ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޓެކްސީ ޑްރައިވަރސް އެސޯސިއޭޝަނާ ބައްދަލުކުރައްވައި، ޓެކްސީގެ ޚިދުމަތް ދިނުމުގައި ކުރިމަތިވާ ގޮންޖެހުންތަކާއި އެ ޚިދުމަތް ހަރުދަނާ ކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ދާއިރާގެ ކުރިއެރުމަށް ހުރި ހުރަސްތައް ނައްތާލުމާ ގުޅޭގޮތުން ވަނީ ވާހަކަދައްކަވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ޓެކްސީ ޑްރައިވަރސް އެސޯސިއޭޝަނުން ވަނީ ޓެކްސީ ކުރުމަށް ގެންނަ ވެހިކަލްތައް ރަޖިސްޓްރީކުރުމާއި ޕާކު ކުރުމުގައި މިހާރު ހުރި ދަތިތައް ފާހަގަކޮށްފައެވެ. އަދި ކުރީއްސުރެ މިކަންކަން ހިނގަމުން އައި ގޮތަށްވުރެ ހަރުދަނާ އަދި ލުއިފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުމުގެ މުހިންމުކަން އެ އެސޯސިއޭޝަނުން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން މާލޭގެ ޓްރެފިކް ތޮއްޖެހުން ކުޑަކުރުމަށް މިހާރުން މިހާރަށް ގެންނަން ފެންނަ ބަދަލުތަކުގެ އިތުރުން، ސަރުކާރުން އަލަށް ތައާރަފުކުރަން ނިންމާފައިވާ ޓެކްސީ ލައިނާ ގުޅޭގޮތުން އެ ފަރާތްތަކުގެ ޚިޔާލު ރައީސާ ހިއްސާކުރެއްވިއެވެ.
ޓެކްސީ ޑްރައިވަރުންގެ ދަފްތަރެއް އެކުލަވާލުމާ ގުޅޭގޮތުން ދެފަރާތުގެ މެދުގައި ބިނާކުރަނިވި މަޝްވަރާތަކެއް ކުރެވުނެވެ. ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޓެކްސީ ޑްރައިވަރުންގެ ޙައްޤުތަކާއި ކަންކަން ރަނގަޅުކުރުމަށްޓަކައި ރަސްމީ ދަފްތަރެއް އޮތުމަކީ ނުހަނު ބޭނުންތެރި ކަމެއްކަން ފާހަގަކުރެއްވިއެވެ. އަދި ޑްރައިވަރުންނަށް އިތުރު ފުރުޞަތުތަކާއި ލުއިފަސޭހަތައް ހޯދައިދިނުމަށް ސަރުކާރުން ގެންގުޅުއްވާ ވިސްނުންތަކަށްވެސް ރައީސް އަލިއަޅުވާލެއްވިއެވެ.ސަރުކާރުގެ އެއްބާރުލުން
ބައްދަލުވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޓެކްސީ ޑްރައިވަރުންނާއި މި ޚިދުމަތުގައި ޝާމިލްވާ ހުރިހާ ފަރާތްތަކުން ފާހަގަކުރި ކަންބޮޑުވުންތަކަށް ޙައްލެއް ހޯއްދަވައިދެއްވުމަށް ސަރުކާރުން މަސައްކަތްކުރައްވާނެ ކަމަށެވެ. މީގެ ބޭނުމަކީ ރައްޔިތުންނަށް ދެވޭ ޓެކްސީގެ ޚިދުމަތަކީ އިތުބާރު ހުރި، ފެންވަރު ރަނގަޅު ޚިދުމަތަކަށް ހެދުމާއެކު ޑްރައިވަރުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުން ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

