ޗުއްޓީ ދުވަސްވަރާ ދިމާކޮށް މާލެ ސަރަޙައްދުގެ އަމާންކަން ދެމެހެއްޓުމަށް ފުލުހުން ސިލްސިލާކޮށް ކުރިއަށްގެންދާ “ރިވެލި” އޮޕަރޭޝަން މާދަމާ ފެށުމަށް ހަމަޖެހިފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކުރައްވައިފިއެވެ.
މާލޭ ސަރަޙައްދުގެ ފުލުހުންގެ މަސައްކަތްތަކާ ގުޅޭގޮތުން މަޢުލޫމާތު ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެސިސްޓެންޓު ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ޝަރީފް ވިދާޅުވީ، މި އޮޕަރޭޝަން މާދަމާ ރެއިން ފެށިގެން އަންނަ މަހުގެ ދެވަނަ ދުވަހާ ހަމައަށް ކުރިއަށްދާނެ ކަމަށެވެ. އަދި މިއަހަރުގެ އޮޕަރޭޝަން މާލެ ސަރަހައްދުގެ އިތުރުން، ކައިރި ރަށްތަކާއި ރިސޯޓުތަކުގައިވެސް ކުރިއަށްދާނެކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މި އޮޕަރޭޝަންގެ މައިގަނޑު މަޤްޞަދަކީ ޗުއްޓީ ދުވަސްވަރު ކުށް މަދުކުރުންކަން ފާހަގަކުރައްވައި ޝަރީފް ވިދާޅުވީ، އަހަރީ ޗުއްޓީއާ ދިމާކޮށް ކޮންމެ އަހަރަކުވެސް ކުށްވެރިންގެ އަދަދާއި ކުށްތައް އިތުރުވާކަން ފާހަގަކުރެވޭ ކަމަށެވެ.
“ޗުއްޓީ ދުވަސްވަރު ހިންގާ ކުށްތައް އިތުރުވަމުންދާކަން ފާހަގަކުރެވޭ. އެހެންކަމުން މާލޭގައި ހިނގާ ކުށްތައް މަދުކުރުމަށްޓަކައި އިތުރު ފުލުހުން މާލެތެރޭގައި ހަރަކާތްތެރިވަމުންދާނެ،” އެސިސްޓެންޓް ކޮމިޝަނަރ ޢަބްދުﷲ ޝަރީފް ވިދާޅުވިއެވެ.
ޗުއްޓީއަށް ރަށްރަށަށް ފުރައިގެންދާއިރު، ގޭގެ ސަލާމަތާއި ރައްކާތެރިކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ފުލުހުން ވަނީ އިރުޝާދު ދެއްވާފައެވެ. އެގޮތުން އަގުބޮޑު ތަކެތި ގޭގައި ނުބެހެއްޓުމަށާއި، ގޯތިގެދޮރު ބެލެހެއްޓުމަށް އިތުބާރުކުރެވޭ މީހަކާ ހަވާލުކުރުމަށް ވަނީ އެދިފައެވެ.
މީގެ އިތުރުން، އަމިއްލަ އުޅަނދުތަކުގެ ސަލާމަތަށްޓަކައި، ރޭގަނޑު އަލިކަން ހުންނަ ނުވަތަ ސީސީޓީވީ ކެމެރާ ހުންނަ ރައްކާތެރި ސަރަހައްދުތަކުގައި ޕާކުކުރުމަށްވެސް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ. ޗުއްޓީ ދުވަސްވަރަކީ ގިނަ ބަޔަކު ދަތުރުފަތުރުކުރާ ދުވަސްވަރަކަށް ވާތީ، ކަމެއް ދިމާވެއްޖެ ހާލަތެއްގައި އަމަލުކުރަންވީ ގޮތުގެ މަޢުލޫމާތު ހޯދައި، ރައްކާތެރިކަން ކަށަވަރުކުރުމަކީ މުހިންމު ކަމެއް ކަމުގައި ފުލުހުން ވިދާޅުވިއެވެ.

