ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ފަތުރުވެރިކަމުގެ ދާއިރާއަށް އިންވެސްޓަރުން ހޯދުމަށް ސަރުކާރުން ކުރި މަސައްކަތްތަކުގެ ތެރެއިން މިވީ މުއްދަތުގައި 27 ތަނެއް ތަރައްގީކުރަން ކުއްޔަށް ދޫކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.
ޓޫރިޒަމް އެންޑް އެންވަޔަރަމެންޓް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ވަޒީރު ތާރިގު އިބްރާހީމް ވިދާޅުވީ، މި ސަރުކާރުން ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްގީކުރަން ދޫކުރި 27 ތަނުގެ ތެރޭގައި ތަފާތު އެކި އުސޫލުތަކުން ދޫކުރެވުނު ތަންތަން ހިމެނޭ ކަމަށެވެ. އެގޮތުން ކްލޯޒްޑް ބިޑިންގެ ދަށުން 13 ތަނެއް ކުއްޔަށް ދޫކުރެވިފައިވާއިރު، ސަރުކާރުން ތައާރަފުކޮށްފައިވާ ކްރޮސް ސަބްސިޑީ އުސޫލުގެ ދަށުން 10 ތަނެއް ވަނީ ދޫކޮށްފައެވެ. މީގެ އިތުރުން އޯޕަން ބިޑިންގެ ދަށުން ހަތަރު ތަނެއް ދޫކޮށްފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ފަތުރުވެރިކަން ތަރައްގީވެފައި ނެތް ހަ އަތޮޅެއްގައި މި ސިނާއަތް ފުޅާކުރުމަށް ސަރުކާރުން ވަނީ ހާއްސަ އިނާޔަތްތަކެއް ތައާރަފުކޮށްފައެވެ. މީގެ ތެރޭގައި ލީސް އިކުއިޒިޝަން ކޯސްޓު ކުޑަކޮށްދިނުމާއި، ގްރޭސް ޕީރިއަޑުގެ ތެރޭގައި ތަނެއް ތަރައްގީކޮށް ހުޅުވައިފިނަމަ އެ މުއްދަތުގެ ކުލި ދެއްކުން ފަސްކުރުމުގެ އިހުތިޔާރު ދިނުން ހިމެނެއެވެ. އަދި ކެޕިޓަލް އިންވެސްޓުމެންޓުގެ 15 އިންސައްތައާ ހަމައަށް ޑިއުޓީ މައާފުކޮށްދިނުން ފަދަ ލުއިތައް ވެސް ހިމެނެއެވެ.
މީގެ އިތުރުން، އާއްމުކޮށް ބީލަމަށް ހުޅުވާލައިގެން ދޫކުރާ ފަޅާއި ރަށްރަށުގެ ލީސް އިކުއިޒިޝަން ކޯސްޓު ބަހާލައިގެން ދެއްކުމުގެ ފުރުސަތު ދިނުމާއި، ޑިއުޓީ މައާފުކުރުމުގެ އިތުރު ކެޓަގަރީތައް ކަނޑައެޅުން ފަދަ ގިނަ ލުއިތަކެއް ސަރުކާރުން ވަނީ އިންވެސްޓަރުންނަށް ފަހިކޮށްދީފައެވެ.
ރާއްޖޭގެ ފަތުރުވެރިކަމަށް މުޅިން އައު ޕްރޮޑަކްޓެއްގެ ގޮތުގައި ތައާރަފުކޮށްފައިވާ “ހަލާލް ޓޫރިޒަމް” ކޮންސެޕްޓުގެ ދަށުން ތަރައްގީކުރާ ތަންތަނަށް ވެސް ހާއްސަ އިނާޔަތްތަކެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން ލީސް އިކުއިޒިޝަން ކޯސްޓު 20 އިންސައްތަ ދަށްކޮށްދިނުމާއި، ގްރޭސް ޕީރިއަޑު ހަމަވުމުގެ ކުރިން ރަށް ތަރައްގީކޮށް ނިންމައިފިނަމަ ބާކީ މުއްދަތަށް ބިމު ކުލި ދައްކަން ނުޖެހޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.
ވަޒީރު ތާރިގު އިބްރާހީމް ވިދާޅުވި ގޮތުގައި، ހަލާލް ޓޫރިޒަމްގެ ދަށުން ހަ މަޝްރޫއެއް ހިންގުމަށް ހުޅުވާލި ފުރުސަތުގައި، މިހާރު ވަނީ އެއް މަޝްރޫއު ހިންގާނެ ފަރާތެއް ހޯދައި އެއްބަސްވުމުގައި ސޮއިކޮށް، އެކަމަށް ކަނޑައެޅި ތަން ކުއްޔަށް ދީފައެވެ.

