނުވަތަ ވަޓްސްއެޕް މެދުވެރިކޮށް ޝަކުވާ ފޮނުވޭނެ ކަމަށް އެ ޕާޓީން މައުލޫމާތު ދެއެވެ.

