މާލޭގެ ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، ނޯތު ހާބަރުން ޚިދުމަތް ހޯދާ އުޅަނދުފަހަރުތަކަށް ވަގުތީގޮތުން 1 ނަމްބަރު ޖެޓީއިން ޚިދުމަތް ދިނުމުގައި އެއްވެސް ފީއެއް ނުނަގާނެކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފި އެވެ. މި ބަދަލު ގެނެސްފައިވަނީ މަގު ހެދުމުގެ މަސައްކަތަށް ބައެއް ސަރަޙައްދުތައް ބަންދުކުރުމާ ގުޅިގެންނެވެ.
މާލޭގެ އުތުރުން ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްގެންދަނީ ޖުމްލަ 5 ސެގްމަންޓަކަށް ބަހާލައިގެންނެވެ. މިގޮތުން ފުރަތަމަ ސެގްމަންޓްގެ މަސައްކަތް ނިންމާ، މިހާރު ކުރިއަށްދަނީ ދެވަނަ ސެގްމަންޓްގެ މަސައްކަތެވެ. މި ސެގްމަންޓުގައި ލޯކަލް މާރުކެޓު ސަރަޙައްދުން ފެށިގެން ނޯތު ހާބަރާ ހަމައަށް 250 މީޓަރުގެ ސަރަޙައްދެއް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. އެހެންކަމުން މިމަހުގެ 8 ވަނަ ދުވަހުން ފެށިގެން ނޯތު ހާބަރުގެ ޒޯން އޭގައި ޚިދުމަތް ދެމުންދާ އުޅަނދުތަކަށް ވަގުތީގޮތުން 1 ނަމްބަރު ޖެޓީއިން ޚިދުމަތް ދިނުމަށް ވަނީ ހަމަޖައްސާފައެވެ.
އެމްޕީއެލްއިން ވިދާޅުވީ، މަސައްކަތް ކުރިއަށްދާ މުއްދަތުގައި ނޯތު ހާބަރުގެ ޒޯން އޭގައި އަޅާފައިވާ ފަސިންޖަރުންނާއި މުދާ އުފުލާ އުޅަނދު ފަހަރުތައް 1 ނަމްބަރު ޖެޓީ ސަރަޙައްދަށް ބަދަލުކޮށް ޚިދުމަތް ދިނުމުގައި އެއްވެސް ފީއެއް ނުނަގާނެކަމަށެވެ. ނަމަވެސް، އެ ސަރަޙައްދަށް އުޅަނދުފަހަރު ވަދެ ކައިރިކޮށް އަދި އަޅާފައި ބޭއްވޭނީ މާލޭ ނޯތު ހާބަރުގެ ހާއްސަ ހުއްދައެއް ލިބިގެން ކަމަށް އެ ކުންފުނިން ބުނެއެވެ.
އެ ކުންފުނިން އިތުރަށް ހާމަކުރި ގޮތުގައި، އެ ސަރަޙައްދުގެ ކީވޯލަށް އުޅަނދުތައް ކައިރިކުރެވޭނީ މާލޭ ނޯތު ހާބަރުގެ ޒޯން އޭގެ އެއްގަމު ތޮށީގެ ކިޔު ތަރުތީބުންނެވެ. އަދި 1 ނަމްބަރު ޖެޓީގައި އުޅަނދެއް އެންމެ ގިނަވެގެން ބޭއްވޭނީ 10 ދުވަހުގެ މުއްދަތަކަށެވެ. އުޅަނދެއް ފުރުމަށްފަހު އަލުން ކީވޯލާއި ކައިރިކުރެވޭނީ އަލުން ކިޔުގައި ނޯޓުކޮށް ކިޔު ތަރުތީބުން ކަމަށްވެސް އެމްޕީއެލްއިން ވިދާޅުވެއެވެ.
މިގޮތަށް ޢަމަލުކުރުމަށް ނިންމާފައިވަނީ ހުރިހައި އުޅަނދުފަހަރަކަށްވެސް އެއްހަމައަކުން އަދި އެއް އުސޫލަކުން ޚިދުމަތް ދިނުމުގެ މަޤްޞަދުގައި ކަމަށް އެމްޕީއެލްއިން ފާހަގަކުރެއެވެ. ބޮޑުތަކުރުފާނު މަގުގެ 2 ވަނަ ސެގްމަންޓްގެ މަސައްކަތް އަންނަ ރަމަޟާން މަހުގެ ކުރިން ނިންމުމަށް މަޝްރޫޢުގެ ކޮންޓްރެކްޓަރ އެމްޓީސީސީން ދަނީ ބާރުސްޕީޑުގައި މަސައްކަތް ކުރަމުންނެވެ.

