ކ. ތުލުސްދޫގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން އިމާރާތްކުރަމުންދާ އައު ހޮސްޕިޓަލުގެ ފައުންޑޭޝަން އެޅުމުގެ މުހިންމު މަސައްކަތްތަކެއް ފަށައިފިއެވެ. މި މަޝްރޫއަކީ އެ ރަށުގެ ސިއްހީ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ.
އެމްޓީސީސީން ހާމަކޮށްފައިވާ ގޮތުގައި، މިހާރު ކުރިއަށްދަނީ ޓައި ބީމް ކޮންކްރީޓު މަސައްކަތާއި ފުޓިންގ އަދި ކޮލަމް ރީއިންފޯސްމެންޓް ކުރުމުގެ މަސައްކަތްތަކެވެ. މި މަރުހަލާގައި ދަގަނޑު ފްރޭމްވޯކު ނުވަތަ ރީއިންފޯސްމެންޓް އަދި ބޭސް ސްޓްރަކްޗަރެއް ބިނާކުރުމަށްފަހު، ކޮންކްރީޓު ބިންގާ އެޅުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.
ތުލުސްދޫގައި 30 އެނދުގެ މި ހޮސްޕިޓަލް ބިނާކުރުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 17 ވަނަ ދުވަހުއެވެ. މި މަޝްރޫއަކީ ތުލުސްދޫގެ އިތުރުން އެ ސަރަހައްދުގެ ރަށްތަކަށްވެސް ސިއްހީ ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ މަޝްރޫއެކެވެ.
މި މަޝްރޫއުގެ ދަށުން ހޮސްޕިޓަލް އިމާރާތް ކުރުމުގެ އިތުރުން، 1,729 އަކަފޫޓުގެ ހެލްތު ސެންޓަރު ބްލޮކަކާއި، 238.11 އަކަފޫޓުގެ ސަރވިސް ބްލޮކެއްގެ އިތުރުން 167.63 އަކަފޫޓުގެ އެކޮމޮޑޭޝަން ބްލޮކެއް އިމާރާތްކުރުމަށް ވަނީ ހަމަޖެހިފައެވެ.
ހެލްތު ސެންޓަރު ބްލޮކުގައި ހިމެނޭނެ ވަސީލަތްތަކުގެ ތެރޭގައި ޑޮކްޓަރަށް ދައްކާ ކޮޓަރިތަކާއި، ޕްރައިވެޓް ރޫމްތަކާއި، މެޑިކަލް ވޯޑްތައް ހިމެނެއެވެ. މީގެއިތުރުން، ޒަމާނީ ފެންވަރުގެ އޮޕަރޭޝަން ތިއޭޓަރަކާއި، ލެބޯރެޓަރީއަކާއި، އެކްސްރޭ ކޮޓަރިއަކާއި، ވިއްސާ ކޮޓަރިއަކާއި، އަލްޓްރާ ސައުންޑް ކޮޓަރިއެއްގެ އިތުރުން އިމަރޖެންސީ ޚިދުމަތްދޭ ޔުނިޓެއްވެސް މި ހޮސްޕިޓަލުގައި ގާއިމުކުރެވޭނެއެވެ.
ސަރުކާރުން މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 101.71 މިލިއަން ރުފިޔާއަށެވެ. މި ހޮސްޕިޓަލް ނިމުމުން ތުލުސްދޫގެ ރައްޔިތުންނަށް ރަށުގައި ތިބެގެން ފެންވަރު ރަނގަޅު ސިއްހީ ހިދުމަތްތައް ލިބުމުގެ މަގު ފަހިވެގެންދާނެއެވެ.

