ރަށްރަށުގައި ހިންގާ ހައުސިންގ މަޝްރޫޢުތަކުގައި އެރަށަކާއި ކައިރި ރިސޯޓުތަކުގައި މަސައްކަތްކުރާ ޒުވާނުންނަށް އިސްކަން ދިނުމަށް ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ޒުވާނުންނާއެކު ބޭއްވި “ޔޫތު ކޮފީ ވިތު ޕްރެޒިޑެންޓް” ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޒުވާނުން ބާރުވެރިކުރުވުމަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ބޯހިޔާވަހިކަމުގެ ދަތިކަން ކަމަށެވެ. ވަކިން ޚާއްޞަކޮށް ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ޒުވާނުންނަށް އޮތް އެންމެ ބޮޑު ތަކުލީފަކީ އާއިލާއާ ދުރުގައި ރިސޯޓުތަކުގައި ދިރިއުޅެންޖެހުން ކަމަށްވާތީ، ރިސޯޓުތަކާ ކައިރި ރަށްރަށުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ އެ ޒުވާނުންނަށް އާއިލާއާ ގާތުގައި ވަޒީފާ އަދާކުރުމަށް ލިބޭނެ ބޮޑު ފުރުސަތެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ސަރުކާރުން އެކި ރަށްރަށުގައި ހިންގުމަށް މިހާރުވެސް 800 އަށްވުރެ ގިނަ ހައުސިންގ ޔުނިޓްތަކުގެ މަޝްރޫޢުތައް ހަވާލުކޮށްފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެ މަޝްރޫޢުތަކުން ފްލެޓް ދޫކުރާއިރު ވަކި އިންސައްތައެއް ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ޚާއްޞަ ކުރެވޭނެ ކަމަށެވެ. “މީގެ ތެރޭގައި ހިމެނޭ ހައުސިންގ ޔުނިޓްތަކުގެ ތެރެއިން ވަކި ޕަސެންޓެއް މި ކަނޑައަޅަނީ އެރަށްތަކުން ފްލެޓްތައް ދޫކުރާއިރުގައި ވަކި ފަސެންޓެއް ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް. ޒުވާނުންނަށް އޭގަ އިސްކަން ލިބޭ ގޮތަށް އަޅުގަނޑުމެން ޝަރުތުކުރާނަން،” ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، މަސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ޒުވާނުންނަށާއި، އަލަށް އާއިލާއެއް ފަށައިގެން އުޅޭ ޒުވާނުންނަށްވެސް ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގައި އިސްކަންދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. މި އުސޫލަށް ރަށްރަށުގެ އިތުރުން މާލެ ސަރަހައްދުގައި ހިންގާ މަޝްރޫޢުތަކުގައިވެސް އަމަލުކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ހަމައެކަނި މާލެ ސަރަހައްދަށް ބަރޯސާނުވެ، މުޅި ރާއްޖެއަށް ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ފަތުރާލުން ކަމަށެވެ. މީގެ ސަބަބުން ޒުވާނުންނަށް އަމިއްލަ ރަށުގައި ނުވަތަ އާއިލާއާ ގާތުގައި ތިބެގެން މަސައްކަތްކޮށް، ކުރިއަށްދިއުމުގެ މަގު ފަހިވެގެންދާނެ ކަމަށް އެމަނިކުފާނު ޔަގީންކަން ދެއްވިއެވެ.

