ވ. އަތޮޅު ކުޑަ އަންބަރާގެ ތިން މޭލު ބޭރުގައި އޮތް “ޔަސާވާ ޕްރިންސަސް” ނަމަކަށް ކިޔާ ސަފާރީއެއްގައި މިއަދު ހަވީރު އަލިފާން ރޯވެއްޖެއެވެ. މި ހާދިސާގެ މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފް އާއި ފުލުހުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.
ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި، މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިއަދު ހަވީރު 17:54 އެހާކަންހާއިރުއެވެ. ހާދިސާގެ މައުލޫމާތު ލިބުމާއެކު ފުލުހުން ވަނީ ވަގުތުން އެ ސަރަހައްދަށް ގޮސް، ސަފާރީގައި ތިބި މީހުން ސަލާމަތްކުރުމުގެ މަސައްކަތް ފަށާފައެވެ.
ފުލުހުން ވަނީ ސަފާރީގައި ތިބި ހުރިހާ ފަތުރުވެރިންނާއި ފަޅުވެރިން ސަލާމަތްކޮށް، އެ އަތޮޅު ފެލިދޫއަށް ގެންގޮސްފައެވެ. ސަލާމަތްކުރެވުނު މީހުންގެ ތެރޭގައި ޖުމްލަ 17 ފަތުރުވެރިންނާއި 8 ފަޅުވެރިން ހިމެނެއެވެ.
ފަތުރުވެރިންގެ ތެރޭގައި ހިމެނެނީ 5 ފިރިހެނުންނާއި 12 އަންހެނުންނެވެ. ފަޅުވެރިންގެ ގޮތުގައި ތިބީ 3 ދިވެހިންނާއި، ބަންގްލަދޭޝްގެ 5 ފިރިހެނުންގެ އިތުރުން ޖަރުމަނުވިލާތުގެ ރައްޔިތެކެވެ.
ފުލުހުން މިހާރުވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާއިރު، އަލިފާން ރޯވާން ދިމާވި ސަބަބާއި މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

