ރާއްޖޭގައި އިތުރުވަމުން އަންނަ ސައިބަރ ކުށްތައް މަދުކުރުމަށްޓަކައި، އަންނަ އަހަރު ސައިބަރ ސެކިއުރިޓީއާ ގުޅޭ ޚާއްސަ ޤާނޫނެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ އޮންލައިން ޕްލެޓްފޯމްތަކުގައި ހިންގާ ކުށްތައް ހުއްޓުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.
ރާއްޖޭގައި ސައިބަރ ކުށްތައް އިތުރުވުމަކީ އާންމުންގެ ބޮޑު ކަންބޮޑުވުމެއް އޮތް ކަމެކެވެ. ވަކިން ޚާއްސަކޮށް އެކި ބާވަތުގެ ސްކޭމްތަކުގައި ގިނަ އަދަދެއްގެ ފައިސާ ފޭރުމާއި، އޮންލައިން ޕްލެޓްފޯމްތަކުގައި ހަނގާކުރުމާއި ފޮށުން ފަދަ ނޭދެވޭ އަމަލުތައް އިތުރުވަމުންދާކަމުގެ ޝަކުވާ ވަނީ ބޮޑުވެފައެވެ. ޒުވާނުންނާއެކު ބޭއްވި “ކޮފީ ވިތް ޕްރެޒިޑެންޓް” ބައްދަލުވުމުގައިވެސް ޒުވާނުން ވަނީ މިކަންބޮޑުވުންތައް ރައީސާ ހިއްސާކޮށްފައެވެ.
މިކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސައިބަރ ސެކިއުރިޓީއާ ގުޅޭގޮތުން މިހާރު ޤާނޫނީ ގޮތުން އެކަށީގެންވާ ރައްކާތެރިކަމެއް ނެތް ކަމަށެވެ. “ސައިބަރ ސެކިއުރިޓީއާއި ގުޅޭގޮތުން ޤާނޫނީގޮތުންވެސް މާބޮޑުވެސް ރައްކާތެރިކަމެއް ނެތް އަދިއެއް މިކަމުގައި. އަޅުގަނޑުމެން މިހާރު މިއުޅެނީ ސައިބަރ ސެކިއުރިޓީ އެކްޓެއް ގެންނަންވެގެން،” ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، މިދިޔަ އަހަރު ޤާއިމުކުރި ނޭޝަނަލް ސައިބަރ ސެކިއުރިޓީ އޭޖެންސީގެ މަސައްކަތްތައް އެންމެ ފުރިހަމައަށް ހިންގައިގަނެވޭނީ މި ޤާނޫނު ވުޖޫދުވުމުން ކަމަށެވެ. މީގެ އިތުރުން ސައިބަރ އިންސިޑެންޓް ރެސްޕޮންސް ޓީމެއް ޤާއިމުކުރުމާއި، ސައިބަރ ކްރައިމްއާ ދެކޮޅަށް މަސައްކަތްކުރާނެ މީހުން ބިނާކުރުމުގެ މަސައްކަތްވެސް ކުރިއަށްދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ބައިނަލްއަޤުވާމީ ފެންވަރުގައި ކުރެވޭ މަސައްކަތްތަކަށް ބަލާއިރު، ރާއްޖެއަކީ އދ. އިން އެކުލަވާލާފައިވާ “ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އެގެއިންސްޓް ސައިބަރކްރައިމް” މުޢާހަދާގައި އެންމެ ފުރަތަމަ ބައިވެރިވި ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެކެވެ. މިއީ ސައިބަރ ކުށްތައް ހުއްޓުވުމަށް ދުނިޔޭގެ ޤައުމުތައް ގުޅިގެން މަސައްކަތް ކުރުމަށް އެކުލަވާލާފައިވާ މުހިއްމު މުޢާހަދާއެކެވެ.

