13 އަހަރުގެ ކުއްޖާ މަރާލި މައްސަލައިގައި ކުޑަކުއްޖާ 17 އަހަރަށް ބަންދުކުރަން ހުކުމްކޮށްފި އެވެ.
ހުޅުމާލޭގައި 13 އަހަރުގެ ފިރިހެން ކުއްޖަކު ރަހީނުކޮށް މަރާލުމަށްފަހު ފޮށްޓަކަށްލައި މޫދަށް އެއްލާލި މައްސަލައިގައި ތުހުމަތުކުރެވޭ ކުޑަކުއްޖާ 17 އަހަރަށް ޑިޓެންޝަން ސެންޓަރެއްގައި ބަންދުކުރުމަށް ޖުވެނައިލް ކޯޓުން، ހުކުމް ކުރީ މިދިޔަ އަންގާރަ ދުވަހު އެވެ.
2 ޖޫން 2021 ވަނަ ދުވަހުގެ ދަންވަރު ހިނގި މި ހާދިސާއާ ގުޅިގެން ދައުލަތުން ދައުވާ އުފުލި މި ކުއްޖާއަކީ ހާދިސާ ހިނގިއިރު އުމުރުން 17 އަހަރުގެ ކުއްޖެކެވެ.
މި މައްސަލައިގައި އެ ކުއްޖާގެ މައްޗަށް ދައުލަތުން ތިން ދައުވާއެއް އުފުލާފައިވެއެވެ. އެއީ ގަސްދުގައި މީހަކު މެރުމުގެ ދައުވާ އާއި، ހުއްދަ ނޫން ގޮތުގައި މީހަކު ހިފެހެއްޓުމުގެ ދައުވާގެ އިތުރުން މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ދައުވާ އެވެ. ޖުވެނައިލް ކޯޓުން ނިންމާފައިވަނީ މި ތިން ދައުވާވެސް އެ ކުއްޖާގެ މައްޗަށް ސާބިތުވާ ކަމަށެވެ.
މިމައްސަލައިގައި އިތުރު ބޮޑު މީހެއް ހިމެނެއެވެ. ކްރިމިނަލް ކޯޓަށް ދައުވާ ހުށަހަޅާފައިވާ ނ. ލަންދޫ ބަގީޗާގެ އިބްރާހިމް ޒިހާންގެ މައްޗަށް ޖުމްލަ 13 ދައުވާއެއް އުފުލާފައިވާއިރު، ކްރިމިނަލް ކޯޓުގައި އޭނާގެ ޝަރީއަތް ކުރިއަށްދަނީ ސިއްރުކޮށްގެންނެވެ. ޖުވެނައިލް ކޯޓުން ނިންމާފައިވަނީ ޒިހާންގެ މައްސަލައިގައި ކްރިމިނަލް ކޯޓުން ހުކުމެއް ކުރުމުން، މަރުގެ ދިޔައާ މެދު ގޮތެއް ކަނޑައެޅުމަށް އަލުން ޖުވެނައިލް ކޯޓަށް ހުށަހެޅުމަށެވެ.
އަދަބުތަކުގެ ތަފްސީލު
ގަސްދުގައި މީހަކު މެރުމުގެ ކުށުގެ އަދަބެއްގެ ގޮތުން ކޯޓުން ހުކުމްކުރީ 16 އަހަރާއި 10 މަހާއި 7 ދުވަހަށް ކުޑަކުދިންގެ ކަރެކްޝަނަލް މަރުކަޒެއްގައި ބަންދުކުރުމަށެވެ. ނަމަވެސް، ހުކުމްކުރުމުގެ ކުރިން ބަންދުގައި ހޭދަކުރި 4 އަހަރާއި 6 މަހާއި 2 ދުވަސް އުނިކުރުމުން، އޭނާ ތަންފީޒުކުރަން ޖެހޭނީ 12 އަހަރާއި 4 މަހާއި 5 ދުވަހުގެ ބަންދެކެވެ. މީގެ އިތުރުން، ކައްފާރާއެއްގެ ގޮތުން ވިދިވިދިގެން 2 މަސް ދުވަހު ރޯދަ ހިފުމަށްވެސް ވަނީ ހުކުމްކޮށްފައެވެ.
ދެން އޮތް ދެ ދައުވާގެ ތެރެއިން، ހުއްދަނޫން ގޮތުގައި މީހަކު ހިފެހެއްޓުމުގެ ކުށަށް 11 މަހާއި 9 ދުވަސް، އަދި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ކުށަށް 18 ދުވަހުގެ ބަންދުގެ އަދަބެއް ވަނީ ކަނޑައަޅާފައެވެ. މި ހުރިހާ އަދަބުތަކެއް އެކުވުމުން ޖުމްލަ އަދަބު 17 އަހަރަށްވުރެ ގިނަވެއެވެ.

