ރަސްމާލެ ހިއްކުމުގެ ބިޔަ މަޝްރޫޢުގެ ދަށުން ސައިޓް އޭ އިން ހިއްކުމަށް ކަނޑައަޅާފައިވާ 137.5 ހެކްޓަރުގެ ތެރެއިން 41 ހެކްޓަރުގެ ބިން މިހާރު ހިއްކާ ނިމިފައިވާކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހާމަކޮށްފިއެވެ. މިއީ އެ ސަރަޙައްދުން ހިއްކުމަށް ހަމަޖެހިފައިވާ ބިމުގެ 30 އިންސައްތަ މަސައްކަތެވެ.
ޖުމްލަ 1009 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާ މި މަޝްރޫޢަކީ 12 ސަރަޙައްދަކަށް ބަހާލައިގެން ކުރިއަށްގެންދާ މަސައްކަތެކެވެ. މި މަސައްކަތުގައި ތިން ފަރާތަކުން ބައިވެރިވަމުންދާއިރު، މަސައްކަތުގެ ދުވެލި އަވަސްކުރުމަށްޓަކައި އެމްއޭސީއެލް އިން ވަނީ ދެ ޑްރެޖަރެއް މި މަސައްކަތަށް ނެރެފައެވެ. ސަރުކާރުން ފާހަގަކުރާ ގޮތުގައި މި ބަދަލާއެކު ބިން ހިއްކުމުގެ މަސައްކަތް މިހާރު ދަނީ ވަރަށް ހަލުވިކަމާއެކު ކުރިއަށެވެ.
މަޝްރޫޢުގެ ދުވެލި އިތުރަށް ބާރުކުރުމުގެ ގޮތުން، ދުނިޔޭގެ އެންމެ ބޮޑު އެއް ހޮޕަރ ޑްރޭޖަރު ކަމަށްވާ “ކްރިސްޓޮބަލް ކޮލޮން” މި މަސައްކަތުގައި ބޭނުންކުރަން ވަނީ ފަށާފައެވެ. މި ޑްރެޖަރު ރަސްމާލެ ހިއްކުމުގެ މަސައްކަތުގައި ބޭނުންކުރަން ފަށާފައިވަނީ މި ހިނގާ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުއެވެ. މި ބޮޑު ޑްރެޖަރާއެކު މަސައްކަތުގެ ދުވެއްޔަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް ބެލެވެއެވެ.
ރަސްމާލެ މަޝްރޫޢަކީ 2023 ވަނަ އަހަރު ސަރުކާރުން ފެށި، ތިމާވެއްޓާ ރައްޓެހި “އިކޯ ސިޓީ” އެއްގެ ގޮތުގައި ތަރައްޤީކުރާ ސަރަޙައްދެކެވެ. މި މަޝްރޫޢުގެ ބިން ހިއްކުމުގެ މަސައްކަތް އެއްކޮށް ނިމުމުން، ރަސްމާލެ މާސްޓަރ ޕްލޭންގެ ދަށުން ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާއި، އިޤްތިޞާދީ ގިނަ މަސައްކަތްތަކެއް ފެށިގެންދާނެ ކަމަށް ސަރުކާރުން މަޢުލޫމާތުދެއެވެ

