މާދަމާ އުޖާލާ ކުރެވޭނީ މިއަދު ޒުވާނުންގެ އަޑު އަހައިގެން ކަމަށާއި، ޒުވާނުންގެ ވިސްނުމާއި ބައިވެރިވުން މި ސަރުކާރުން ހޯއްދަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ “ނޭޝަނަލް ޔޫތު ކޮންފަރެންސް 2025” ގެ ތެރެއިން މިރޭ ބޭއްވި “ޔޫތު ކޮފީ ވިތު ޕްރެޒިޑެންޓް” ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ ޒުވާނުންނަކީ ގައުމު ކުރިއެރުވުމުގައި އެންމެ މުހިންމު ބައިވެރިން ކަމަށެވެ.
“ޒުވާނުންނަކީ ޤައުމު ކުރިއެރުމުގައި އެންމެ މުހިންމު ބައިވެރީން. މިއަދުވެސް އަދި އަމުދުން މާދަމާ. އެހެން ކަމުން މާދަމާ އުޖާލާ ކުރެވޭނީ މިއަދު ޒުވާނުންގެ އަޑު އަހައިގެން. އެއީ އަޅުގަނޑު ޤަބޫލުކުރާ ހަމައަކީ،” ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ޒުވާނުންގެ ކޮންމެ ޚިޔާލަކީވެސް އެމަނިކުފާނަށް ވަރަށް މުހިންމު ޚިޔާލެއް ކަމަށާއި، ސަރުކާރުން ކަންކަން ނިންމާއިރު ޒުވާނުންގެ ބައިވެރިވުން އޮތުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ފާހަގަކުރެއްވިއެވެ. ނަމަވެސް މިހާތަނަށް އެފަދަ ކަންކަން ކުރެވޭނެ ހަރުދަނާ ނިޒާމެއް ގާއިމުވެފައި ނެތުމުން، އެކަން އިސްލާހުކޮށް ޒުވާނުންގެ ލަފާ ހޯދުމަށް ޔޫތު އެޑްވައިޒަރީ ބޯޑެއް އެކުލަވާލާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ކޮންމެ ފެންވަރެއްގައިވެސް ނިންމުންތައް ނިންމުމުގައި ޒުވާނުންގެ ބައިވެރިވުން އޮތުމަކީ ބިނާކުރަނިވި އަދި ދެމެހެއްޓެނިވި ގޮތެއްގައި ކުރަންޖެހޭ ކަމެއް ކަމަށެވެ. މިރޭގެ ބައްދަލުވުމުގައި ޒުވާނުން ވަނީ ޔޫތު ޕާލިމަންޓް ހުއްޓިފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެކަމާ ގުޅިގެން ރައީސް ވިދާޅުވީ އެކަން ހުއްޓިފައި އޮތް ސަބަބު ބައްލަވާނެ ކަމަށާއި، ޒުވާނުންގެ ހުރިހާ ކަންބޮޑުވުންތަކަށް ހައްލެއް ހޯއްދަވައިދެއްވަން މަސައްކަތް ކުރައްވާނެ ކަމަށެވެ.

