މާލެ ސަރަހައްދުގައި ތަރައްގީކުރުމަށް ނިންމާފައިވާ ރޭސިން ޓްރެކް އަޅާނީ މާލެ-ހުޅުމާލެ ހައިވޭ ކައިރީގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހާމަކުރައްވައިފިއެވެ. ރައީސް މިކަން ހާމަކުރެއްވީ ރޭ ޒުވާނުންނާއެކު ބޭއްވި “ޔޫތު ކޮފީ ވިތު ޕްރެޒިޑެންޓް” އިވެންޓްގައި ޒުވާނަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ރައީސް ވިދާޅުވީ މާލެ އަދި އައްޑޫގައި ރޭސިން ޓްރެކް އަޅާނެ ކަމަށާއި، މާލެ ސަރަހައްދުގައި މި ޓްރެކް އެޅުމުގެ މަޝްރޫއު މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އާ ހަވާލުކުރަން މިހާރު ނިންމާފައިވާ ކަމަށެވެ. މި މަސައްކަތް އެމްއޭސީއެލްއިން ވަރަށް އަވަހަށް ފަށާނެ ކަމުގެ ޔަގީންކަން ވެސް ރައީސް ދެއްވިއެވެ.
ރޭސިން ޓްރެކް އެޅުމަށް ހައިވޭ ކައިރި ހަމަޖެއްސި ސަބަބާ ގުޅޭގޮތުން ރައީސް ވިދާޅުވީ، “މިހާރު މާލެ ސަރަހައްދުގައި ޓްރެކް އަޅާނެ ތަން ކަނޑައަޅައި، އެ މަޝްރޫއު މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އާ ހަވާލުކުރަން ވަނީ ނިންމާފައި” ކަމަށެވެ. އަދި މީހުން ދިރިއުޅޭ ސަރަހައްދެއްގައި މިފަދަ ޓްރެކެއް ގާއިމްކޮށްފިނަމަ އާންމުންނަށް އުނދަގޫތަކާ ކުރިމަތިވާނެތީ، އެންމެ އެކަށީގެންވާ ތަނަކީ ހައިވޭއާ ޖެހިގެން އޮތް ސަރަހައްދު ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ކުޅިވަރާއި މުނިފޫހިފިލުވުމުގެ ޕްރޮގްރާމުތަކަށް 403 މިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ. މީގެ ތެރެއިން ރޭސިން ޓްރެކްތައް އެޅުމުގެ މަސައްކަތަށް 2.4 މިލިއަން ރުފިޔާ ވަނީ ބަޖެޓުގައި ކަނޑައަޅާފައެވެ.
ޒުވާނުންނަށް ތަފާތު ކުޅިވަރުތަކުގައި ބައިވެރިވުމުގެ ފުރުސަތު ހޯދައިދީ، އެކި ދާއިރާތަކުން ހުނަރު ތަރައްގީ ކުރުމަށް އެހީތެރިވުމަކީ މި ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

