މިސްކިތްތަކުގެ ތެރޭގައި “ސުތުރާ”ގެ ނަމުގައި އެކި ސިފަސިފައިގެ ތަކެތި ބެހެއްޓުމަކީ ސުންނަތުގައި ބަޔާންވެގެންވާ ސުތުރާގެ މަފްހޫމާއި މުޅިން ހިލާފު ކަމެއް ކަމަށާއި އެ ތަކެތި މިސްކިތްތަކުން ނެގުމަށް ސިޓީ ކައުންސިލުގައި އެދޭނެ ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ޑރ. ޝަހީމް ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ، މިފަހަކަށް އައިސް ނަމާދު ކުރާއިރު ކުރިމަތީގައި ބެހެެއްޓުމަށްޓަކައި ހާއްސަ ސިފަސިފައިގެ “ސުތުރާ”ތައް ހަދައިގެން މިސްކިތްތަކުގެ ތެރެއަށް ވެއްދިފައިވާ ކަމަށެވެ. ނަމަވެސް މިގޮތަށް އަމަލުކުރުމަކީ ރަސޫލާގެ ހަޔާތްޕުޅުގައި ވެސް، އަސްހާބު ބޭކަލުންގެ ހަޔާތްޕުޅުގައި ވެސް އަދި ހެޔޮކަން ބޮޑުވެގެންވާ ތިން ގަރުނުގައި ވެސް ކަންކޮށްފައިވާ ގޮތް ނޫން ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
“މިފަހަކަށް އައިސް ނަމާދު ކުރާއިރު ކުރިމަތީގައި ބެހެެއްޓުމަށްޓަކައި ސުތުރާގެ ނަމުގައި އެކި ސިފަ ސިފައިގެ ތަކެތި ހަދައިގެން މިސްކިތްތަކުގެ ތެރޭގައި ބަހައްޓައިގެން އުޅޭ. މިގޮތަށް މިސްކިތްތަކުގެ ތެރެއަށް ވައްދައިގެން އުޅޭ ސާމާނުތައް މިސްކިތްތަކުން ނަގައިދިނުމަށް ސިޓީކައުންސިލުގައި އެދޭނަން،” ވަޒީރު ވިދާޅުވިއެވެ.
ސުތުރާއަކީ ނަމާދުކުރާއިރު ނަމާދުކުރާ މީހާ އޭނާގެ ކުރިމަތިން މީހުން ހުރަސްކުރުން ހުއްޓުވުމަށް ބަހައްޓާ އެއްޗެކެވެ. ސުންނަތުން އެނގޭ ގޮތުގައި ސުތުރާގެ ގޮތުގައި އަސާއެއް ނުވަތަ ލޮންސިއެއް، ދުނިދަނޑިއެއް، ގަހެއް، ތަނބެއް، ފާރެއް ނުވަތަ އެފަދަ ކޮންމެ އެއްޗެެއް ބޭނުންކުރުން ވެސް ރަނގަޅެވެ.
ޑރ. ޝަހީމް ވިދާޅުވީ ސުންނަތުގައި ބަޔާންވެގެންވާ ސުތުރާގެ މަފްހޫމާއި ހިލާފު މިފަދަ ކަންކަން ފެތުރިގެން ދިއުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ. އަދި މިސްކިތްތަކުގައި މިފަދަ ހާއްސަ ސުތުރާތައް ބެހެއްޓުމުގެ ބަދަލުގައި ސުންނަތުގައި ވާރިދުވެފައިވާ ގޮތަށް، މިސްކިތުގެ ތަނބެއް ނުވަތަ ފާރެއް ފަދަ އާންމު ބޭނުމަކަށް ހުންނަ އެއްޗެއް ބޭނުންކުރުން މާ ރަނގަޅުވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މިސްކިތުގެ ތެރޭގައި ވަކި ހާއްސަ އެއްޗެއް ހަދައިގެން ސުތުރާގެ ގޮތުގައި ބެހެއްޓުން ރަނގަޅެއް ނޫން ކަމަށް އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ވެސް މީގެ ކުރިން ވަނީ ފަތުވާއެއް ނެރެފައެވެ. މިގޮތަށް އަމަލުކުރުމުން ސީދާ ސުންނަތާ އެއްގޮތަށް ކަންކަން ބަދަލުވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

