މާލޭގެ ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ދެވަނަ ސެގްމެންޓްގެ މަސައްކަތް ކުރިއަށްދާއިރު، އެ ސަރަހައްދުގައި ހުރި ގަސްތައް ނަގައި ހުޅުމާލޭގައި އިންދުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފިއެވެ.
އެމްޓީސީސީއިން މައުލޫމާތު ދެއްވި ގޮތުގައި ބޮޑުތަކުރުފާނު މަގުގެ ސެގްމެންޓް 2 ގެ މަސައްކަތުގެ ދަށުން ގިނަ ގަސްތަކެއް ނަގަމުންދާ ކަމަށާއި، އެ ގަސްތައް އެހެން ސަރަހައްދަކަށް ބަދަލުކުރުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ގުޅިގެން ކުރަމުންދާ ކަމަށެވެ. އެގޮތުން މިހާތަނަށް ނެގި ގިނަ ގަސްތަކެއް މިހާރު ވަނީ ހުޅުމާލެ ޗެނަލް ޕާކް ސަރަހައްދުގައި އިންދާފައެވެ.
އެ ކުންފުނިން އިތުރަށް ވިދާޅުވީ، ތަރައްގީގެ މަޝްރޫއުތައް ކުރިއަށްގެންދާއިރު އެމްޓީސީސީއިން އަބަދުވެސް އެންމެ ބޮޑު އިސްކަމެއް ދޭނީ ތިމާވެށި ރައްކާތެރިކުރުމަށް ކަމަށެވެ. އެހެންކަމުން މަގު ހެދުމަށްޓަކައި ނަގަންޖެހޭ ގަސްތައް ނައްތާލުމުގެ ބަދަލުގައި، އެ ގަސްތައް ދިރުވައި އާލާކުރެވޭނެ އެހެން ސަރަހައްދުތަކަށް ބަދަލުކުރުމަކީ އެ ކުންފުނީގެ އަމާޒެކެވެ.
މާލޭގެ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިއަހަރުގެ އޮގަސްޓް މަހުގެ 21 ވަނަ ދުވަހުއެވެ. ތިން ސެގްމަންޓަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން ބޮޑުތަކުރުފާނުމަގު އުތުރު ފަރާތުން ހަތަރު ލޭންއަށް މަގު ފުޅާކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި މަސައްކަތުގެ ދަށުން ހުޅުމާލެ ފެރީ ޓާމިނަލުން ފެށިގެން ލޯކަލް މާރުކޭޓާ ހަމައަށް 830 މީޓަރުގެ ސަރަޙައްދެއްގައި ތާރު އެޅުމާއި، ދުވާރުތައް ހެދުމުގެ އިތުރުން ފެން ހިންދާ ނިޒާމް ގާއިމުކުރުން ހިމެނެއެވެ. މީގެ އިތުރުން މަގު ބޭނުންކުރާ ފަރާތްތަކުގެ ސަލާމަތަށްޓަކައި ރޯޑް މާކިން ކުރެހުމާއި ސައިން ބޯޑް ހަރުކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާނެއެވެ.
މިހާރު ކުރިއަށްދާ މަސައްކަތްތަކަށް ބަލާއިރު، މި މަޝްރޫއުގެ ފުރަތަމަ ސެގްމެންޓްގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިންމާލާފައެވެ. އެ ސަރަހައްދުގެ މަސައްކަތް ނިމުމާއެކު މިހާރު ވަނީ އާންމު ދަތުރުފަތުރަށް އެ ސަރަހައްދު ހުޅުވާލާފައެވެ.

