މި ހިނގާ ޑިސެންބަރު މަހާއި އަންނަ ޖެނުއަރީ މަހުގެ ތެރޭގައި ރާއްޖެއިން ޖުމްލަ 7,726 މީހުން އުމްރާގެ އަޅުކަން އަދާކުރުމަށް މައްކާއަށް ދާނެ ކަމަށް އިސްލާމީ ކަންކަމާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ. މިކަން ހާމަކުރައްވާފައިވަނީ އިސްލާމީ ކަންކަމާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
ވަޒީރު ވިދާޅުވި ގޮތުގައި މި ހަފްތާގެ ތެރޭގައި ގިނަ އަދަދެއްގެ އުމްރާވެރިން ފުރަން ފަށާނެއެވެ. މިގޮތުން ސްކޫލް ބަންދާ ދިމާކޮށް އުމްރާއަށް ދާ އެންމެ ފުރަތަމަ ގްރޫޕް މި މަހުގެ 21 ވަނަ ދުވަހު ވަނީ ފުރާފައެވެ. އެ ދުވަހު ޖުމްލަ 262 އުމްރާވެރިން ވަނީ މައްކާއަށް ދިއުމަށް ފުރާފައެވެ.
މި ފަހަރުގެ އުމްރާ ދަތުރުތަކުގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ އުމްރާވެރިން ފުރަން ހަމަޖެހިފައިވަނީ މި މަހުގެ 28 ވަނަ ދުވަހުއެވެ. އެ ދުވަހު އެކަނިވެސް 1,049 އުމްރާވެރިން މައްކާއަށް ފުރުމަށް ހަމަޖެހިފައިވާ ކަމަށް އިސްލާމީ ކަންކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.
އުމްރާވެރިންގެ އެންމެ ފަހު ގްރޫޕް ފުރުމަށް ހަމަޖެހިފައިވަނީ އަންނަ ޖެނުއަރީ މަހުގެ 9 ވަނަ ދުވަހުއެވެ. އެ ދުވަހު 298 އުމްރާވެރިން ފުރާނެ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
ސްކޫލް ބަންދާއި ސަރުކާރު ބަންދު ދުވަސްތަކާ ދިމާކޮށް ކޮންމެ އަހަރަކުވެސް ރާއްޖެއިން ގިނަ އަދަދެއްގެ ބަޔަކު އުމްރާގެ އަޅުކަމަށް މައްކާއަށް ދެއެވެ. މިދިޔަ އަހަރުގެ ބަންދާ ދިމާކޮށްވެސް ރެކޯޑް އަދަދަކަށް މީހުން އުމްރާއަށް ގޮސްފައިވާކަން ފާހަގަކުރެވެއެވެ.

