މަސްތުވާތަކެތީގެ ކެފޭގެ ގޮތުގައި ބޭނުންކުރަމުންދިޔަ 11 ތަނެއް މިއަހަރުގެ ތެރޭގައި ބަންދުކޮށްފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ. މިކަން ހާމަކުރެއްވީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އޮޕަރޭޝަންސް ފާތިހު މުޙައްމަދު ވިދާޅުވީ، މަސްތުވާތަކެތީގެ ކެފޭތައް ހުއްޓުވުމަށް ހިންގި ޚާއްޞަ އޮޕަރޭޝަންތަކުގެ ތެރެއިން 11 ތަނެއް ބަންދުކުރެވިފައިވާ ކަމަށެވެ. މާލެ ސަރަޙައްދުގައި މިފަދަ ގިނަ ކެފޭތަކެއް ހިންގަމުންދާއިރު، ފުލުހުން އަންނަނީ މިކަން ހުއްޓުވުމަށް ބޮޑެތި އޮޕަރޭޝަންތަކެއް މިއަހަރު ތެރޭގައި ހިންގަމުންނެވެ.
މިއަހަރުގެ ޖަނަވަރީ 1 އިން ފެށިގެން ޑިސެމްބަރު 20 ގެ ނިޔަލަށް މުޅި ރާއްޖޭގައި މަސްތުވާތަކެތީގެ 188 އޮޕަރޭޝަން ހިންގާފައިވާކަމަށް ފާތިހު ވިދާޅުވިއެވެ. މި އޮޕަރޭޝަންތަކުގައި ފާހަގަކުރެވުނު ބިދޭސީންގެ ތެރެއިން 137 މީހަކު ޑީޕޯޓްކުރުމަށް މޯލްޑިވްސް އިމިގްރޭޝަނާ ވަނީ ޙަވާލުކޮށްފައެވެ. މީގެ އިތުރުން، މަސްތުވާތަކެތި ބޭނުންކުރާ 301 މީހަކު ޑްރަގް ކޯޓު މެދުވެރިކޮށް ފަރުވާ ދިނުމަށް ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އާ ވަނީ ޙަވާލުކޮށްފައެވެ.
ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިއަހަރުގެ ތެރޭގައި ޖުމްލަ 16,024 މީހެއްގެ ބޮޑީޗެކް ހަދާފައިވެއެވެ. މީގެ ތެރޭގައި މަސްތުވާތަކެތީގެ ޓްރެފިކިން މިންގަނޑަށް ފެތޭ މީހުންނާއި މިފަދަ މައްސަލަތަކުގައި ޝާމިލްވާކަމަށް ބެލެވޭ މީހުން ހިމެނެއެވެ. ބޮޑީޗެކް ކުރުމުގެ ތެރެއިން 997 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް ވެސް ފުލުހުން މިއަދު މަޢުލޫމާތު ދީފައިވެއެވެ.

