ސަރުކާރުން ކުރިއަށްގެންދާ “މޯލްޑިވްސް 2.0” މަޝްރޫޢާއެކު، ނިޒާމުގެ ތެރެއިން ޚިދުމަތް ހޯދުމަށް ނުވަތަ ޚިދުމަތް އަވަސްކުރުމަށް އެކި ފަރާތްތަކަށް ގުޅައިގެން އާދޭސްކުރަން ޖެހޭ ޖެހުން ނިމުމަކަށް އަންނާނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ. މި މަޝްރޫޢުގެ ސަބަބުން ދައުލަތުގެ ތެރޭގައި ކޮރަޕްޝަނަށް މަގުފަހިވާ ހުރިހާ ދޮރުތަކެއް ބަންދުވެގެންދާނެ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
މޯލްޑިވްސް 2.0 އަކީ ރާއްޖެ ޑިޖިޓަލައިޒްކޮށް، ސަރުކާރުގެ އެކި މުއައްސަސާތަކުން ރައްޔިތުންނަށް ދޭ ޚިދުމަތްތައް އެއް ވިއުގައެއްގެ ތެރެއިން ފޯރުކޮށްދިނުމަށް ހިންގާ ބޮޑު މަޝްރޫޢެކެވެ. ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ވަޒީރު އިޙްސާން ވިދާޅުވީ، މިހާތަނަށް ސަރުކާރުގެ 14 އިދާރާއެއްގެ 200 އެއްހާ ޚިދުމަތް މި ވިއުގައާ ގުޅާލެވިފައިވާ ކަމަށެވެ.
ވަޒީރު ވިދާޅުވީ މިހާރު އޮންނަ އުސޫލުން ކަމެއް އަވަސްކުރުމަށް ރައްޓެހިންނަށް ގުޅައިގެން މަސައްކަތް ކުރުމުގެ ސަގާފަތް މި ނިޒާމާއެކު ބަދަލުވާނެ ކަމަށެވެ. “ރާއްޖޭގައި މިހާރު މިއޮންނަ ގޮތަކީ ކަމެއް ބޭނުންވީމަ އެތަނެއްގައި ހުންނަ ރައްޓެއްސަކަށް ގުޅާލާފައި މިބުނަނީ އެކަމެއް އަވަސްކޮށްދޭށޭ. އެ ނިޒާމު ބަދަލުވާނެ، އެގޮތަށް ކަންކުރާނަމަ ސިސްޓަމުން ފްލެގްކުރާނެ މައްސަލައެއް އުޅޭކަން،” ވަޒީރު ވިދާޅުވިއެވެ.
މި މަޝްރޫޢުގެ ދަށުން އަންނަ އަހަރު ތަންފީޒުކުރެވޭ ކަންކަމަށް ބަލާއިރު، ރާއްޖޭގެ ޑޭޓާ އެކްސްޗޭންޖް ލޭޔަރ އެއްކޮށް ގުޅާލެވޭނެއެވެ. މިއާއެކު، އެކި އިދާރާތަކުން ވަކިވަކިން ޚިދުމަތް ހޯދަން ޖެހުމުގެ ބަދަލުގައި، އެންމެ “ކްލިކަކުން” ބޭނުންވާ ޚިދުމަތަކަށް ވާސިލުވުމުގެ ފުރުސަތު އާންމުންނަށް ލިބިގެންދާނެއެވެ.
ސަރުކާރުން ހާމަކުރައްވާ ގޮތުގައި، މި ޑިޖިޓަލައިޒޭޝަން މަޝްރޫޢުގެ ސަބަބުން މަޢުލޫމާތު ރައްކާކުރުމުގެ ނިޒާމު ހަރުދަނާވެ، ސައިބަރ ސެކިއުރިޓީ ވަރުގަދަވެގެންދާނެއެވެ. އަދި ފިޒިކަލް ކިއުތަކުގެ ބަދަލުގައި ޑިޖިޓަލްކޮށް ޚިދުމަތް ލިބޭގޮތްވުމުން، ރާއްޖޭގެ ކޮންމެ ސަރަޙައްދެއްގައި ހުރެގެންވެސް ފަސޭހަކަމާއެކު ޚިދުމަތް ހޯދުމުގެ މަގު ތަނަވަސްވެގެންދާނެއެވެ.

