މާލޭގެ ސަލްޓަން ޕާކު ތަރައްގީކުރުމުގެ ގޮތުން ކުރިއަށްގެންދާ މަސައްކަތްތައް، މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލިބް އާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ މެނޭޖިންގޑިރެކްޓަރ އިބްރާހިމް ނަޡީމް އަދި ދެ މުއައްސަސާގެ އިސްވެރިން ބައްލަވާލައްވައިފިއެވެ.
މި މަޝްރޫޢަކީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އާއި އާރްޑީސީއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. ސަލްޓަން ޕާކުގައި ކުރަންޖެހޭ މަރާމާތުތަކެއް ހުރުމާ ގުޅިގެން، އެ ތަން އަލުން ތަރައްގީ ކުރުމަށްޓަކައި އާންމުންނަށް ބަންދުކޮށްފައި ވަނީ މިދިޔަ އޮގަސްޓު މަހުގެ ތެރޭގައެވެ.
ސަލްޓަން ޕާކު ޒަމާނީ ފެންވަރަށް އަލުން ތަރައްގީކުރުމަކީ މި ސަރުކާރުގެ މުހިންމު ވަޢުދެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ، ފަހުގެ ޓެކޮނޮލޮޖީއާއި ކުޅިވަރުގެ އިތުރު ވަސީލަތްތަކާއެކު ސަލްޓަން ޕާކު އަލުން ތަރައްގީކުރައްވާނެ ކަމަށް މިއަހަރުގެ ފެބްރުއަރީ މަހު ޢިއްޒުއްދީން ފާލަން ހުޅުވުމުގެ ރަސްމިއްޔާތުގައި ވިދާޅުވެފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ސަލްޓަން ޕާކު މިހާރު ފެންނަން އޮތް ބޮޑު ބަދަލާއެކު “ރަސްރަނި ބަގީޗާ” ގެ ނަމުގައި އެންމެ ފުރަތަމަ ތަރައްގީކުރީ ވެސް ރައީސް ޑރ. މުޢިއްޒު ހައުސިންގ މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި ދުވަސްވަރުއެވެ. މިހާރު ކުރިއަށްދާ މަސައްކަތްތަކަކީ އެތަނުގެ ވަސީލަތްތައް އިތުރަށް ފުރިހަމަކޮށް، ރައްޔިތުންނަށް ހިތްފަސޭހަ މައިޒާނެއްގެ ގޮތުގައި އެތަން ދެމެހެއްޓުމަށް ކުރެވޭ މަސައްކަތްތަކެކެވެ.

