ގުޅީފަޅުން އަދި ގިރާވަރުފަޅުން މިހާތަނަށް ބިން ދޫކޮށްފައިވާ ސަރަހައްދުތަކުގެ ބިން ކުރިއަށް އޮތް 3 މަސްދުވަހުގެ ތެރޭގައި ހިއްކާ ނިންމާލެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ މާލޭ ސަރަހައްދުގައި ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާ ގުޅޭގޮތުން “ޔޫތު ކޮފީ ވިތު ޕްރެޒިޑެންޓް” ޕްރޮގްރާމްގައި ޒުވާނަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ކުރިއަށްގެންދިއުމަށް ނިންމާފައިވާ ސަރަހައްދުތަކުގެ ބިން ހިއްކުމުގެ މަސައްކަތް މިހާރު ވަރަށް ބާރު ސްޕީޑެއްގައި ކުރިއަށްދާ ކަމަށެވެ. އެގޮތުން ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުން އަވަސްކުރުމަށްޓަކައި ދެ ޑްރެޖަރު ބޭނުންކޮށްގެން 24 ގަޑިއިރު މަސައްކަތް ކުރަމުންދާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ހުޅުމާލެ ފޭސް 3 ގެ ބިން ހިއްކާ ނިމުމާއެކު، އެ ސަރަހައްދުގައި ބޭނުންކުރާ ޑްރެޖަރުތައް ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތަށް ބަދަލުކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. “މިއަންނަ މަސްތެރޭގައި މި މަސައްކަތް ފެށިގެންދާނެ. މިހާރު އެސްޓިމޭޓްކުރަނީ ތިން މަސްދުވަހުގެ ތެރޭގައި މިހާރު ގޯތި ދީފަ، ނުހިކި ހުރި ހުރިހާ ސަރަހައްދެއް ހިއްކާ ނިންމާލުން. އޭގެ މާނައަކީ ހުޅުމާލެ ފޭސް 3 އަދި ގިރާވަރު ފަޅު،” ރައީސް ވިދާޅުވިއެވެ.
ގުޅީފަޅާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެ ފަޅުން ގޯތި ދޫކޮށްފައިވާ ހުރިހާ ސަރަހައްދެއް މިހާރު އެއްކޮށް ހިއްކާ ނިންމާލެވިފައިވާ ކަމަށެވެ. ނަމަވެސް، އިޤްތިޞާދީ އެކި ބޭނުންތަކަށްޓަކައި ގުޅީފަޅުން އިތުރަށް ބިން ހިއްކުމަށް ނިންމާފައިވާ ކަމަށްވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ.
ސަރުކާރުން މިހާރު އަންނަނީ ގުޅީފަޅުން ގޯތި ލިބުނު ފަރާތްތަކަށް ރަޖިސްޓްރީ ހަވާލުކުރުމުގެ މަސައްކަތް ކުރަމުންނެވެ. މިދިޔަ ޖުލައި މަހުގެ 12 ވަނަ ދުވަހުން ފެށިގެން ކުރިއަށްދާ މި މަސައްކަތުގެ ދަށުން، މިހާތަނަށް 2000 އަށްވުރެ ގިނަ މީހުންނަށް ގޯތީގެ ރަޖިސްޓްރީ ވަނީ ހަވާލުކޮށްފައެވެ.

