މަސްވެރިން ބާނާ މަހަށް ގަވާއިދުން ފައިސާ ދޫކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، ފާއިތުވި ހަތް ދުވަހުގެ ތެރޭގައި މަސް ދޯނިފަހަރަށް 21 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފި އެވެ. މިފްކޯއިން އެންމެ ފަހުން ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދު އެކަނިވެސް 36 އުޅަނދަކަށް 1,655,461.01 ރުފިޔާ ވަނީ ދޫކޮށްފަ އެވެ. މިއީ މި މަހުގެ 22 ވަނަ ދުވަހު ކިރުވި މަހަށްވާ ފައިސާ ކަމަށް އެ ކުންފުންޏުން ބުނެއެވެ.
މަސްވެރިން ބާނާ މަހަށް 48 ގަޑިއިރު ތެރޭގައި ފައިސާ ހަމަޖައްސައިދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެ ވައުދުފުޅާ އެއްގޮތަށް ސަރުކާރުން މިހާރު އަންނަނީ މަސްވެރިން ކިރުވާ މަހަށް ގަވާއިދުން ފައިސާ ދޫކުރަމުންނެވެ. މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު، ނިމިދިޔަ ސަރުކާރުން މަސްވެރިންނަށް ނުދީ އޮތް 250 މިލިއަން ރުފިޔާގެ ބެކްލޮގްވެސް ވަނީ އެއްކޮށް ދައްކާ ހަލާސްކޮށްފަ އެވެ.
ބެކްލޮގް ހުސްކުރުމަށްފަހު މަސްވެރިންނަށް ގަވައިދުން ފައިސާ ހަމަޖައްސަވައިދެއްވާނެކަމަށް ރައީސް ޑރ. މުޢިއްޒު އިއުލާންކުރެއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. މި ނިންމުމާއެކު މަސްވެރިންނަށް ލިބޭ އިތުބާރު ބޮޑުވެ، މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރު މިފްކޯއަށް މަސްކިރުވި މިންވަރު އިތުރުވެފައިވާކަން ތަފާސްހިސާބުތަކުން ދައްކައެވެ.
މަސްވެރިންނަށް ފައިސާ ދޫކުރުމުގެ އިތުރުން، މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ސަރުކާރުން އަންނަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން މަސްވެރިންނަށް ކުރިމަތިވާ މާލީ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، މިފްކޯ މެދުވެރިކޮށް މަސްވެރިންނަށް ވިއްކާ ތެލުގެ އަގުވެސް މިހާރު ވަނީ ހެޔޮކޮށްފަ އެވެ.

